ފުލުހުންގެ ހައުސިން ޕްރޮޖެކްޓް (ބްލޫސް ހައުސިން ޕްރޮޖެކްޓް)ގެ ދަށުން ހައުސިން ޔުނިޓު ހެދުމަށް ޕޮލްކޯއިން 96 މިލިއަން ރުފިޔާ ދެއްކި ނަމަވެސް ނޫމަޑި ޕްރިއިވެޓް ލިމިޓެޑުގެ މަސައްކަތުގެ އަގަކީ 38 މިލިއަން ރުފިޔާ ކަމަށް އެ މަޝްރޫއުގެ ހާއްސަ އޮޑިޓް ރިޕޯޓުގައި ބުނެފިއެވެ.
ފުލުހުންގެ ހައުސިން ޕްރޮޖެކްޓް (ބްލޫސް ހައުސިން ޕްރޮޖެކްޓް)ގެ ދަށުން 300 ހައުސިން ޔުނިޓު ހެދުމަށް ޕޮލްކޯ އިން ނޫމަޑިއާއެކު އެއްބަސްވުމުގައި ފުރަތަމަ ސޮއިކުރީ 19 ޖޫން 2013 ގައި 580 މިލިއަން ރުފިޔާއަށެވެ. އެއީ 24 މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ. ނަމަވެސް ފަހުން 341 ހައުސިން ޔުނިޓަށް އިތުރުކޮށް، އެއްބަސްވުން އިސްލާހުކުރިއެވެ. އަދި އެ މަޝްރޫއުގެ މަސައްކަތްތައް އެކި ސަބަބުތަކާ ހުރެ ލަސްވެ، ޑެޑްލައިންތަކަށް މަސައްކަތްތައް ނުނިންމޭތީ އެއްބަސްވުން ވަނީ 26 ޖެނުއަރީ 2016 ގައި ބާތިލުކޮށްފައެވެ.
އޮޑިޓް އޮފީހުން މިއަދު އާންމުކުރި ބްލޫސް ހައުސިން ޕްރޮޖެކްޓުގެ އޮޑިޓް ރިޕޯޓުގައިވާ ގޮތުން، ނޫމަޑިއާއެކު ވެފައިވާ އެއްބަސްވުން ބާތިލުކުރުމުގެ ގޮތުން، ނޫމަޑިން ކޮށްފައިވާ މަސައްކަތުގެ އަގު ބަލައި ވެލުއޭޝަން ރިޕޯޓެއް ތައްޔާރުކުރުމަށް ޕޮލްކޯއިން ކުއަންޓިޓީ ސާވޭޔާއަކާ ހަވާލުކޮށްފައިވާ ކަމަށެވެ.
އެ ސާވޭޔާ ތައްޔާރުކޮށްފައިވާ ވެލުއޭޝަން ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުން ހައުސިން ޔުނިޓުތަކުގެ މަސައްކަތް ވަނީ، ކުރިން ކަނޑައެޅިފައިވާ 12 މަސްދުވަހަށްވުރެ ލަސްވެފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައި ބުންޏެވެ.
"މި އެއްބަސްވުން ބާތިލުކުރުމުގެ ގޮތުން ދެ ފަރާތުން ސޮއިކޮށްފައިވާ ޓާމިނޭޝަން އެގްރީމެންޓުގައިވާ ގޮތުން ޕޮލްކޯ އިން ނޫމަޑިއަށް ޖުމުލަ 96،324،296 (ނުވަދިހަ ހަ މިލިއަން ތިން ލައްކަ ސައުވީސް ހާސް ދުއިސައްތަ ނުވަދިހަ ހައެއް) ރުފިޔާ ދައްކާފައިވާ އިރު، ނޫމަޑިން ކޮށްފައިވާ މަސައްކަތުގެ އަގަކީ 38،202،432 (ތިރީސް އަށް މިލިއަން ދެ ލައްކަ ހަތަރު ސަތޭކަ ތިރީސް ދޭއް) ރުފިޔާއެވެ..،" އޮޑިޓް ރިޕޯޓުގައި ބުންޏެވެ.
އޮޑިޓުގައި ބުނީ އޭގެ އިތުރުން ނޫމަޑިން އެ މަސައްކަތްކުރަން ގަނެފައިވާ އިކުއިޕްމަންޓާއި ބިމުގެ އަގުގެ 80 ޕަސަންޓަށް އެޗްޑީސީއަށް ދައްކާފައިވާ އަދަދާއި އެހެނިހެން ހަރަދުގެ ގޮތުގައި 37.8 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ޓާމިނޭޝަން އެއްބަސްވުމުގެ ޝެޑިއުލްގައި ބަޔާންކޮށްފައިވާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު