ސައުދީ އަރަރަބިއްޔާގެ ޝާހީ ހާންދާނަށް ނިސްބަތްވެވަޑައިގަންނަވާ، އަލްއަމީރު މުހައްމަދު ބިން ފަހުދު އަލް ސައޫދު އަވަހާރަވުމާ ގުޅިގެން ސައުދީގެ ރަސްގެފާނު، ސަލްމާން ބިން އަބްދުލްއަޒީޒް އާލް ސައުދަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

ސަލްމާން ރަސްގެފާނަށް ފޮނުއްވި އެ މެސެޖުގައި ރައީސް ވަނީ އަލްމަރުހޫމް މުހައްމަދު، އިޖުތިމާއީ ގޮތުންނާއި އިންސާނިއްޔަތަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ދާއިރާއިންނާއި، އަދި އޭގެ ތެރެއިން ވެސް ޒުވާނުންގެ ކުރިއެރުމަށާއިި، ސިއްހީ ހިދުމަތުގެ ވަސީލަތްތައް ހޯދުމަށް ފަސޭހަ ގޮތްތައް މަގުފަހިކޮށްދެއްވިކަން ފާހަގަކުރައްވައިފައެވެ.

އަދި ސައުދީ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމަށް މުހައްމަދު ކުރައްވާފައިވާ މަސައްކަތްތަކައް ރައީސް ވަނީ މެސެޖުގައި އަލިއަޅުއްވާލައްވައިފައެވެ.

ރައީސްގެ މެސެޖު ނިންމަވާލައްވާފައިވަނީ، މުހައްމަދުގެ ފުރާނަފުޅަށް ހެޔޮ ރަހުމަތްލައްވައި، މަރުހޫމާގެ ފާފަ ފުއްސެވުމަށް އެދިވަޑައިގެން، އަދި ރަސްގެފާނަށާއި، ޝާހީ އާއިލާއަށާއި، އެ ގައުމުގެ ރައްޔިތުންނަށް މި ކުރިމަތިވި ހިތާމަވެރި ދަނޑިވަޅުގައި، ހަމަޖެހުމާއި ހިތްވަރު މިންވަރުކޮށްދެއްވުމަށް އެދިވަޑައިގެން ދުއާ ދަންނަވަމުންނެވެ.