އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެންބަރުކަމަށް މ. ގޯލްޑަން މޫން/ އަހުމަދު ނާޝިދާއި ރ. އަލިފުށި، ފަސާނާ/ އަބްދުﷲ ނާޝިދު އައްޔަންކުރުމަށް މިއަދުން މިއަދަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފިއެވެ.
އޭސީސީގެ މެންބަރުކަމަށް އައްޔަންކުރެއްވުމަށްޓަކައި ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް އެންމެ ފުރަތަމަ ފޮނުއްވި ދެ ބޭފުޅުންގެ ތެރެއިން ރ. ހުޅުދުއްފާރު/ ރޯޒްވިލާ، އާސިޔާ އަޒީމާގެ ބަދަލުގައި އަބްދުﷲ ނާޝިދުގެ ނަން ހިމަނައި، އަލުން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވީ މިއަދުއެވެ.
ފަސް މެންބަރުން ތިއްބަވާ އޭސީސީގެ ނައިބު ރައީސް އަބްދުލްސަލާމާއި މެންބަރު ތޯހާ މުހައްމަދު މިދިޔަ ނޮވެމްބަރު މަހު އިސްތިއުފާދެއްވުމާ ގުޅިގެން އެ ކޮމިޝަންގެ މެންބަރުކަމުގެ ދެ މަގާމު ވަނީ ހުސްވެފައެވެ. އެކަމާ ގުޅިގެން އޭސީސީގެ ގާނޫނުގައިވާ ގޮތުގެ މަތިން ރައީސް މުއިއްޒަށް ފެނިވަޑައިގަންނަވާ ދެ ބޭފުޅުންގެ ގޮތުގައި މ. ގޯލްޑަން މޫން/ އަހުމަދު ނާޝިދާއި އާސިޔާގެ ނަން އެ ކޮމިޝަނަށް އައްޔަން ކުރެއްވުމަށް ރައީސް މުއިއްޒު މަޖިލީހަށް ފުރަތަމަ ފޮނުއްވީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.
އެ ދުވަހު ދައުރުން ބޭރުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެ ދެ ބޭފުޅުން އޭސީސީއަށް އައްޔަން ކުރެއްވުމަށް ރައީސް ފޮނުއްވި ސިޓީފުޅު އިއްވެވުމުން އެ ދެ ބޭފުޅުންގެ ނަން ދިރާސާ ކުރުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުއްވިކަން މަޖިލީހުގެ ރައީސް އިއުލާން ކުރެއްވިއެވެ.
ނަމަވެސް އެ ދުވަހުގެ ޖަލްސާގައި އިއުލާން ކުރެއްވި ދެ ނަމުގެ ތެރެއިން އާސިޔާގެ ނަން އުނިކުރައްވައި އޭނާގެ ބަދަލުގައި އަބްދުﷲ ނާޝިދާއި އަހުމަދު ނާޝިދު އޭސީސީގެ މެންބަރު ކަމަށް އައްޔަންކުރުމަށް މަޖިލީހުން ރުހުން ދެއްވުމަށް އެދިވަޑައިގެން ރައީސް މުހިއްޒު ވަނީ އަލުން މަޖިލީހަށް ފޮނުއްވައިފައެވެ.
އެ ގެންނެވި ބަދަލާ އެއްގޮތަށް ރައީސް ފޮނުއްވި ސިޓީފުޅު މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އިއްވަވައި، އެ ދެ ބޭފުޅުންގެ ނަން އިތުރަށް ދިރާސާ ކުުރުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވިއެވެ.
މިއަދު ހެނދުނު 10:03 ގައި އެ ބޭފުޅުންގެ ނަންތައް ދިރާސާކުރުމުގެ މަސައްކަތް ކޮމިޓީން ފެށިއެވެ.
އެގޮތުން އެ ބޭފުޅުންގެ އެއްވެސް ޝަކުވާއެއް އޮތްނަމަ ހުށަހެޅުމަށް މަޖިލީހަށް ހުށަހެޅުމަށް 11:03 ގައި ފުރުސަތު ހުޅުވައިލިއެވެ. އެކަމަށް ކަނޑައެޅި ސުންގަޑިއަކީ 11:30 އެވެ. އެއަށްފަހު އެ ދެބޭފުޅުންނާ ކޮމިޓީން އިންޓަވިއު ކުރުމަށްފަހު، އެ ބޭފުޅުންނަށް މަޖިލީހުން ރުހުން ދޭން ފެންނަކަމަށް ކޮމިޓީން ފާސްކޮށް، މަޖިލިސް ތަޅުމަށް ފޮނުވިއެވެ.
އެ ދެ ބޭފުޅުން އޭސީސީގެ މެންބަރުކަމަށް އައްޔަންކުރަން ފާސްކުރީ އެކަމަށްޓަކައި މިއަދު ހަވީރު 4:00 ގައި ދައުރުން ބޭރުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ޖަލްސާގައެވެ.
އެ ޖަލްސާގައި އެ ދެ ބޭފުޅުން އޭސީސީއަށް އައްޔަންކުރަން މަޖިލީހުން ރުހުން ދޭން ފާސްކުރީ، އެވަގުތު މަޖިލިސް ޖަލްސާގައި ތިއްބެވި 69 މެންބަރުންގެ ތެރެއިން ވޯޓު ދެއްވި 68 މެންބަރުންގެ އިއްތިފާގުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު