ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމު މަރާލަން އުޅުނު މައްސަލައިގައި ދައުލަތުން ދައުވާކޮށްފައިވާ މީހުންނާ ދެކޮޅަށް ޝަމީމު މިއަދު ހެކިބަސް ދެއްވައިފިއެވެ.
އެ މައްސަލައިގައި ދައުވާކޮށްފައިވަނީ ރ. އަލިފުށި/ ރިވެލި، މިދުހަތު އާދަމް (24އ)، ލ. ގަން، ތުނޑި/ ޖަވާހިރުވިލާ، މުހައްމަދު ޖަޒްލާން، މާލޭ/ ދަފްތަރު ނަންބަރު 2247، އަހުމަދު މައިސާން ހާޝިމް (20އ)، ތ. ގާދިއްފުށި/ މުސްތަރީގެ، ޝަމާލް ހުސެން (21އ)، އދ. މާމިގިލި/ ކެމީހިޔާ، ޒަޔާން ނަސީރު (23އ)ގެ އިތުރުން ތ. ދިޔަމިގިލި/ ރުވާ، އަބާން އަބްދުއްހައްނާން (23އ) އަދި ލ. މާމެންދޫ/ މުރިނގު، ރަޖުވާން ލަތީފް (22އ) އެވެ.
ދައުލަތުން އެ ހުރިހާ މީހުންގެ މައްޗަށް ކޮށްފައިވަނީ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މަރާލަން އުޅުމުގެ ކުށުގެ ދައުވާއެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ވަނީ އެ މައްސަލައިގެ އަޑުއެހުމެއް ބާއްވައިފައެވެ. އެ އަޑުއެހުމުގައި ދައުލަތުގެ ފަރާތުން ހުށަހެޅި ހެކިވެރިއެއްގެ ގޮތުގައި ޝަރީއަތަށް ހާޒިރުވެ ޝަމީމް ވިދާޅުވީ އޭނާ ހެނދުނު ކަސްރަތު ކުރެއްވުމަށް ގެއިން ނުކުންނެވި އިރު، ދެ މީހަކު މަޑުކޮށްގެން ތިއްބައި ފެނުނު ކަމަށާއި އެ ދެ މީހުން ތިބީ ސައިކަލެއްގެ މަތީގައި ކަމަށެވެ. އެ ދުވަހު ކަސްރަތު ކުރެއްވުމަށްފަހު ގެއާ ހަމައަށް ވަޑައިގެންނެވިއިރުވެސް ބަޔަކު ފާރަލަމުންދާކަމުގެ އިހުސާސް ކުރެވެމުންދިޔަ ކަމަށްވެސް ޝަމީމް ވިދާޅުވިއެވެ.
ޝަމީމް ވިދާޅުވީ ސައިކަލު ޕާކުކޮށްފައި ގެއަށް ވަންނަން އުޅެނިކޮށް ބާރު ސްޕީޑުގައި ދުއްވާފައި އައި ސައިކަލެއްގައި ހުރި މީހެއް ހަމަލާދިނުމަށް މަސައްކަތް ކުރި ކަމަށެވެ. ސައިކަލުގައި އިން މީހާ ދިން ހަމަލާ އަމާޒުވީ އޭނާގެ އަތަށް ކަމަށާއި ހަމަލާދީފައިވަނީ މަރުތޭލަކުން ކަމަށްވެސް ޝަމީމް ވިދާޅުވިއެވެ.
ޝަމީމު ވިދާޅުވި ގޮތުގައި އެ ހަމަލާ އަމާޒުކޮށްފައިވަނީ އޭނާގެ ބޮލަށެވެ. ނަމަވެސް ބޮލަށް އެ ހަމާލާ އަމާޒުނުވީ ހަމަލާއިން ދިފާއުވުމުގެ ގޮތުން އަތް ނެގުމުގެ ސަބަބުން ކަމަށާއި ހަމަލާދިނުމަށް ބޭނުންކުރި މަރުތެޔޮ ބިންމައްޗަށް ވެއްޓުމުން ސައިކަލުގައި އައި މީހުން އެ މަރުތެޔޮ ނަގައިގެން އެ ތަނުން ގޮސްފައިވަނީ ދުވެފައި ކަމަށް ޝަމީމް ވިދާޅުވިއެވެ.
ދެން ހެކިބަސް ދީފައިވަނީ ޝަމީމް ގޮވައިގެން ހޮސްޕިޓަލަށް ދިޔަ މީހާއެވެ. އޭނާ ހެކިބަސް ދެމުން ބުނީ ޝަމީމު ގޮވައިގެން ހޮސްޕިޓަލަށް ގެންގޮސްފައިވާނެ ކަމަށެވެ. ޝަމީމު ފެނުނުއިރު އޭނާގެ އަތުގައި ލޭ ހުރި ކަމަށާއި ޝަމީމު ގޮވައިގެން ދިޔައީ އޭޑީކޭއަށް ކަމަށް އެ ހެކިވެރިޔާ ބުންޏެވެ.
މި މައްސަަލަ ބައްލަވަނީ ގާޒީ އިބްރާހިމް އިހުސާނެވެ. ގާޒީ ވިދާޅުވީ ދެން މި މައްސަލައިގައި އަޑުއެހުން ބާއްވާނީ އަންނަ ހޮނިހިރު ދުވަހު ކަމަށެވެ.
މި މައްސަލައިގައި އެންމެފަހުން އަޑުއެހުމެއް ބާއްވާފައިވަނީ 2024 ނޮވެމްބަރު 14 ގައެވެ. އެ ދުވަހުގެ އަޑުއެހުމުގައި ދައުލަތުން ވަނީ ދައުވާ ލިބޭ މީހުންނާ ދެކޮޅަށް ދައުވާ އިއްވައި، ދައުވާ ސާފުކޮށްދެއްވައިފައެވެ.
