ރައީސް ޑރ. މުހައްމަދު މުއިއްޒު، ހއ. އަތޮޅުގެ ބައެއް ރަށްތަކަށް ކުރެއްވި ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު މާލެ ވަޑައިގެންފިއެވެ.

އެ ދަތުރުފުޅަށްފަހު މިއަދު ހަވީރު ރައީސް މާލެ ވަޑައިގެންނެވި އިރު، ދަތުރުފުޅުގައި އެ މަނިކުފާނު ވަނީ ހއ. އަތޮޅުގެ ދިހަ ރަށަކަށް ޒިޔާރަތްކުރައްވައި، ރަށު ކައުންސިލުތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި، ރަށްރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި، އެ ރަށްރަށުގެ ތަރައްގީއަށް ބޭނުންވާ ކަންކަމާއި، ރައްޔިތުން އެންމެ އެދޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފައެވެ.

ރައީސްގެ އެ ދަތުރުފުޅުގެ ތެރެއިން ބައެއް މަޝްރޫއުތަކުގައި ސޮއިކޮށް، ބައެއް މަޝްރޫއުތަކުގެ ބިންގާ އެޅިގެންދިޔައެވެ. އޭގެ އިތުރުން ކައުންސިލުތަކުގެ އާ އިމާރާތްތަކުގެ ބިންގާ އަޅާފައިވެއެވެ. އަދި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގެ އޭޓީއެމްތައް ބެހެއްޓުމަށް ކައުންސިލުތަކާ ވަނީ ހަވާލުކޮށްފައެވެ.

އެ ރަށްރަށަށް ވަޑައިގެން ރައީސް ވަނީ ރިޔާސީ ވައުދުފުޅުތައް ފުއްދަވައިދެއްވާނެކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެއްވައިފައެވެ. އެގޮތުން އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި އޮތް ބޯހިޔާވަހިކަމަށް ވެވަޑައިގެންފައިވާ ވައުދުފުޅުތަކުގެ ދަށުން ރަށްރަށުގައި ހަދާ ހައުސިން ޔުނިޓުތަކުގެ މައުލޫމާތު އެ މަނިކުފާނު ދެއްވިއެވެ.

ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރެއްވުމަށާއި، އަތޮޅުތަކާއި ރަށްތަކާއި އަދި ސިޓީތަކުގެ ލޯކަލް ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް ކުރިއަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ހއ. އަތޮޅުގެ ރަށްތަކަށް ރައީސް ކުރެއްވި ތިން ދުވަހުގެ އެ ދަތުރުފުޅުގައި ސަރުކާރުގެ ވަޒީރުންނާއި ކުންފުނިތަކުގެ ބައެއް އިސްވެރިން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.