ވިހެއުމުން ލިބޭ ހަ މަސް ދުވަހުގެ ޗުއްޓީ (މެޓާނިޓީ ލީވް) ގެ މުއްދަތުގައި ދަރިފުޅު މަރުވިޔަސް، މުވައްޒަފުންނަށް ޗުއްޓީ ހަމަޖައްސައިދޭ ގޮތް ހަދަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ .
މި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެވެ.
އޭނާ މަޖިލީހަށް ހުށަހަޅުއްވާފައިވަނީ ވިހެއުމުން ޗުއްޓީގައި މުވައްޒަފަކު ހުއްޓައި ދަރިފުޅު މަރުވެއްޖެ ނަމަ، ޖެހިގެން އަންނަ ދުވަހުން ފެށިގެން މަސައްކަތަށް ނުކުންނަން ނުޖެހޭނެ ގޮތަކަށް ޗުއްޓީ ހަމަޖެއްސުމަށެވެ.
އިތުރު ޗުއްޓީއެއް ނެތި ޖެހިގެން އަންނަ ދުވަހު މުވައްޒަފު ވަޒީފާއަށް ނުކުންނަން ޖެހުމަކީ އެ މުވައްޒަފާއި އާއިލާއަށް އިތުރު ހިތްދަތިކަމާއި ތަކުލީފު އުފުލަން ޖެހޭނެ ކަމަކަށްވާތީ، މަޖިލީހުގެ ކަމާގުޅޭ ކޮމިޓީން ދިރާސާކޮށް، އެކަމަށް ހައްލެއް ހޯދައިދިނުމަށް ކުޑޫ ވަނީ އެދިވަޑައިގެންފައެވެ.
ކުޑޫ މި މައްސަލަ މަޖިލީހަށް ވައްދާފައި މިވަނީ، މެޓާނިޓީ ލީވްގެ ތެރޭގައި ދަރިފުޅު މަރުވުމުން، އަނބުރާ ވަޒީފާއަށް ނުކުތުމަށް ސަރުކާރުގެ ދެ އިދާރާއަކުން އެންގި މައްސަލައެއް ފެންމަތިވެފައި ވަނިކޮށެވެ.
އެކަމާ ގުޅިގެން މެޓާނިޓީގައި ލީވްގައި ހުއްޓައި ދަރިފުޅު މަރުވިޔަސް ޗުއްޓީ ކެންސަލް ނުވާ ގޮތަށް ބަދަލުކުރަން ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހަޅަން ހިލޭ ސާބަހަށް ވަކާލާތުކޮށްދޭ، ޕަބްލިކް އިންޓްރެސްޓް ލޯ ސެންޓަރު (ޕީއައިއެލްސީ) އިން ވަނީ ނިންމައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު