ސުޕްރީމް ކޯޓަށް އެއްވެސް މެންބަރަކު ދާ ނަމަ، އެންމެ ފުރަތަމަ ދާނެ މެންބަރަކީ އަބްދުއްރަހީމް ކަމަށް ބެލެވޭ ކަމަށާއި ގާނޫނުއަސާސީއަށް ބަދަލު ގެނައުމުން ގޮނޑީގެ މައްސަލައިގައި މިހާރު ކަންތައް ހުރީ އެގޮތަށް ކަމަށް ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

އެމްޑީޕީން ހުޅުމާލޭގައި ރޭ ބޭއްވި ކަންމަތީ ޖަލްސާގައި ވާހަކަދައްކަވަމުން ރީކޯ މިހެން ވިދާޅުވެފައިވާ އިރު، ޓޫރިޒަމް މިނިސްޓަރުކަމުގެ މަގާމުގައި ހުންނެވި އަބްދުއްރަހީމްގެ ދަރިކަލުން އިބްރާހިމް ފައިސަލް ވަނީ މިދިޔަ އަންގާރަ ދުވަހު މަގާމުން ވަކިކުރައްވައިފައެވެ. އެކަމާ ގުޅިގެން އަބްދުއްރަހީމް ވެސް ވަނީ ސަރުކާރާ މެދު ނުރުހުން ފާޅުކުރައްވައިފައެވެ.

މިހާރު ފެންނަމުން އެދަނީ ވެރިކަމަށްޓަކައި ވެރިމީހާ ގެނެސް ދޭހާ އެއްޗެއްގައި ހިފީމާ ވާ ގޮތް ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް މޫސާ މަނިކު (ރީކޯ މޫސަ) ވަނީ ފާޑުވިދާޅުވެފައެވެ.

"ހަގީގަތަކީ ސިޔާސީ މީހުން ކައިރީ މި ބުނަނީ މީހަކު ގެނެސް، ދިއްކޮށްލާހާ އެއްޗެއްގައި، ވެރިކަމަށްޓަކައި ވެރިމީހާ ގެނެސްދޭހާ އެއްޗެއްގައި ނުހިފާށޭ. އަލިފާން ދަރުބުރިއެއްގެ ބޭރުގައި ފޮއިލް އަޅާފައި ދިއްކޮށްލީމާ ވާނެގޮތޭ މިހާރު ތިވަނީ. ހަމައެގޮތަށް ބައްލަވަން ހުންނަވާ ކުރިއަށްއޮތްތަނުގައި ތިން ވަޒީރުން ވަކިކުރާނެ، މި ދަންނަވަނީ ގެރެންޓީއާއެކީގައި. ރައްޔިތުންގެ މަޖިލީހުގެ 12 މެންބަރުންގެ ގޮނޑި ގެއްލުވައިލާނެ،" އޭނާ ވިދާޅުވިއެވެ.

ރީކޯ ވިދާޅުވީ އެންމެ އިހުތިރާމުކުރާ އެންމެ ވަރުގަދަ ސިޔާސީ ޝަހުސިއްޔަތަކީ އަބްދުއްރަހީމް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވީ ނަމަވެސް، މިއަދު އަބްދުއްރަހީމް "ފެނުކައްކާ ބޮއްޔަށް ވެސް" ނުވި ކަމަށެވެ. އަދި ގާނޫނުއަސާސީއަށްފަހު ދެން ދިމާކުރާނީ ސުޕްރީމް ކޯޓާ ކަމަށް އޭނާ ވިދާޅުވިއެވެ.

ފައިސަލް މަގާމުން ވަކިކުރެއްވުމުން "ދައުރު" ނޫހަށް މިދިޔަ އަންގާރަ ދުވަހު ދެއްވި އިންޓަވިއުއެއްގައި އަބްދުއްރަހީމް ވިދާޅުވެފައިވަނީ، ފައިސަލް ވަކިކުރަން ޖެހޭ ސަބަބެއް ނެތް ކަމަށާއި އެއީ ވަރަށް ދެރަކޮށް ރައީސް މުއިއްޒު ކުރެއްވި ކަމެއް ކަމަށެވެ. އަދި ފައިސަލް ދެން ސަރުކާރާއެކު ނުހުންނަވާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވެފައިވެއެވެ.

އޭގެ ފަހުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވެސް އަބްދުއްރަހީމް ވިދާޅުވެފައިވަނީ އޭނާގެ ދަރިފުޅާ މެދު ފަހުރުވެރިވާ ކަމަށެވެ. އަދި ފައިސަލް، ޓޫރިޒަމް މިނިސްޓަރުގެ މަގާމުގައި ހުންނަވައިގެން ނަތީޖާ ނެރެދެއްވައިފައިވާ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

"އަޅުގަނޑުގެ ދަރިފުޅު އިބްރާހިމް ފައިސަލަށްޓަކައި އަޅުގަނޑާއި އަޅުގަނޑުގެ އާއިލާ ފަހުރުވެރިވަން. ރާއްޖޭގެ ފަތުރުވެރިކަމާ ބެހޭ ވަޒީރު ކަމުގެ މަގާމުގައި ހުރެގެން ހިދުމަތް ކުރީ އިހުލާސްތެރިކަމާއި ތެދުވެރިކަމާއެކު. ނަތީޖާނެރެ ދެއްކެވި. ދާއިރާގެ އިތުބާރާއި ލޯބި ހޯދި. މާތްﷲ ދަރިފުޅު ފައިސަލަށް ސާބިތުކަމާ ކެތްތެރިކަން މިންވަރުކުރައްވައި އުޖާލާ މާދަމާއެއް ދައްކަވާށި. އާމީން،" އަބްދުއްރަހީމް ވިދާޅުވެފައިވެއެވެ.

ފައިސަލަށްފަހު ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ މަގާމުން އަބްދުއްރަހީމް ވަކިކުރަން މަސައްކަތްކުރާކަމުގެ ވާހަކަތަކެއް ވެސް ސޯޝަލް މީޑިއާގައި ވަނީ ފެތުރިފައެވެ.

ނަމަވެސް އެކަމާ ގުޅޭގޮތުން "ވަން"އަށް ދެއްވި އިންޓިވިއުއެއްގައި ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު، މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވިދާޅުވެފައިވަނީ އެފަދަ މަސައްކަތެއް ނުކުރާ ކަމަށެވެ. އަދި އަބްދުއްރަހީމްއާ އެކު އޮތް ގުޅުމަށް އެއްވެސް ހީނަރުކަމެއް ނާންނަ ކަމަށާއި އެއްވެސް "ކޯޅުމެއް" ވެސް ނެތް ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.