ޗައިނާ އަންހެނަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

ގެއްލިގެން ހޯދަމުންދަނީ ޗައިނާ ރައްޔިތެއް ކަމަށްވާ ސޫ ޒިއޯނިން (30އ) އެވެ.

ފުލުހުން މިއަދު ބުނީ ސޫ ޒިއޯނިން ރާއްޖެ އައިފަހުން އާއިލާއަށް ހަބަރެއް ވެފައި ނުވާތީ، ވީނުވީއެއް ނޭނގި ގެއްލިގެން އާއިލާގެ ފަރާތުން ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީ މެދުވެރިކޮށް ފުލުހުންނަށް މައްސަލަ ހުށަހަޅައިފައިވާ ކަމަށެވެ. އެ މައްސަލަ ފުލުހަށް ހުށަހަޅައިފައިވަނީ މިމަހުގެ 22 ގައެވެ.

ސޫ ޒިއޯނިން ހޯދުމަށްޓަކައި ފުލުހުންގެ ކަމާގުޅުންހުރި އެންމެހާ ޑިޕާޓްމެންޓުތަކާ މައުލޫމާތު ހިއްސާކޮށް، އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

"އެގޮތުން އޭނާ ޓްއަރިސްޓް ވިސާގައި ރާއްޖެ އައިސްފައިވަނީ 2024 އޮކްޓޫބަރު 13 ވަނަ ދުވަހުކަން އެނގިފައިވެއެވެ. އަދި އޭނާ މާލޭގައި ހުރި ގެސްޓް ހައުސް އިން 2024 އޮކްޓޫބަރު 24 ވަނަ ދުވަހު ހެނދުނުގެ ވަގުތެއްގައި ޗެކްއައުޓް ވެފައިވާކަމާއި އެއަށްފަހު އޭނާ ރާއްޖެއިން ފުރައިގެން ގޮސްފައިނުވާކަން ތަހުގީގަށް މައުލޫމާތު ލިބިފައިވެއެވެ. ނަމަވެސް އޭނާ ހޯދުމަށް މިހާތަނަށް ކުރެވުނު މަސައްކަތުން އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް އަދި އުޅޭތަނެއް ހޯދިފައިނުވެއެވެ،" ފުލުހުން ބުންޏެވެ.

ސޫ ޒިއޯނިންއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ، އެ މައުލޫމާތެއް ސީރިއަސް އެންޑް އޮގަނައިޒް ކްރައިމް އިންވެސްޓިގޭޝަންގެ ޑިއުޓީ ނަންބަރު 9911099 އަށް ގުޅައި ހިއްސާ ކުރުމަށް ފުލުހުން ވަނީ އެދިފައެވެ.