ރާއްޖޭގެ 55 ރަށެއްގައި ކައުންސިލުގެ އާ އިމާރާތް ހެދުމަށް މެލޭޝިއާގެ ކުންފުންޏަކާ ހަވާލުކޮށްފިއެވެ.
އެ މަސައްކަތް ހަވާލުކުރުމަށް އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ ޑރ. ފާތިމަތު މުނާއެވެ. އަދި ކޮންޓްރެކްޓާގެ ފަރާތުން ސޮއިކުރެއްވީ ހެކްސްޓާ ގްލޯބަލްގެ މެނޭޖިން ޑިރެކްޓަރު އަލީ ޝަރީފެވެ.
ލޯކަލް ގަވަމަންޓް މިނިސްޓްރީން ބުނީ މިއަދު ސޮއިކުރެވުނު މަޝްރޫއުގެ ދަށުން އިމާރާތްކުރުމަށް ހަމަޖެހިފައިވާ 55 ކައުންސިލް އިދާރާގެ މަސައްކަތް ފެށި، އެ އިމާރާތްތަކުގެ ފަސޭހަކަން ކައުންސިލުތަކަށް ކުރިއަށްއޮތް އަހަރުތެރޭ ލިބިގެންދާނެ ކަމަށް އުންމީދުކުރާ ކަމަށެވެ.
އެ އެއްބަސްވުމުގައި ސޮއިކުރި ނަމަވެސް، އާ ކައުންސިލު އިދާރާތަކަށް ހަދަނީ ކޮން ރަށްތަކެއްގައި ކަމެއް މިނިސްޓްރީން ހާމަކޮށްފައެއް ނުވެއެވެ.
ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފް، މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ އެއްބަސްވުމުގެ ދަށުން 55 ކައުންސިލް އިދާރާ ފަރުނީޗަރާއެކު ގާއިމުކުރެވޭނެ ކަމަށާއި އޭގެ ތެރޭގައި ދެ ބުރިއަށް އިމާރާތްކުރާ 27 ކައުންސިލް އިދާރާ ހިމެނޭ ކަމަށެވެ. އަދި އެއީ 36 މިލިއަން ޑޮލަރުގެ މަޝްރޫއެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"ދެ ބުރިއަށް އިމާރާތްކުރާ ކައުންސިލް އިދާރާތައް، މަސައްކަތް ފަށާތާ 18 މަސް ދުވަހުގެ ތެރޭގައި އަދި އެއް ބުރީގެ އިމާރާތްތައް މަސައްކަތް ފަށާތާ އެއް އަހަރު ދުވަހުގެތެރޭގައި ނިންމޭނެކަމަށް އުންމީދު ކުރެވެއެވެ...،" މިނިސްޓަރު ވިދާޅުވިއެވެ.
އާދަމް ޝަރީފް ވިދާޅުވީ އެ 55 ކައުންސިލްގެ އިތުރުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އިތުރު 50 ކައުންސިލް އިދާރާ އެޅުއްވުމުގެ މަޝްރޫއެއް އިއުލާނުކުރައްވާފައި ޗައިނާގެ އެހީގައި ހަދާ އެ ކައުންސިލް އިދާރާތަކުގެ އަމަލީ މަސައްކަތް ވެސް މިއަހަރު ފެށޭނެ ކަމަށެވެ. އަދި އެ ދެ މަޝްރޫއު ނިމޭ އިރު، ރައީސްގެ ޒައާމަތުގައި ރާއްޖޭގެ ކައުންސިލް އިދާރާތަކުގެ 71 އިންސައްތަ މުޅިން އާ ކުރެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިދިޔަ އަހަރުގެ ޖުމްހޫރީ ދުވަހުގެ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެ މަނިކުފާނު ވެވަޑައިގެންފައިވާ ވައުދުފުޅުގެ ދަށުން 100 ރަށެއްގެ ކައުންސިލުގެ އާ އިމާރާތް ހެދުމުގެ މަސައްކަތް ފެށޭނެކަން އިއުލާންކުރައްވައިފައެވެ.
"އަޅުގަނޑުމެން މިހާރު ދެ މަޝްރޫއެއް މި ހިންގަނީ. ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން 50 ރަށުގެ ކައުންސިލް އިމާރާތް އަންނަ އަހަރު [2025]ގައި އަޅައިދޭނަން. އަނެއް މަޝްރޫއުއަކީ ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން، ސަރުކާރުން އެ އޮންނަ އުސޫލަކުން ޕޭކުރާ ގޮތަށް އަދި އިތުރު 50 ރަށް. އެހެންވީމަ ޖުމުލަ 100 ރަށުގެ ކައުންސިލް އިމާރާތް އަންނަ އަހަރު [2025]ގައި އަޅަން ފަށާނަން،" އެ ޖަލްސާގައި ރައީސް ވިދާޅުވެފައިވެއެވެ.
އެ ޖަލްސާގައި ރައީސް ވަނީ، މި ދައުރުގެ ތެރޭގައި އެ އިމާރާތްތަކުގެ މަސައްކަތް ނިންމަވާނެ ކަމަށް ވެސް ވައުދުވެވަޑައިގެންފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު