މާލެއާއި ރާއްޖޭގެ އެހެން ސަރަހައްދުތަކުގެ ވައި ނުސާފުވެފައިވާ ކަމަށް މެޓް އޮފީހުން ބުނެފިއެވެ.

މެޓް އޮފީހުގެ އޮފިޝަލަކު މިއަދު "ވަން" އަށް މައުލޫމާތުދެއްވި ގޮތުގައި، ލޮލަށް ފެންނަ ދުރުމިން އިއްޔެ ތިން ކިލޯމީޓަރުގައި ހުރި އިރު، މިއަދު ދެ ކިލޮމީޓަރަށް ވަނީ ވެއްޓިފައެވެ. އަދި އާންމުކޮށް ލޮލަށް ފެންނަ ދުރުމިން 10 ކިލޯމީޓަރުގައި ހުންނަ ކަމަށް ވިދާޅުވިއެވެ.

އަދި ހަނިމާދޫގައި ލޮލަށް ފެންނަ ދުރުމިން މިއަދު ހެނދުނު ހަ ކިލޯމީޓަރުގައި ހުރި އިރު، މިހާރު ހަ ކިލޯމީޓަރަށް ދަށްވެފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

އިތުރު ތަފްސީލުދެއްވަމުން އޮފިޝަލު ވިދާޅުވީ މެދުރާއްޖެތެރެއަށް މި ދުމުގެ އަސަރުކޮށްފައިވާ އިރު، ހުވަދު އަތޮޅާ ހިސާބާ ހަމައަށްވެސް ދުމުގެ އަސަރުކޮށްފައިވާ ކަމަށެވެ.

މިއީ ކޮންމެ އަހަރަކުވެސް އިރުވައި މޫސުމާ ގުޅިގެން އަންނަ ދުމެއް ކަމަށާއި، މީގެ ކުރިން އައި ވިއްސާރައާ ގުޅިގެން މި ދުމުގެ އަސަރު ފިލާފައިވާ ކަމަށްވެސް އޮފިޝަލު ވިދާޅުވިއެވެ. އަދި ވިއްސާރަ އަލިވުމާ ގުޅިގެން އަނެއްކާވެސް ދުމުގެ އަސަރު ކުރަން ފަށާފައިވާކަން ވެސް ފާހަގަކުރެއްވިއެވެ.

އޮފިޝަލް އިތުރަށް ވިދާޅުވީ އެ ވައި ސާފުވާނެ ސީދާ ދުވަހެއް ނޭނގޭ ކަމަށާއި ނަމަވެސް އަންނަ ހޮނިހިރު ދުވަހު ވިސިބިލިޓީ ރަނގަޅުވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

މިމަހުގެ މެދުތެރޭގައި ވެސް ވައި ނުސާފުވެ، ވައިގެ ކޮލިޓީ ވަނީ ދަށްވެފައެވެ. އެގޮތުން ގައުމީ ޔުނިވާސިޓީ، މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ)ގެ ސެންޓަ ފޯ މެރިޓައިމް ސްޓަޑީސްގެ އެއާ ކޮލިޓީ މޮނީޓަރިން ސިސްޓަމުން އޭރު ދެއްކިގޮތުގައި މާލޭ ސަރަހައްދުގެ ވައިގެ ކޮލިޓީ ހުރީ 127 ގައެވެ. އެއީ ސިއްހަތަށް ނުރަނގަޅު މިންވަރެކެވެ.