ދެކުނު ކޮރެއާ ރައީސްގެ ބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ.
ދެކުނު ކޮރެއާގެ ވެރިރަށް ސޯލްގައި ހުންނަ ކޯޓުން ވަނީ ރައީސް ޔޫން ސުކް ޔެއޮލްގެ ބަންދުގެ މުއްދަތު 20 ދުވަހަށް އިތުރުކޮށްފައެވެ.
ޔޫންގެ ބަންދު މުއްދަތު އިތުރުކުރުމުގައި ކޯޓުގެ ނިިންމުމުގައި ބުނެފައި ވަނީ، ބަންދުން ދޫކޮށްލައިފިނަމަ ހެއްކަށް ނުފޫޒު ފޯރުވުމާއި ހެކި ނައްތަލައިފާނެ ކަމުގެ ބިރު އެބައޮތްކަމަށެވެ.
64 އަހަރުގެ ޔޫން ހައްޔަރުކޮށްފައިވަނީ މިދިޔަ ހަފުތާގެ ބުދަ ދުވަހުއެވެ. ކޯޓަށް ހާޒިރުވުމަށް އަމުރު ނެރުނު ނަމަވެސް އެ އަމުރަށް ތަބާ ނުވުމުން ކޯޓުން ވަނީ ހައްޔަރުކޮށްގެން ހާޒިރުކުރުމަށް އެ ގައުމުގެ ސަލާމަތީ ބާރުތަކަށް އަންގައިފައެވެ.
ދެކުނު ކޮރެއާގެ ގާނޫނަށް ބަދަލު ގެނެސް މިލިޓަރީ ވެރިކަމަކަށް ބަދަލުކުރުމަށް މަސައްކަތް ކުރައްވަނިކޮށް އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުން ވަނީ އެކަން ބާތިލުކޮށް ރައީސް ޔޫންގެ އިތުބާރުނެތް ކަމުގެ މައްސަލައެއް ވައްދައި މަގާމުން ދުރުކޮށްފައެވެ. މަގާމުން ދުރުކުރުމަަށް ނެގި ވޯޓުގައި އަމިއްލަ ޕާޓީގެ މީހުންވެސް ވަނީ ޔޫންއާ ދެކޮޅަށް ވޯޓު ދީފައެވެ.
ރައީސް ޔޫންގެ މައްޗަށް ވަނީ ގާނޫނާ ހިލާފުވުމުގެ އިތުރުން ކޮރަޕްޝަނުގެ ގިނަ ދައުވާތަކެއްވެސް އުފުލައިފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