ބިދޭސީންގެ މަޢުލޫމާތު އެއްކުރުމަށް މާލެ ސަރަހައްދުގައި ކުރިއަށްގެންދިޔަ އޮޕަރޭޝަންގައި މިއަދު 1400 އަށް ވުރެ ގިނަ ބިދޭސީންގެ މައުލޫމާތު އެއްކޮށްފިއެވެ.
ހޯމް މިނިސްޓަރު އަލީ އިހްސާން އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިދިޔަ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ގައުމާ މުހާތަބު ކުރެއްވި އިރު، މި އޮޕަރޭޝަންގެ ތެރެއިން 10،000 ބިދޭސީންގެ ބަޔޯމެޓްރިކް ޑޭޓާ ނެގުނުކަން އިއުލާންކުރެއްވި ކަމަށެވެ. އަދި އެ ފަހުން މިދިޔަ ދެ މަސްތެރޭ އިތުރު 15،000 އަށްވުރެ ގިނަ ބިދޭސީންގެ މައުލޫމާތު ނެގިފައިވާ ކަމަށް ވިދާޅުވިއެވެ.
"މުޅި އޮޕަރޭޝަންގައި މިއަދާ ހަމައަށް 25،483 ބިދޭސީންގެ ބައިމެޓްރިޓް ޑޭޓާ ވަނީ ނެގިފައި،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، މިއަދު ކުރެވުނު މަސައްކަތުން 1455 ބިދޭސީ މަސައްކަތްތެރީންގެ ބައިމެޓްރިކް ޑޭޓާ ނަގާފައިވާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ، ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ތިން އަހަރުގެ ޕްލޭނެއްގެ ދަށުން ކުރަމުން އަންނަ މަސައްކަތް 2027 ވަނަ އަހަރުގެ އޭޕްރީލް މަހަށް ކާމިޔާބުކަމާ އެކު ނިންމާލެވޭނެކަމަށެވެ
"އޮޕަރޭޝަން ކުރަނގި" ކުރިއަށްގެން ގޮސްފައިވަނީ މިއަދު ހެނދުނު 8 އިން އިރުއޮއްސި 6 ޖެހުމާ ހަމައަށެވެ. މި އޮޕަރޭޝަނުގައި ހޯމް މިނިސްޓްރީގެ 75 އޮފިޝަލުން ބައިވެރިވިއެވެ. މިއަދުގެ އޮޕަރޭޝަން ހާއްސަކޮށްފައި ވަނީ ތައުލީމީ ދާއިރާގައި މަސައްކަތްކުރާ ބިދޭސީންގެ އިތުރުން ތިލަމާލެ ބްރިޖް މަސައްކަތް ކުރިއަށްދާ ގުޅިފަޅު ސައިޓްގައި އުޅޭ ބިދޭސީންގެ މައުލޫމާތު އެއްކުރުމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު