މާލޭގެ ގެއެއްގެ ފަސްވަނަ ބުރިން ކުޑަކުއްޖަކު ވެއްޓެނިކޮށް ސަލާމަތްކޮށްފިއެވެ.
ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯއަކުން ފެންނަނީ ކުޑަކުއްޖަކު ކުޑަދޮރުމައްޗަށް އަރައި ބޭރަށް ދެފައި ތިރިކޮށް ފައިބަން އުޅޭ މަންޒަރެވެ. އެގޮތަށް ދެފަހަރެއްގެ މަތިން އެ ކުއްޖާ ކުޑަދޮރުން ދެފައި ތިރިކޮށްގެން ހުއްޓައި ވީޑިއޯއިން ފެނެއެވެ.
އެއިރު މަގުމަތީގައި ތިބި މީހުން އެ ކުއްޖާއަށް ގޮވައި، އެތެރެއަށް ވަންނަން ގޮވާ އަޑު އެ ވީޑިއޯއިން އިވެއެވެ.
ފަހުން އެ ކުއްޖާ ކުޑަދޮރުން ގޭގެތެރެއަށް އެ ކުއްޖާ ދަމައިގަންނަ މަންޒަރު ފެނެއެވެ.
އެކަމާ ގުޅިގެން ފުލުހުން މިރޭ ބުނީ އެ ހާދިސާގެ ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި އެކަމާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާ ކަމަށް ފުލުހުން ބުންޏެވެ. އަދި އެ ހާދިސާއާ ގުޅިގެން އެއްވެސް ފަރާތެއްގެ ކަންބޮޑުވުމެއް ނުވަތަ މައުލޫމާތެއްވާނަމަ 3322111 ގުޅައި އެ މައުލޫމާތެއް ފޯރުކޮށްދިނުމަށް ވަނީ އެދިފައެވެ.
ފުލުހުން ވަނީ އެ ހާދިސާގެ ވީޑިއޯ ދައުރު ނުކުރުމަށް ވެސް އެދިފައެވެ. އެފަދަ ވީޑިއޯތައް ދައުރުކުރުމުގެ ސަބަބުން އެ ކުއްޖާ އާއި ކުއްޖާގެ އާއިލާއަށް އާންމުންގެ ފާޑުކިޔުން އަމާޒުވެ ނަފުސާނީ އަނިޔާއަށް ހުށަހެޅިގެން ހިނގައިދާނެ ކަމަށް ފުލުހުން ބުންޏެވެ.
އެ ވީޑިއޯ ދައުރުކުރުމުގެ ސަބަބުން ކުއްޖާގެ އާއިލާގެ އިތުރުން އެ ވީޑިއޯ ފެންނަ ކޮންމެ މީހަކަށް ވެސް ނަފުސާނީ ގޮތުން އަސަރު ކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށް ފުލުހުން ބުންޏެވެ.
"މީގެ އިތުރުން، މިފަދަ މަންޒަރުތަކުގެ ސަބަބުން، ކުޑަކުދިން ނުވަތަ ވަލްނެރަބަލް މީހުން، ޓްރިގާވެ، އެ މީހުން ނުރައްކަލަށް ހުށަހެޅިދާނެ ކަމަށް އަޅުގަނޑުމެން ދެކެމެވެ،" ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެފަދަ ފޫޓޭޖުތައް ދައުރުކުރުމަކީ، ސޯޝަލް މީޑިއާގައި ސަމާލުކަން ހޯދުމަށް މަސައްކަތްކުރާ ސަގާފަތެއްގެ ގޮތުގައި އާލާވެ، ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ މުހިންމު ކަންކަމަށް ދެވޭ ސަމާލުކަން ކުޑަވަގެން ހިނގައިދާނެ ކަމަށެވެ.
"މީގެ ބަދަލުގައި ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އަހަމިއްޔަތުކަން ދީ، ކުޑަދޮރުތަކާއި ބެލްކަނިތައް ރައްކާތެރިކުރުމާއި، ކުޑަކުދިންނައް ނުރައްކާތާ ބެހޭގޮތުން ހޭލުންތެރިކުރުމާއި އަދި މިފަދަ ވީޑިއޯތައް އިތުރަށް ދައުރުކުރުމުގެ ބަދަލުގައި އެ ޕްލެޓްފޯމްތަކުން ނެގުމަށް ރިޕޯޓްކުރުން ފަދަ ކަންކަމަށް އިސްކަންދިނުމަށް މި ހިދުމަތުން ގޮވާލަމެވެ،" ފުލުހުން ބުންޏެވެ.
މީގެ އިތުރުން ފުލުހުން ބުނީ އެއްވެސް ފަރާތަކުން އެ ވީޑިއޯ ޝެއާކޮށްފައިވާނަމަ، އެ ނަގައި، އެހެން މީހުންނަށް ވެސް އެކަން ނުކުރުމަށް ބާރުއެޅުމަށް އިލްތިމާސްކުރާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު