މައިކަލް ޖެކްސަންގެ ދިރިއުޅުމާ ބެހޭ ގޮތުން ހަދާ ބަޔޯޕިކް "މައިކަލް" އުފެއްދުމަށް ބޮޑެތި ލަސްވުންތަކެއް ކުރިމަތިވެއްޖެއެވެ. މިކަން ދިމާވީ، ޖެކްޝަން ކުޑަކުދީންނަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތު ކުރި ފަރާތަކާއެކު ކުރީގައި ހެދިފައިވާ އެއްބަސްވުމަކާ ގުޅޭ ގާނޫނީ މައްސަލައެއް ފާހަގަކުރެވުމާ ގުޅިގެންނެވެ.

ކުރިން މި އަހަރުގެ އޭޕްރިލް މަހު ރިލީޒްކުރުމަށް ހަމަޖެހުނު މި ފިލްމު، މިހާރު ވަނީ އަންނަ އަހަރުގެ އޮކްޓޯބަރު މަހަށް ފަސްކޮށްފައެވެ. އެއީ ޕްރޮޑިއުސަރުން މި މައްސަލަ ހައްލުކުރުމަށް މަސައްކަތްކުރަމުންދާތީއެވެ. މިމަހު 23 ވަނަ ދުވަހު ޕަކް އިން ނެރުނު ރިޕޯޓެއްގައިވާ ގޮތުން، ޖައުފަރު ޖެކްސަން ލީޑް ރޯލުން ފެނިގެންދާ މި ފިލްމު ހަދާ ފަރާތްތަކުން މިހާރު ވަނީ ސްކްރިޕްޓުގެ ބައެއް ބައިތައް އަލުން ލިޔެ، އަލުން ޝޫޓްކުރުމުގެ މަސައްކަތް ފަށާފައެވެ.

ރިޕޯޓުތައް ބުނެފައިވާ ގޮތުން، މި ގެންނާން ޖެހުނު ބަދަލުގެ ސަބަބުން ފިލްމުގެ އެއްބައި މުޅީން ބަދަލުކުރާން ޖެހުމުގެ ފުރުސަތު އެބައޮތެވެ.

ފިލްމު އަލުން ޝޫޓްކުރަން ޖެހުނީ ޖެކްސަން 1993 ވަނަ އަހަރު ޖޯޑަން ޗެންޑްލަރުގެ އާއިލާއާއެކު ހެދި އެއްބަސްވުމެއްގެ ސަބަބުންނެވެ. އެ އެއްބަސްވުމުގައި މި މައްސަލައަށް އިޝާރާތްކުރުން ނުވަތަ ޑްރަމަޓައިޒްކުރުން މަނާކުރާ ގާނޫނީ މާއްދާއެއް ހިމެނެއެވެ. އެ ވަގުތު 13 އަހަރުގެ ކުއްޖެއް ކަމުގައިވާ ޖޯޑަން ޗެންޑްލަރު ވަނީ "ތުރިލަރ" ގެ ލަވަކިޔުންތެރިޔާ އޭނާއަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކޮށްފައެވެ. ކޯޓުން ބޭރުގައި ހެދުނު މި އެއްބަސްވުމުގައި 25 މިލިއަން އެމެރިކާ ޑޮލަރު ހިމެނޭ ކަމަށް ރިޕޯޓުކޮށްފައިވެއެވެ.

ފިލްމުގެ ސްކްރިޕްޓް މުރާޖައާކުރުމުގައި އަޅައިނުލައި ދޫކޮށްލެވިފައިވާ މި އެއްބަސްވުމަކީ މައިގަނޑު ގާނޫނީ މައްސަލަތަކުގެ ތެރެއިން އެއް މައްސަލައެވެ. އެއީ ޗެންޑްލަރުގެ ވާހަކަ ފިލްމުގެ ވާހަކައިގެ ބޮޑު ބައެއް ހިއްސާކުރާތީއެވެ.

ޖެކްސަންގެ އެސްޓޭޓުން ވަނީ އަބަދުވެސް ގޯނާކުރުމުގެ ހުރިހާ ތުހުމަތުތަކަށް ދެކޮޅު ހަދާފައެވެ.