ފުލުހުންގެ ހައުސިން ޕްރޮޖެކްޓް (ބްލޫސް ހައުސިން ޕްރޮޖެކްޓް)ގެ ދަށުން ހައުސިން ޔުނިޓު ހެދުމަށް ހަވާލުކުރި ނޫމަޑި ޕްރައިވެޓް ލިމިޓެޑަށް އެ މަސައްކަތް ނުނިންމުމުން، ދެން ވެސް އެ މަސައްކަތް ހަވާލުކޮށްފައިވަނީ އެ ކުންފުނީގެ ރެޕްރެޒެންޓޭޓިވް ހިންގާ ކުންފުނި ތަކަކަށް ކަމަށް އެ މަޝްރޫއާ ގުޅޭ ހާއްސަ އޮޑިޓް ރިޕޯޓުގައި ބުނެފިއެވެ.
އެ މަޝްރޫއުގެ ދަށުން 300 ހައުސިން ޔުނިޓު ހެދުމަށް ޕޮލްކޯ އިން ނޫމަޑިއާއެކު އެއްބަސްވުމުގައި ފުރަތަމަ ސޮއިކުރީ 19 ޖޫން 2013 ގައި 580 މިލިއަން ރުފިޔާއަށެވެ. އެއީ 24 މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ. ނަމަވެސް ފަހުން 341 ހައުސިން ޔުނިޓަށް އިތުރުކޮށް، އެއްބަސްވުން އިސްލާހުކުރިއެވެ. އަދި އެ މަޝްރޫއުގެ މަސައްކަތްތައް އެކި ސަބަބުތަކާ ހުރެ ލަސްވެ، ޑެޑްލައިންތަކަށް މަސައްކަތްތައް ނުނިންމޭތީ އެއްބަސްވުން ވަނީ 26 ޖެނުއަރީ 2016 ގައި ބާތިލުކޮށްފައެވެ.
ނޫމަޑިއާއެކު ހަދާފައިވާ އެއްބަސްވުން ބާތިލުކުރުމަށްފަހު، 22 ފެބްރުއަރީ 2022 ގައި ދެން އެ މަސައްކަތް ހަވާލުކޮށްފައިވަނީ އައިލެންޑް އެކްސްޕާޓް ނަމަކަށް ކިޔާ ކުންފުންޏަކާއެވެ. ބީލަމަކަށް ނުގޮސް އެ ކުންފުންޏާ އެ މަސައްކަތް ހަވާލުކުރީ 11.9 މިލިއަން ރުފިޔާގެ އަގަކަށް، 45 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމަން ޖެހޭ ގޮތަށެވެ.
އޮޑިޓް އޮފީހުން އިއްޔެ އާންމުކުރި ބްލޫސް ހައުސިން ޕްރޮޖެކްޓުގެ އޮޑިޓް ރިޕޯޓުގައި ބުނީ، ޕޮލްކޯއިން ދެވަނަ ފަހަރަށް އެހެން ފަރާތަކަށް އެ މަޝްރޫއުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އެފަދަ ބޮޑެތި މަޝްރޫއުގެ މަސައްކަތްތައް ކުރެވޭނެ ގާބިލިއްޔަތުކަން ހުރި ބައެއްތޯ ނުބަލައިކަން ފާހަގަކުރެވޭ ކަމަށެވެ.
އޭގެ އިތުރުން ދެ ފަހަރެއްގެ މަތިން އެ މަޝްރޫއުގެ މަސަައްކަތް ދެ ފަރާތަކާ ހަވާލުކުރެވިގެން ދިޔަ އިރު، އެ ދެ ފަހަރުވެސް ހަވާލުކުރި ފަރާތްތަކުގެ ޓެކްނިކަލް އިވެލުއޭޝަނެއް ހަދާފައިވާކަން އަންގައިދޭ ލިޔުމެއް ނެތްކަން ވެސް ފާހަގަކުރެވޭ ކަމަށް އޮޑިޓުގައި ބުންޏެވެ.
"އެހެނީ، އޮޑިޓަށް ފާހަގަކުރެވިފައިވާ ގޮތުގައި، ނޫމަޑީގެ 'ރެޕްރެޒެންޓޭޓިވް' އަކީ އައިލެންޑް އެކްސްޕާޓްގެ މެނޭޖިން ޑިރެކްޓަރެވެ. ނޫމަޑި ކޮންޓްރެކްޓުގެ ސަބް ކޮންޓްރެކްޓަކީ އައިލެންޑް އެކްސްޕާޓް ކަމަށް އޮޑިޓަށް ލިބިފައިވާ ބައެއް މައުލޫމާތުތަކުން ބެލެވޭތީ މިއީ ގާނޫނީގޮތުން އައު ކޮންޓްރެކްޓަރަކާ ހަވާލުކުރެވުނު މަސައްކަތެއް ކަމުގައިވިޔަސް، ސަބްސްޓަންސަށް ބަލާއިރު މިއީ ކުރީގެ ކޮންޓްރެކްޓް ދެމިއޮތުން ކަމުގައި ބެލެވެއެވެ،" އޮޑިޓުގައި ބުންޏެވެ.
އޮޑިޓުގައި އިތުރަށް ބުނީ އާ ކޮންޓްރެކްޓުގައިވާ އަގުތަކަކީ ބޮޑު ރޭތުތަކެއް ކަމުން އެއީ ޕޮލްކޯއަށް ގެއްލުންވާގޮތަށް ނަމަވެސް، ކޮންޓްރެކްޓަރަށް އިތުރު މަންފާތަކެއް ލިބޭގޮތަށް ހަމަޖެއްސުނު ގާނޫނީ އިންތިޒާމުތަކެއް ކަމުގައި ބެލެވޭ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު