ތުރުކީގެ މަޝްހޫރު ސްކައި ރިސޯޓް ހޮޓަލެއް ކަމަށްވާ ގްރޭންޑް ކާޓަލްގައި ހިނގި އަލިފާނުގެ ހާދިސާގައި މަރުވި މީހުންގެ އަދަދު 76 އަށް އަރައިފިއެވެ.

ގްރޭންޑް ކާޓަލް ހޮޓަލުގައި މިދިޔަ އަންގާރަ ދުވަހު ހިނގި އެ ހާދިސާގައި މަރުވި މީހުންގެ އަދަދު 76 އަށް އަރާފައިވާއިރު ގިނަ ބަޔަކަށް އަނިޔާވެގެން އަދިވެސް ފަރުވާ ދެމުން އަންނަ ކަމަށް އޮފިޝަލުން ބުނެއެވެ.

ހާދިސާ ހިނގި ވަގުތު ހޮޓަލުގައި 238 މީހުން ތިބި ކަމަށާއި އިމާރާތުގައި ރޯވި ވަގުތު އެތެރޭގައި ގިނަ ބަޔަކު ތާށިވުމުގެ އިތުރުން ސަލާމަތް ވުމަށް ކުޑަދޮރުތަކުން ގިނަ ބަޔަކު ފުންމާލުމުގެ ސަބަބުން މަރުވި މީހުންގެ އަދަދު އިތުރުވެފައިވާކަމަށް އޮފިޝަލުން ބުނެއެވެ. ރެސްކިއު އޮފިޝަލުން ވަނީ ހާދިސާ ހިނގި އިމާރާތް ބަލައި އިތުރު މީހެއްގެ ހަށިގަނޑު ފެނޭތޯ ފާސް ކޮށްފައި ކަމަށާއި މަރުވި މީހުންގެ އަދަދު ކަށަވަރު ވެފައިވާކަމަށް ބުނެފައެވެ.

ތުރުކީގެ އިންޓީރިއާ މިނިސްޓަރު، އަލީ ޔާލިކަޔާ ވަނީ އެ ހާދިސާ ހިނގި ގޮތް ހޯދުމަށް ހާއްސަ ތަހުގީގެއް ފަށާފައިވާ ކަމަށާއި މިހާތަނަށް ނުވަ މީހަކު ހައްޔަރުކޮށްފައިވާކަމަށް ވިދާޅުވެފައެވެ. ހައްޔަރު ކޮށްފައިވާ މީހުންގެ ތެރޭގައި އެ ހޮޓަލުގެ ވެރިޔާވެސް ހިމެނޭކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

ތުރުކީގެ ރައީސް ރަޖިބު ތައްޔިބު އުރުދުގާން ވަނީ އެ ހާދިސާގެ ސަބަބުން އަންގާރަ ދުވަހަކީ އެ ގައުމުގައި ހިތާމައިގެ ދުވަހެއްގެ ގޮތުގައި ކަނޑައަޅުއްވައިފައެވެ. މީގެ އިތުރުން ރައީސް އުރުދުގާން ވަނީ ހާދިސާ ތަހުގީގުކޮށް އެކަމުގައި އިހުމާލުވާ މީހުން ހޯދައި ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ވިދާޅުވެފައެވެ.