ރާއްޖޭގައި ނުރައްކާތެރި މިންވަރަކަށް ވައި ނުސާފުވެފައިވާ ކަމަށްް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބަހައްޓައިފައިވާ އެއާ ކޮލިޓީ މޮނީޓަރިން ސިސްޓަމުން ދައްކައިފިއެވެ.

އިރުވައި މޫސުމާ ދިމާކޮށް ކޮންމެ އަހަރުކުވެސް ވައި ތަޣައްޔަރުވެ، ވައިގެ ކޮލިޓީ ދަށްވެ އޭގެ އަސަރު ރާއްޖެއަށް ކުރެއެވެ.

ގައުމީ ޔުނިވާސިޓީ، މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ)ގެ އޮފިޝަލަކު މިއަދު "ވަން"އަށް މައުލޫމާތުދެއްވަމުން ވިދާޅުވީ ސެންޓަ ފޯ މެރިޓައިމް ސްޓަޑީސްގެ އެއާ ކޮލިޓީ މޮނީޓަރިން ސިސްޓަމުން ދައްކާގޮތުން މާލޭ ސަރަހައްދުގެ ވައިގެ ކޮލިޓީ ހުރީ 127 ގައި ކަމަށާއި އެ މިންވަރަކީ ސިއްހަތަށް ނުރަނގަޅު މިންވަރެއް ކަމަށެވެ.

ރާއްޖޭގައި ވައިގެ ކޮލިޓީ އެންމެ ދަށީ އުތުރުގައެވެ. އެ ސަރަހައްދުގައި ވައިގެ ކޮލިޓީ ހުރީ 158 ގައެވެ. ވައިގެ ކޮލިޓީ އެންމެ ރަނގަޅީ ރާއްޖޭގެ ދެކުނުގައެވެ. އެ ސަރަހައްދުގައި ވައިގެ ކޮލިޓީ ހުރީ 8 ގައެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ވައި ނުސާފުވެފައިވާ މިންވަރުން ސިއްހީގޮތުން ނޭދެވޭ އަސަރުކުރުމާއި ފުއްޕާމެ އާއި ހިތުގެ ބަލިތައް ބޮޑުވުމުގެ ނުރައްކާ ބޮޑު ކަމަށެވެ. އަދި މި ހާލަތުގައި ބޭރުގައި އުޅޭ އިރު، މާސްކު އެޅުމަށާއި ގެއިން ބޭރަށް ނުކުންނަ މިންވަރު މަދުކުރުމަށް ވެސް އެޗްޕީއޭ އިން އިލްތިމާސްކޮށްފައިވެއެވެ.

ވައި ނުސާފު ވަގުތުތަކުގައި ކުޑަކުދިން، ދޮށީ އުމުރު މީހުން އަދި މާބަނޑު މީހުން ބޭރުގައި ގިނަ ވަގުތު ހޭދަނުކުރުމަށް ވެސް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮފައެވެ. އޭގެ އިތުރުން ތުއްތު ކުދިން ބޭރަށް ނުނެރުމަށާއި، ގޭގައި ދޮރުތައް ލައްޕައިގެން ބެހެއްޓުމާއި، ބޭރުގައި ކުޅިވަރު ކުޅުން ދަފަ ކަންކަންވެސް މަޑު ޖައްސާލުމަށްވެސް އެ އެޖެންސީން އިލްތިމާސްކުރެއެވެ.

ސެންޓަ ފޯ މެރިޓައިމް ސްޓަޑީސްގެ އެއާ ކޮލިޓީ މޮނީޓަރިން 16 ސިސްޓަމެއް ރާއްޖޭގައި ހަރުކުރެވިފައިވެއެވެ. އެގޮތުން މާލެ ސަރަހައްދުގައި ހަތް ސިސްޓަމަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ނުވަ ސިސްޓަމެއް ހަރުކުރެވިފައިވެއެވެ. މި ސިސްޓަމްތައް ހަރުކުރެވިފައިވަނީ އެމްއެންޔޫގައި ކުރިއަށްގެންދާ ދިރާސާއަކާ ގުޅުވައިގެންނެވެ.