ރަށު އެކްސްޕޯގެ ޓައިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖައްސައިފިއެވެ

ދަ ޓްރެވެލް ގާއީޒްއިން އިސްނަގައިގެން ކުރިއަށްގެންދާ ރާއްޖޭގެ ފުރަތަމަ ޑޮމެސްޓިކް ޓޫރިޒަމް އެކްސްޕޯ، "ރަށު އެކްސްޕޯ 2025" ކުރިއަށްދާނީ އަންނަ މަހުގެ 13 އިން 15 އަށް ހުޅުމާލޭ ސެންޓްރަލް ޕާކްގައެވެ.

ދިރާގުން ބުނީ އެ އެކްސްޕޯގެ ޓައިޓަލް ޕާޓްނަރަކަށް އެ ކުންފުނި ހަމަޖެއްސުމުން ރަމްޒުކޮށްދެނީ އަތޮޅުތެރޭގެ ފަތުރުވެރިކަން ކުރިއަރުވަން އެ ކުންފުނިން ކުރާ މަސައްކަތުގެ އަގު ވަޒަންކުރާކަން ކަމަށެވެ.

"ރަށު އެކްސްޕޯ 2025" ގެ ޓައިޓަލް ޕާޓްނަރަކަށް ދިރާގު ބައިވެރިވުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް،" ޓްރެވަލް ގާއީޒްގެ ޑިރެކްޓަރު ޑރ. ހުސައިން ސަނީ އުމަރު ވިދާޅުވި އެވެ.

ޓައިޓަލް ޕާޓްނަރެއްގެ ހައިސިއްޔަތުން ދިރާގުން "ރަށު އެކްސްޕޯ 2025" ގެ މުހިންމު ކަންކަމަށް ބާރު ދިނުމުގައި މުހިންމު ދައުރެއް އަދާކުރާނެ އެވެ. އޭގެ ތެރޭގައި ޑިޖިޓަލް އިނީޝިއޭޓިވްތަކަށް އެހީތެރިވުމާއި ކަނެކްޓިވިޓީ އިތުރުކުރުމަށް މަގުފަހިކޮށްދިނުމާއި މުޅި އިވެންޓުގައި ބައިވެރިވާ ފަރާތްތަކަށާއި ބައިވެރިންނަށް މެދުނުކެނޑި އިންޓަނެޓްގެ ތަޖުރިބާ ހޯދައިދިނުން ހިމެނެއެވެ.

"ރަށު އެކްސްޕޯ 2025 ގެ ޓައިޓަލް ޕާޓްނަރަކަށް ވުމަކީ އަޅުގަނޑުމެންނަށް ލިބޭ ޝަރަފެއް. މި ޕާޓްނާޝިޕްގެ ސަބަބުން ލޯކަލް ޓުއަރިޒަމް ކުރިއެރުވުމަށާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރަމުން އަންނަ މަސައްކަތްދައްކުވައިދޭ. ރަށު އެކްސްޕޯއަކީ އަޅުގަނޑުމެންގެ މުއްސަނދި ސަގާފަތް ފާހަގަކޮށް، ދިވެހި ވިޔަފާރިތައް ފުޅާ ދާއިރާއެއްގައި ބެލުންތެރިންނާ ގުޅާލުމަށް ލިބޭ ވަރަށް ރަނގަޅު ފުރުސަތެއް،" ދިރާގުގެ ޑައިރެކްޓާ ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް މުހައްމަދު މިރުޝާން ހަސަން ވިދާޅުވި އެވެ.

"ރަށު އެކްސްޕޯ 2025" ގެ ދަށުން ގެސްޓްހައުސްތަކާއި ލޯކަލް ވިޔަފާރިތަކާއި ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތައް އެއްތަނަކަށް ގެނެސް ރާއްޖޭގެ ރަށްރަށުގެ ތަފާތު ހުށަހެޅުންތައް ފާހަގަކުރުމަށް ވަނީ ހަމަޖެހިފައެވެ.