ފުލުހުންގެ ހައުސިން މަޝްރޫއު (ބްލޫސް ހައުސިން ޕްރޮޖެކްޓު)ގެ ދަށުން ފުލެޓުކުގައި ހަރުކުރުމަށް ގެންނަ 12 ލިފްޓަށް ފައިސާ ދިން ނަމަވެސް، މިހާތަނަށް ގެނެވުނީ ހަތް ލިފްޓު ކަމަށް އެ މަޝްރޫއުގެ ހާއްސަ އޮޑިޓް ރިޕޯޓުގައި ބުނެފިއެވެ.
އޮޑިޓް އޮފީހުން މިއަދު އާންމުކުރި ބްލޫސް ހައުސިން ޕްރޮޖެކްޓުގެ އޮޑިޓް ރިޕޯޓްގައިވާ ގޮތުން އެމްޓީސީސީއާ އެކު ސޮއިކޮށްފައިވާ އެއްބަސްވުމުގެ ދަށުން ތިން ޕެސެންޖާ ލިފްޓް އިންސްޓޯލް ކުރުމަށް ޕޮލްކޯއިން 480,006 ރުފިޔާ ދައްކަން އެއްބަސްވެފައިވެއެވެ.
ޕޮލްކޯއިން އައިލެންޑް އެކްސްޕާޓާ އެކު ސޮއިކޮށްފައިވާ ދެވަނާ އެއްބަސްވުމުގެ ދަށުން ތިން ޓަވަރަށް 12 ލިފްޓް ފޯރުކޮށްދިނުމަށް 17.2 މިލިއަން ރުފިޔާ (ލިފްޓްގެ އަގުގެ 89 ޕަސަންޓު) ދައްކާފައިވާ އިރު، ލިބިފައިވަނީ އެންމެ ހަތަރު ލިފްޓެވެ. އަދި ދެ ކޯމަސް އާއެކު ސޮއިކޮށްފައިވާ އެއްބަސްވުމުގެ ދަށުން ހަ ޕެސެންޖާ ލިފްޓާއި ދެ ބެޑް ލިފްޓް ހޯދުމަށާއި އިންސްޓޯލް ކުރުމަށް 180،824 ރުފިޔާ ހަރަދުކޮށްފައިވެއެވެ.
މީގެ އިތުރުން ޕޮލްކޯއިން ހާއޯއާ އެކު ތިން އެއްބަސްވުމެއް ސޮއިކޮށްފައިވާ އިރު، ލިފްޓް އިންސްޓޯލް ކުރުމާއި ސްޕެއާ ޕާޓްސް ގަތުމަށާއި އަށް ލިފްޓް ހަރުކުރަން އެ ކުންފުންޏަށް ވަނީ 10 މިލިއަން ރުފިޔާ ދައްކައިފައެވެ. އެއީ މަސައްކަތުގެ ޖުމްލަ އަގުގެ 53 ޕަސެންޓެވެ.
މި ޕްރޮޖެކްޓަށް ބޭނުންވާ 12 ލިފްޓް (ނުވަ ޕެސެންޖާ ލިފްޓް އަދި ތިން ބެޑް ލިފްޓް) ހޯދުމަށް 19.5 މިލިއަން ރުފިޔާ ހަރަދުކުރުމަށް އެއްބަސްވެފައިވީ ނަމަވެސް، 30 ނޮވެމްބަރު 2024 ގެ ނިޔަލަށް ޖުމްލަ 28.3 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށާއި ނަމަވެސް ޕްރޮޖެކްޓަށް މިހާތަނަށް ލިބިފައިވަނީ އެންމެ ހަތް ލިފްޓު ކަމަށް ވެސް އޮޑިޓް ރިޕޯޓްގައި ބުނެފައިވެއެވެ.
"މި މަޝްރޫއަށް ބޭނުންވާ ސްޕެސިފިކޭޝަން ލިފްޓެއް ސަޕްލައިކޮށް އިންސްޓޯލް ކުރުމުގެ މާކެޓް ރޭޓަކީ މިއޮފީހުން ބެލިބެލުމުން އެންމެ ބޮޑުވެގެން ވެސް އެއް މިލިއަން ރުފިޔާ ކަމުން، މި މަޝްރޫއުގެ ތިން ޓަވަރަށް ބޭނުންވާ 12 ލިފްޓަށް އެންމެ ބޮޑުވެގެންވެސް ހަރަދުވާނީ 12 މިލިއަން ރުފިޔާ ކަމަށް ބެލެވޭއިރު، އޮޑިޓް ކުރެވުނު ތާރީހުގެ ނިޔަލަށް ލިފްޓް ސަޕްލައިކުރުމާއި އިންސްޓޯލް ކުރުމަށް 28.3 މިލިއަން ޕޮލްކޯއިން ހަރަދުކޮށް، އެންމެ ހަތް ލިފްޓް ލިބިފައިވާކަން ފާހަގަކުރަމެވެ،" އޮޑިޓް ރިޕޯޓްގައިވެއެވެ.
އެހެންކަމުން އެ ހަތް ފްލެޓަށް މިހާތަނަށް އެވްރެޖްކޮށް ލިފްޓަކަށް ހަތަރު މިލިއަން ރުފިޔާ ޕޮލްކޯއިން ހަރަދުކޮށްފައިވާ ކަމަށްވެސް އޮޑިޓް އޮފީހުން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު