ފުލުހުންގެ ހައުސިން ޕްރޮޖެކްޓް (ބްލޫސް ހައުސިން ޕްރޮޖެކްޓް)ގެ ދަށުން ހައުސިން ޔުނިޓު ހެދުމަށް ނޫމަޑި ޕްރައިވެޓް ލިމިޓެޑަށް ދައްކަން ޖެހޭ ފައިސާގެ އިތުރަށް 20 މިލިއަން ރުފިޔާ، ޕޮލްކޯއިން ދިން ކަމަށް އެ މަޝްރޫއާ ގުޅޭ ހާއްސަ އޮޑިޓް ރިޕޯޓުގައި ބުނެފިއެވެ.
އޮޑިޓް އޮފީހުން އިއްޔެ އާންމުކުރި ބްލޫސް ހައުސިން ޕްރޮޖެކްޓުގެ އޮޑިޓް ރިޕޯޓުގައި ބުނީ، ބާތިލުކުރި ޑިވެލޮޕްމަންޓް އެގްރިމެންޓުގެ ޝެޑިއުލް (ޕޭމަންޓް ޕްލޭން)ގެ 4 ގައި ބަޔާންކޮށްފައިވާ ގޮތުން، ޑައުންޕޭމަންޓް ނުހިމަނައި ކޮންޓްރެކްޓު އަގުގެ ބާކީ ފައިސާ ދައްކަންޖެހޭނީ 240 މަސްދުވަހުގެ އިންސްޓޯލްމަންޓަށް ބަހާލައިގެން ކަމަށެވެ.
އެ ފައިސާ ދައްކަން ފަށަން ޖެހޭ ތާރީހަކީ 8 ޑިސެމްބަރު 2015 ގައި ކަމަށާއި އެހެންކަމުން ޕޮލްކޯއިން ނޫމަޑިއަށް ފައިސާ ދައްކަން އެއްބަސްވެފައިވަނީ ކޮށްފައިވާ މަސައްކަތަށް އަގު ދެއްކުމުގެ ބަދަލުގައި ކޮންޓްރެކްޓުގެ ބާކީ ފައިސާ އިންސްޓޯލްމަންޓަށް ބަހާލައިގެންކަން ފާހަގަކުރެވޭ ކަމަށް އޮޑިޓުގައި ބުންޏެވެ.
އޮޑިޓުގައި ބުނީ އެ މާއްދާއާ އެއްގޮތަށް ޕޮލްކޯއިން ނޫމަޑިއަށް ފައިސާ ދައްކަމުންދާ ނަމަ، 26 ޖެނުއަރީ 2016 އާ ހަމައަށް ޕޮލްކޯއިން ޑައުންޕޭމަންޓް ނުހިމަނައި ނޫމަޑިއަށް ދައްކަންޖެހޭ ފައިސާގެ އަދަދަކީ 64.3 މިލިއަން ރުފިޔާ ކަމަށާއި ނަމަވެސް ޕޮލްކޯއިން ނޫމަޑިއަށް އެގްރިމެންޓް ބާތިލުކުރި ތާރީހުގެ ނިޔަލަށް ޖުމުލަ 96.3 މިލިއަން ރުފިޔާ ދައްކާފައިވާކަން ލިޔެކިޔުންތަކުން ފާހަގަކުރެވިފައިވާ ކަމަށެވެ.
"މިހެން ދިމާވެފައިވަނީ މަސައްކަތް ނިމެމުން ދާ މިންވަރު ވަޒަންކުރަން ބޭނުންކުރާ 'ޕްރޮޖެކްޓް ކޮމްޕްލީޝަން ސެޓްފިކެޓް'ތަކަށް ރިއާޔަތްނުކޮށް ކޮންޓްރެކްޓަރަށް ފައިސާ ދައްކަމުން ދިއުމުގެ ސަބަބުން ކަމަށް ބެލެވެއެވެ. މިކަމުގެ ނަތީޖާއެއްގެ ގޮތުން ކޮންޓްރެކްޓަރަށް ދައްކަން ޖެހޭ ފައިސާގެ އިތުރަށް 20.2 މިލިއަން ރުފިޔާ ދީފައިވެއެވެ،" އޮޑިޓުގައި ބުންޏެވެ.
ފުލުހުންގެ ހައުސިން ޕްރޮޖެކްޓް (ބްލޫސް ހައުސިން ޕްރޮޖެކްޓް)ގެ ދަށުން 300 ހައުސިން ޔުނިޓު ހެދުމަށް ޕޮލްކޯ އިން ނޫމަޑިއާއެކު އެއްބަސްވުމުގައި ފުރަތަމަ ސޮއިކުރީ 19 ޖޫން 2013 ގައި 580 މިލިއަން ރުފިޔާއަށެވެ. އެއީ 24 މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ. ނަމަވެސް ފަހުން 341 ހައުސިން ޔުނިޓަށް އިތުރުކޮށް، އެއްބަސްވުން އިސްލާހުކުރިއެވެ. އަދި އެ މަޝްރޫއުގެ މަސައްކަތްތައް އެކި ސަބަބުތަކާ ހުރެ ލަސްވެ، ޑެޑްލައިންތަކަށް މަސައްކަތްތައް ނުނިންމޭތީ އެއްބަސްވުން ވަނީ 26 ޖެނުއަރީ 2016 ގައި ބާތިލުކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު