ކޮންމެ ސެލެބްރިޓީއަކުވެސް މަސައްކަތްކުރަނީ ފެޝަން، މުނިފޫހިފިލުވުން އަދި ޒީނަތްތެރިކަމުގެ ދާއިރާގައި ކުރިއަރައި، ދުނިޔޭގެ އެންމެންގެ ސަމާލުކަން ހޯދާ ޓްރެންޑްތައް ކަނޑައެޅުމަށެވެ. އެމީހުންގެ ފުރިހަމަ ހަމާއި ސަމާލުކަން ދެވޭފަދަ ސިފަތަކަކީ ސަޕޯޓަރުންނަށް ހައްލުކުރަން ނޭނގޭ ޖިގްސޯ ޕަޒަލްއެއް ފަދައެވެ. ހަމުގެ ފަރުވާގެ އާދަތަކަށް އެމީހުން ދޭ ދެމެހެއްޓެނިވި އަހައްމިއްޔަތުކަމުން އަޖައިބުވާ ފަދަ ނަތީޖާތަކެއް ނެރެވޭކަމީ ހައިރާންވާން ޖެހޭ ކަމެއް ނޫނެވެ. ހަން އަރާމުކޮށްދޭ މޮއިސްޗަރައިޒާތަކުގެ ޖާދޫއަކުން ވިޔަސް، ހަމަށް އާރޯކަން ގެނެސްދޭ ސީރަމްތަކުން ވިޔަސް، ނުވަތަ އެންމެ ޒަމާނީ ފަރުވާތަކުން ވިޔަސް، ކޮންމެ ތަރިޔަކުވެސް ގެންގުޅެނީ އެމީހުންގެ އަމިއްލަ ވަކި ގޮތެކެވެ. އެއީ ދިރުންހުރި، ދުޅަހެޔޮ ހަމެއް ހޯދުމަށްޓަކައެވެ.
މި އާޓިކަލުގައި، ބަލައިލާނީ ޒަމާންތަކަކަށް ދެމިގެންދާ ރީތިކަން ތަމްސީލުކުރާ ބައެއް އައިކޮނިކް ހޮލީވުޑް ޝަހުސިއްޔަތުންގެ ޒީނަތްތެރިކަމުގެ ސިއްރުތަކެވެ.
ޖެނިފަރ ލޯޕެޒްގެ ޒަމާންތަކަށް ދެމިގެންދާ ޖާޒުބިއްޔަތުން މީހުން ހައިރާންކުރުވުމުގައި އެއްވެސް އުނިކަމެއް ނާދެއެވެ. 55 އަހަރުގެ އުމުރުގައިވެސް، މި އައިކޮނިކް އެމެރިކަން ލަވަކިޔުންތެރިޔާ، ލަވަ ލިޔުންތެރިޔާ އަދި ތަމްސީލުކުރާ ފަންނާނު އަންނަނީ އުމުރުގެ ނިޝާންތަކާ ދެކޮޅަށް ހަނގުރާމަކުރަމުންނެވެ. އަދި އެންމެން ހައިރާންވާ ފަދަ އުޖާލާކަމެއް އޭނާގެ މޫނުން ފެނެއެވެ. ސިއްރަކީ ކޮބައިހެއްޔެވެ؟
އެއީ އޭނާ ބޭނުން ކުރާ ހަމުގެ ފަރުވާ ކަމުގައިވާ ޑރ. ހައުޝްކާގެ ރޯޒް ޑޭ ކްރީމްގެ މައްޗަށް ބިނާކޮށްފައިވާ ޒީނަތްތެރިކަމާއި ދުޅަހެޔޮކަމުގެ އާދައެކެވެ. ޖޭލޯ މި އަގުބޮޑު މޮއިސްޗަރައިޒަރ ބޭނުންކުރާތާ ދިހަ އަހަރަށްވުރެ ގިނަ ދުވަސްވެއްޖެއެވެ. އަދި އޭނާގެ ފުރިހަމަ ހަމުގެ ފަރުވާގެ ނިޒާމުގެ މައިގަނޑު ބައެއްގެ ގޮތުގައި އެއަށް ކްރެޑިޓް ދެއެވެ. އޭނާގެ ރުލެއް ނެތް ހަމުގެ އުޖާލާކަމާއި ފުރިހަމައަށް ބައްޓަންކޮށްފައިވާ ބުމައާއި، މުއްސަނދި އިސްތަށިގަނޑާއި އަދި އަސަރުކުރުވަނިވި ޖިސްމާ ހަމައަށް، މި ބިއުޓީ ބާނީއަކީ ކޮންމެ ތަނެއްގައިވެސް ހަމުގެ ފަރުވާއާއި މޭކަޕްގެ ޝައުގުވެރިންނަށް އެންމެ މަތީ ފެންވަރުގެ ނަމޫނާއެކެވެ.
އޭނާގެ ހިތްލަންބުވާ ފަދަ ސިފަތަކާއި މައިންބަފައިން ކަމުގައިވާ ލިސާ ބޯނެޓް އަދި ލެނީ ކްރަވިޓްޒްގެ ފަރާތުން ލިބިފައިވާ އަޖައިބު ކުރުވަނިވި ޖީންތަކާއެކު، ޒޯއީ ކްރަވިޓްޒްއަކީ ޝައްކެއްނެތް ގޮތުގައި ޒީނަތްތެރިކަމުގެ އައިކަނެކެވެ. އެމެރިކާ ތަމްސީލުކުރާ މި އެކްޓްރެސް، އަދި ޕްރޮޑިއުސަރު އޭނާގެ މަންމަގެ އެއްވެސް އުނިކަމެއްނެތް ހަމުގެ ފަރުވާގެ އާދަތައްވެސް ބަލައިގަނެފައިވެއެވެ. މިސާލަކަށް އޭނާގެ ހަމަށް ކާނާ ފޯރުކޮށްދިނުމަށް ކާށި ތެޔޮ ބޭނުންކުރުން ފަދަ ކަންކަމެވެ. އޭނާގެ އުޖާލާ ވިދުވަރުގެ މުހިންމު އަނެއް ސިއްރަކީ ކޮބަ ހެއްޔެވެ؟ އެއީ ކޯޑަލީގެ ބިއުޓީ އެލިކްސަރއެވެ. މިއީ އޭނާ ވަރަށް ބޮޑަށް އިތުބާރުކުރާ އުފެއްދުމެކެވެ. މިއިން އޭނާގެ ހަމަށް ތެތްކަމާއި އާރޯކަން ގެނެސްދީ، އާ ސިފައެއް ގެނެސްދެއެވެ. އަދި މިންޓުގެ ރަހައަކާއެކު އެހާމެ ހަރުދަނާ އަދި ފައިދާހުރި ގޮތެއްގައި ހަން ދިރުވައިދެއެވެ.
28 އަހަރުގެ ޑީވާ، ހެއިލީ ބީބަރ، އަބަދުވެސް އޭނާގެ ޒީނަތްތެރިކަމާއި ހަމުގެ ފަރުވާގެ ސިއްރުތަކާ ބެހޭގޮތުން ހާމަކަން ބޮޑު ގޮތެއްގައި ވާހަކަދައްކައެވެ. އޭނާގެ އިންސްޓަގްރާމް އަދި ޔޫޓިއުބް އެކައުންޓްތަކުގައި އޭނާގެ ޒީނަތްތެރިކަމުގެ އާދަތަކުގެ ތަފްސީލުތައް ހާމަކުރަމުން، އޭނާގެ މޫނުގެ ފުރިހަމަކަން ނިސްބަތްކުރީ އޯގަސްޓިނަސް ބޭޑަރގެ ދަ ރިޗް ކްރީމްއަށެވެ. މިއީ އޭނާ އަބަދުވެސް ބޭނުންކުރާ އެއްޗެކެވެ. އަދި މިއިން އޭނާގެ ހަމުގެ ތެތްކަމުގެ މިންވަރު ބެލެހެއްޓިފައި ހުރެއެވެ. އެހެން ނަމަވެސް، ފަހަކަށްއައިސް އޭނާގެ ބްރޭންޑްގެ ނަމުގައިވާ ރޯޑްގެ ދަށުން ހަމުގެ ފަރުވާއާ ބެހޭ އާ ފަލްސަފާއެއް ތައާރަފުކޮށްފައިވެއެވެ.
ކިންގްސްމަން: ދަ ގޯލްޑަން ސަރކަލްގެ ތަރި، ޕޮޕީ ޑެލެވިންގްނީއަކީ އޭނާގެ ހަމުގެ ފަރުވާގެ ދަތިތަކާއި މައްސަލަތަކާ ބެހޭގޮތުން ވަރަށް ހާމަކަން ބޮޑު ގޮތެއްގައި ވާހަކަދައްކާ ހޮލީވުޑްގެ ސެލެބްރިޓީންގެ ތެރެއިން އެކެކެވެ. ނާޒުކު ހަމުގެ ދަތިތަކާއި، މާސްކް އެޅުމުގެ ސަބަބުން ދިމާވާ މައްސަލަތަކާއި، އަދި ހަމުގައި ފާޅުވާ އުނދަގޫތަކާ ކުރިމަތިލަމުން، އޭނާ ބުނެފައިވަނީ އޭނާގެ ޒީނަތްތެރިކަމުގެ ސިއްރެވެ؛ އެއީ ސެރާވީގެ އެސްއޭ ސްމޫދިން ކްލެންސާއެވެ. ޖެލްގެ ޓެކްސްޗާއަކާއެކު، މި ކްލެންސާގައި ވަނީ ހަމުގެ ޕޯސްތައް ސާފުކުރުމަށް އެހީވެދޭ ސެލިސިލިކް އެސިޑްގެ ފައިދާތަކެވެ. ޕޮޕީގެ މޭކަޕް އާޓިސްޓް، ފްލޮރީ ވައިޓް މި ބްރޭންޑް އޭނާއަށް ތައާރަފުކޮށްދިންފަހުން އޭނާއަށް އެ ބްރޭންޑް ވަނީ ވަރަށް ކަމުގޮސްފައެވެ.
އޭގެ އިތުރުން ހަމުގެ ފަރުވާއަށް އެންމެ އިތުބާރުކުރާ މުހިންމު ބައެއް ތަކެތީގެ ތެރޭގައި ހިމެނެނީ ލަ ރޮޝް-ޕޮސޭގެ އެންތެލިއޮސް އޭޖް ކަރެކްޓް އެސްޕީއެފް50+، ސްކިންސޫޓިކަލްސްގެ ސީ އީ ފެރުލިކް ވިޓަމިން ސީ ސީރަމް، ވިޝީ މިނެރަލް 89 ހަޔަލޫރޮނިކް އެސިޑް ސީރަމް، އަދި ޑެކްލިއޯގެ ގްރީން މެންޑަރިން އެރޮމެސެންސް އޮއިލް-ސީރަމްއެވެ.
އައިކޮނިކް ބްރިޓިޝް މޮޑެލް ނައޯމީ ކެމްބެލް އަންނަނީ އޭނާގެ އެއްވެސް އުނިކަމެއްނެތް ހަމާއި އުމުރަކަށް ނުބަލައި ދެމިހުންނަ ރީތިކަމުން މުޅި ދުނިޔޭގެ ސަމާލުކަން ހޯދަމުންނެވެ. އޭނާ ބަރޯސާވަނީ ތަޖުރިބާކޮށް ޔަގީންކަން ލިބިފައިވާ ހަމުގެ ފަރުވާގެ މުހިންމު ތަކެއްޗަށެވެ. އޭގެ ތެރޭގައި ހިމެނެނީ ލަ ރޮޝް-ޕޮސޭގެ ސެރޮޒިންކް ފޭސް ޓޯނާ މިސްޓް އެވެ. މިއީ އޭނާގެ ހަން ސާފުކުރުމަށްފަހު ހަމަށް ތެތްކަން ދިނުމާއެކު އާރޯކަން ގެނެސްދީ، އާ ސިފައެއް ގެނެސްދޭތީ އޭނާ ވަރަށް ބޮޑަށް ތައުރީފުކުރާ އުފެއްދުމެކެވެ. ހަމަށް ތެތްކަން ދިނުމަކީ އޭނާގެ އުޖާލާ މޫނުގެ މައިގަނޑު ސިއްރެވެ. އޭނާއަކީ ޑޮމެނިކޯ ޑޮލްޗެ އަދި ސްޓެފާނޯ ގަބާނާ އުފައްދާފައިވާ، ޒީނަތްތެރިކަމުގެ ސިލްސިލާތަކަށް ވަރަށް ބޮޑު ތާއީދުކުރާ މީހެކެވެ.
ކްރިސްޓިން ޑޭވިސްގެ ޒީނަތްތެރިކަމުގެ ފަލްސަފާއަކީ އެއިން ފިލާވަޅު ދަސްކުރުން މުހިންމު އެއްޗެކެވެ. 59 އަހަރުގެ މި ފަންނާނުގެ އުޖާލާ ހަމުގެ ސިއްރާ ބެހޭގޮތުން ސުވާލުކުރެވުނު ހިނދު، ބޭނުންކުރަނީ ކަރަންޓް ބޮޑީ ސްކިން އެލްއީޑީ ލައިޓް ތެރަޕީ މާސްކްކަމަށް ވަނީ ބުނެފައެވެ. އޭނާގެ މޭކަޕް އާޓިސްޓް، މާޓިންގެ ފަރާތުން ހިތްވަރު ލިބިގެން، ބޭނުން ކުރާ އެލްއީޑީ ލައިޓް ތެރަޕީ އަކީ އޭނާގެ ގުދުރަތީ އުޖާލާކަން އިތުރުކުރުމުގައި އަޖައިބުވާފަދަ ކަންތައްތަކެއް ގެނެސްދޭ އެއްޗެއް ކަމަށް އޭނާއަށް ގަބޫލު ކުރެވޭ ކަމަށް ވަނީ ބުނެފައެވެ. ވިކްޓޯރިއާ ބެކަމް، ކޭޓް ހަޑްސަން އަދި އޮލީވިއާ ކޯލްމަން ފަދައިން، ސެކްސް އެންޑް ދަ ސިޓީގެ ކުރީގެ ތަރިވެސް އެލްއީޑީ މާސްކްތަކަށް ތާއީދު ކުރާކަން ވަރަށް ސާފުކޮށް އެނގެއެވެ.
ޑެމީ މޫރގެ ޒަމާންތަކަށް ދެމިގެންދާ ރީތިކަމާއި އުޖާލާ މޫނުގެ ސިފަތަކުން އަބަދުވެސް އެންމެންގެ ސަމާލުކަން ހޯދައެވެ. އުމުރުން 62 އަހަރުގައިވެސް މި އެމެރިކަން އެކްޓަރު އަންނަނީ އުމުރަކީ ހަމައެކަނި ނަންބަރެއްކަން ސާބިތުކޮށްދެމުންނެވެ. ޒުވާންކޮށް ފެނުމާއި ޖާޒުބިއްޔަތުން އެތައް މިލިއަން ބަޔަކަށް ހިތްވަރު ލިބެމުންދެއެވެ. އާރޯކަން ލިބިފައިވާ، އަދި ގްލެމަރަސްކޮށް އޭނާގެ ހަން ފެނުމުގެ ސިއްރަކީ ކޮބައިހެއްޔެވެ؟ އެއީ 111ސްކިންގެ ވައި ތިއަރަމް ބަޔޯ ސެލިއުލޯސް މާސްކްގެ ޖާދޫއެވެ. އޭނާގެ ދަރިފުޅާއެކު ނެގި ފަހަތުގެ މަންޒަރެއްގެ ފޮޓޯއެއްގައި، ޑެމީ ފެނިފައިވަނީ އާރޯކަން ގެނެސްދޭ، ހަމުގެ ތައްޔާރީގެ ތެރޭގައި އުޅެނިކޮށެވެ. މިއީ އޭނާގެ އުޖާލާކަން ގެންނަ އާދައިގެ ތެދު ހެއްކެކެވެ.
ކްރިސީ ޓީގަންއަކީ ލަ މޭ އަދި އައިއެސް ކްލިނިކަލް ބްރޭންޑްގެ ޕްރޮޑަކްޓްސް ފޭނެކެވެ. މީގެ އިތުރުން، އޭނާއަކީ ޑރ. ޑެނިސް ގްރޮސް ތައާރަފުކޮށްދިން އަލްފާ ބީޓާ ޕީލް ޕެޑްސްއަށް ވަރަށް ބޮޑަށް ތާއީދުކުރާ މީހެކެވެ. މިއިން އޭނާގެ ދަތްދޮޅި އަދި ނޭފަތް ވަށައިގެންވާ ހަމުގެ ފެންވަރު ރަނގަޅުކޮށްދެއެވެ. މި އެކްޓްރެސް އާދަތައް ހިފަހައްޓަން ރަނގަޅު މޮއިސްޗަރައިޒާ ތަކާއި، ކްލީންސާ ތަކާއި، އަދި ގެއްލުންދެނިވި ޔޫވީ ދޯދިތަކުން އޭނާގެ ހަން ރައްކާތެރިކުރުމަށް އެސްޕީއެފްގެ މިންވަރެއް ބޭނުންކޮށްގެން ސާދާކޮށް އަދި ފަސޭހަކަމާއެކު އޭނާގެ ހަންގަނޑު ބަލަހައްޓައެވެ.
މަޝްހޫރު އިނގިރޭސި ފެޝަން ޑިޒައިނަރު އަދި ޓެލެވިޒަން ޝަހުސިއްޔަތު، ވިކްޓޯރިއާ ބެކަމް، އޭނާގެ ދުވަހުގެ ހަމުގެ ފަރުވާގެ އާދަތަކުގެ މައިގަނޑު އެއްޗެއްގެ ގޮތުގައި އޭނާގެ އަމިއްލަ ބްރޭންޑުން ނެރެފައިވާ ކްލެންސާ އަކަށް ވަރަށް ބޮޑަށް އިތުބާރުކުރެއެވެ. އެއީ ވިކްޓޯރިއާ ބެކަމް ބިއުޓީ އެވެ. އިންސްޓަގްރާމް އެކައުންޓް މެދުވެރިކޮށް، އޭނާ ވަނީ ހަމުގެ ފަރުވާގެ އެހެން އުފެއްދުންތަކަށްވެސް އޭނާގެ ލޯބި އޮތް ކަމަށް އިއުތިރާފުވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ ޑރ. ބާބަރާ ސްޓަރމްގެ ސަން ޑްރޮޕްސް، މެލަނީ ގްރާންޓް ސްކިން އަދި އޯގަސްޓިނަސް ބޭޑަރއެވެ.
ލައިފް ސްޓައިލް
ލައިފް ސްޓައިލް
ލައިފް ސްޓައިލް
ލައިފް ސްޓައިލް