ހ. ވެޔޮވިލާގައި ހިންގަމުންގެންދިޔަ އެމްޑީޕީގެ ކުރީގެ މައި ހަރުގެ ހުރި ބިން ހުސްކުރުމަށް އެތަނުގެ ވެރި ފަރާތް ކަމަށްވާ، ޝަފީއާ ޒުބެއިރު އެންގި މައްސަލައިގައި އެތަން އަނބުރާ ހޯދަން އެމްޑީޕީން ސިވިލް ކޯޓުގައި ކުރި ދައުވާ އަނބުރާ ގެންގޮސްފިއެވެ.

ޝަފިއްޔާ ޒުބެއިރަކީވެސް އެމްޑީޕީގެ ކުރީސަފުގައި އޭރު ހަރަކާތްތެރިވި މީހެކެވެ. އެތަން އޭރު ހުރީ އެމްޑީޕީއަށްް ކުއްޔަށް ދީފައެވެ.

ނަމަވެސް އެމްޑީޕީގެ ވެރިކަމުގައި ރައީސް އިބްރާހިމް ސޯލިހާއި، އެމްޑީޕީގެ ރައީސްގެ ގޮތުގައި އޭރު ހުންނެވި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދާ ދެމެދު ހިޔާލު ތަފާތުވުން ބޮޑުވެ ނަޝީދަށް ތާއީދުކުރާ މީހުން އެމްޑީޕީން ވަކިވީއިރު ޝަފިއްޔާވެސް 2023 ވަނަ އަހަރު އެ ޕާޓީން ވަކިވިއެވެ. އަދި އެތަން ހުސްކުރަން އެމްޑީޕީއަށް ދިން މުއްދަތު ހަމަވުމުން، އެމްޑީޕީން ވަކިވި މީހުން އުފެއްދި ދަ ޑިމޮކްރެޓްސްގެ ހަރުގެ ހެދިއެވެ. ނަމަވެސް މިހާރު އެތަނުގައި ހިންގަނީ ވެރިކަންކުރާ ޕީއެންސީގެ ޖަހަގައެވެ.

އެކަމާ ގުޅިގެން އެމްޑީޕީން ސިވިލް ކޯޓުގައި ދައުވާކުރީ ހަރުގެ ހުސްކުރަން އެންގީ އެތަން ކުއްޔަށް ދިނުމާބެހޭ އެއްބަސްވުމާ ހިލާފަށް ކަމަށް ބުނެއެވެ. އެހެންވެ އެ ޕާޓީން ކޯޓުގައި އެދުނީ ދައްކަމުންދިޔަ ކުލީގައި އެތަން ބޭނުން ކުރުމުގެ ހައްގު އެ ޕާޓީއަށް އޮންނާނެ ކަމަށް ކަނޑައަޅައިދިނުމަށެވެ.

ނަމަވެސް މި މައްސަލައިގައި ސިވިލްކޯޓުން މިއަދު ކުރި ހުކުމުގައި ވަނީ، ޝަފިއްޔާ ޒުބެއިރުގެ މައްޗަށް ކޮށްފައިވާ ދައުވާ އެމްޑީޕީން އަނބުރާ ގެންގޮސްފައިވާތީ މި ގަޒިއްޔާ ނިންމީ ކަމަށެވެ.

ދައުވާ ގެންދަން އެމްޑީޕީން ހުށަހަޅާފައިވަނީ، މި މައްސަލަ ކުރިއަށް ގެންދިއުމަކީ ދައުވާކުރާ ފަރާތަށާއި ދައުވާ ލިބޭ ފަރާތަށް އިތުރު އެއްވެސް ފައިސާއެއް ނުލިބި، ވަގުތުގެ ގޮތުންނާއި މާލީގޮތުން އިތުރު އެތައް ގެއްލުންތަކެއް ވާނެ ކަމަކަށް ވާތީ ކަމަށްވެސް ބުނެފައިވެއެވެ.