ރާއްޖޭގެ އެންމެ ބޮޑު ގޭމިން ޕްލެޓްފޯމް، ދިރާގު ގޭމާސް ގިލްޑް (ޑީޖީޖީ) ގެ ސީޒަން އެކެއް ލޯންޗުކޮށްފިއެވެ.

ދިރާގުން ވަނީ، "ދިރާގު މޯލްޑިވްސް ގޭމިން ކޮންކުއެސްޓް (ޑީއެމްޖީސީ) 2025" އިއުލާނުކޮށް ވާދަވެރި ގޭމިންގެ މުޅިން އާ މުބާރާތްތަކެއް ތައާރަފުކޮށްފައެވެ.

ދިރާގުން މިއަދު ބުނީ، ފޯ ގޭމް ފޯމްޓުގެ އެހީގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ގޭމިންއަށް ޝައުގުވެރިވާ ފަރާތްތައް އެއް ތަނަކަށް ގެނެސް، އެ ކުޅުންތެރިންގެ ތަފާތު ހުނަރުތައް ދައްކާލުމަށް ފުރުސަތު ލިބިގެންދާނެ ކަމަށެވެ.

އެ ޗެމްޕިއަންޝިޕް އިންތިޒާމުކުރުމުން ރާއްޖޭގައި ތިބި ގޭމް ކުޅުންތެރިންނަށް އާ ތަޖުރިބާތަކެއް ހޯދައިދީ، އެ ފަރާތްތަކުގެ ހުނަރު އިތުރުކޮށް ގޭމިން ކޮމިއުނިޓީ ކުރިއެރުވުމަށް ޑީޖީޖީން ކުރަމުންދާ ބުރަ މަސައްކަތް ފާހަގަވާ ކަމަށާއި އެގޮތުން މި ކޮމިއުނިޓީގައި މިއަދާ ހަމައަށް 4،000 މެންބަރުން ރަޖިސްޓަރީކޮށްފައިވާ ކަމަށް ދިރާގުން ބުންޏެވެ.

އެ ފަރާތްތަކަށް ހާއްސަކޮށްގެން ޑީޖީޖީން އަންނަނީ ވާދަވެރި އަދި ކާމިޔާބު ގިނަ މުބާރާތްތަކެއް ހިންގައި، ރާއްޖޭގެ ވާދަވެރި ގޭމިން ކުރިއެރުވުމަށް އެންމެ ކުރީސަފުގައި ހަރަކާތްތެރިވަމުންނެވެ.

މިއަހަރުގެ ޑީއެމްޖީސީގައި "ޕަބްޖީ" އަދި "މޯބައިލް ލެޖެންޑްސް: ބޭން ބޭން" ހިމެނެއެވެ. މީގެ އިތުރުން މި ޗެމްޕިއަންޝިޕްގައި މިފަހަރު މުޅިން އަލަށް "ރޮކެޓް ލީގް" އަދި "އެފްސީ 25" ވަނީ ހިމަނައިފައެވެ.

ދިރާގުން ބުނީ މި ޗެމްޕިއަންޝިޕްގައި ކޮންމެ ގޭމަކަށް ހާއްސަކޮށްގެން ތައްޔާރުކޮށްފައިވާ މުބާރާތްތައް ކުރިއަށްދާނެ ކަމަށާއި އެގޮތުން "ޕަބްޖީ މޯބައިލް ކޮލިފައި"ގެ އެންމެ ގަދަ 16 ގެ ގަދަ ހިފުމެއް ފެނިގެންދާނެ ކަމަށެވެ. އަދި މޯބައިލް ލެޖެންޑްސްގެ ވެސް އެންމެ ގަދަ ހަތް ޓީމުގެ މެދުގައި ވާދަވެރި ފައިނަލް މެޗުތަކެއް ބޭއްވޭނެ ކަމަށް ދިރާގުން ބުންޏެވެ.

ކުޅުންތެރިންނަށް "ރޮކެޓް ލީގު" ގެ 2v2 މެޗުތަކުގައި ބައިވެރިވުމަށް ފުރުސަތު ލިބި، އަދި އެފްސީ 25 ގައި އަމިއްލަ ތަފާތު ހުނަރުތައް ދައްކާލުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ވެސް ދިރާގުން ބުންޏެވެ.