ޖަނަވަރީ މަގު، ވެލިގާ ހާޑްވެއާ ކައިރީގައި ބަހައްޓާފައި ހުރި ސައިކަލެއްގައި ރޯކޮށްލީ ރާބޮއިގެން ކަމަށް، އެ ސައިކަލް ރޯކޮށްލި މައްސަލައިގައި ހައްޔަރުކުރި މީހާ ބުނެފިއެވެ.
މި މައްސަަލައިގައި ހައްޔަރުކޮށްފައިވަނީ، ޏ. ފުވައްމުލައް ފުނާޑު ހެޕީލައިފް ރިލުވާން އަލީއެވެ.
އޭނާގެ ބަންދުގެ މުއްދަތު ޖެހުމަށް މިއަދު ކުރިމިނަލް ކޯޓުގައި ބޭއްވި ބަންދުގެ އަޑުއެހުމުގައި، ފުލުހުން ވަނީ އޭނާ އެ ސަރަހައްދުގައި އުޅޭތަން ފެންނަ ސީސީޓީވީ ސްނެޕްޝޮޓްތަކާއި، އިންޓެލިޖެންސް ރިޕޯޓު ހުށަހަޅައިފައެވެ.
ނަމަވެސް އަޑުއެހުމުގައި ކުށަށް އިއުތިރާފުވެ އޭނާ ބުނެފައިވަނީ، އެއީ ބަނގުރާ ބޮއިގެން ހުރެ ކުރެވުނު ކަމެއް ކަމަށެވެ.
ފުލުހުން ބުނެފައިވަނީ އޭނާ ގެއްލުންދިން ސައިކަލަކީ، އޭނާ ލޯބީގެގޮތުން ގުޅިގެން އުޅޭ ފަރާތުގެ ކުރީގެ ފިރިމީހާގެ ސައިކަލެއް ކަމަށެވެ. އަދި އޭނާއަކީ ކުށްކުރާ ޖަމާއަތަކަށް ނިސްބަތްވާ މީހެއް ކަމަށްވެސް ބުނެފައިވެއެވެ.
އެހެންކަމުން އެކިއެކި ކުށްތަކާ ގުޅިގެން ހައްޔަރުކުރުމާއި ބަންދު ކުރުުމުގެ ރެކޯޑު އޮތް މި މީހާ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަަމަށްޓަކައި 15 ދުވަހުގެ މުއްދަތަށް ކަސްޓޯޑިއަލް ޖަލެއްގައި ބަންދުކުރުމަށް ކުރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
ޚަބަރު
ޚަބަރު