ދައުލަތުން ވިދާޅުވެފައިވަނީ ޝަމީމަށް ހަމަލާދިނުމުގެ ކަންކަން ރޭވީ މިދުހަތު ކަމަށެވެ. މިދުހަތު ރޭވީ ޝަމީމް ނޫރު މިސްކިތް ކައިރީގައި ހުއްޓައި ގޮސް ހަމަލާދިނުމަށެވެ. މިދުހަތު އެ ހަމަލާ ރޭވީ އިތުރު ބަޔަކާއެކު ކަމަށް ދައުލަތުން ވިދާޅުވެފައިވެއެވެ. ޝަމީމުގެ ބޮލުގައި މަރުތޭލަކުން ޖަހައިފައިވަނީ މިދުހަތު ކަމަށް ވެސް ދައުލަތުން ވިދާޅުވެފައިވެއެވެ.
ޝަމީމަށް ހަމަލާ ދިނުމަށް މިދުހަތު ރޭވި ރޭވުމުގައި ޖަޒްލާން ހިމެނޭ ކަމަށް ދައުލަތުން ވިދާޅުވެފައިވެއެވެ. ދައުލަތުން ވިދާޅުވެފައިވަނީ ޝަމީމަށް ހަލަމާ ދިނުމުގެ ގޮތުން މިދުހަތު ނޫރު މިސްކިތް ކައިރިއަށް ގެންދިޔައީ ޖަޒްލާން ކަމަށެވެ. މިދުހަތު ނޫރު މިސްކިތް ކައިރިއަށް ގެންދިއުމަށް ޖަޒްލާން ބޭނުންކުރި ސައިކަލް ހޯދައިދީފައިވަނީ މައިސާން ކަމަށް ދައުލަތުން ވިދާޅުވެފައިވެއެވެ.
އެ މައްސަލައިގައި ދެން ދައުވާ ލިބޭ މީހުން ތިބީ ޝަމީމަށް ހަމަލާދީ ނިމެންދެން ކާރެއްގައި އެ ސަރަހައްދުގައި މަޑުކޮށްގެން ކަމަށް ދައުލަތުން ވިދާޅުވެފައިވެއެވެ. އެ މީހުން އެ ސަރަހައްދުން ގޮސްފައިވަނީ ޝަމީމަށް ހަމަލާދިން މީހުންނާއެކު ކަމަށް ދައުލަތުން ވިދާޅުވެފައިވެއެވެ.
ދައުލަތުން ދައުވާ އިއްވައި ނިމުމުން އެ މީހުންގެ ވަކީލު މުހައްމަދު އިސްމާއީލް ވިދާޅުވެފައިވަނީ ދައުވާ ރައްދުވާ ހުރިހާ ފަރާތްތަކުން ދައުވާއަށް އިންކާރުކުރާ ކަމަށެވެ. އެހެންވެ މައްސަލައިގެ ހެކި ހާމަކުރަން ގާޒީ ދައުލަތަށް އެންގުމުން ދައުލަތުން ވަނީ ހެކި ހާމަކޮށްފައެވެ.
ދައުވާ ލިބޭ މީހުންނާ ދެކޮޅަށް ދައުލަތުން ހުށަހަޅައިފައިވާ ހެކިތަކުގެ ތެރޭގައި ޝަމީމުގެ އިތުރުން ޝަމީމަށް ހަމަލާދިން މަންޒަރު ފެނުނު މީހުން ހިމެނެއެވެ. އަދި ވަނީ މައްސަލަ ތަހުގީގުކުރި ފުލުހުން ހެކީގެ ގޮތުގައި ހުށަހަޅައިފައެވެ. މީގެ އިތުރުން ފުލުހުން ތައްޔާރުކޮށްފައިވާ ވީޑިއޯ އެނަލިސިސްގެ ވީޑިއޯކާއި ދައުވާ ރައްދުވާ ފަރާތްތަކުގެ މަންޒަރުތައް ދައްކުވައިދޭ އެނަލިސިސް ފޫޓޭޖެއް ހިމެނެއެވެ. ދައުވާ ރައްދުވާ ފަރާތްތަކަކީ ގޭންގަކަށް ނިސްބަތްވާ ބައެެއްކަން ސާބިތުކުރުމުގެ ގޮތުން އެމީހުންގެ ސޯޝަލް މީޑިއާ އެކައުންޓްތަކުގެ އެނަލިސިސް ރިޕޯޓަކާއި ފުލުހުންގެ ތެރެއިން ގޭންގު ކުށްތަކުގެ ދެ ތަޖުރިބާކާރު ފުލުހަކު ހެކީގެ ގޮތުގައި ދައުލަތުން ވަނީ ހުށަހަޅައިފައެވެ.
މޫނު ފޮރުވައި، ހެލްމެޓް އަޅައިގެން ތިބި ބަޔަކު މަރުތޭލަކުން ޝަމީމަށް ހަމަލާ ދިނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ. އެ ހަމަލާ ދީފައިވަނީ ޝަމީމުގެ ދަރިފުޅު ސްކޫލަށް ގެންދިއުމަށްފަހު އެނބުރި ގެއަށް ވަޑައިގަންނަވަނިކޮށް އޭނާ ދިރިއުޅުއްވާ ގޭގެ ދޮރުމަތިންނެވެ. މި ހާދިސާއާ ގުޅިގެން ލިބުނު އަނިޔާގައި އަތުގެ އުޅަނބޮށިން ތިރީގެ ބައެއް ކަށިތަކުގައި ރެނދުލައިގެން ޝަމީމް ފަރުވާ ހޯއްދެއްވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު