މާލޭގެ އާޓިފިޝަލް ބީޗު ސަރަހައްދުގައި ބިދޭސީންތަކެއްގެ މެދުގައި ރޭ ހިންގި މާރާމާރީއާ ގުޅިގެން ހައްޔަރު ކުރި ތިން މީހުން ޑީޕޯޓުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ.

އާޓިފިޝަލް ބީޗުގައި މާރާމާރީ ހިންގި މައްސަލައިގައި ފުލުހުން ރޭ ވަނީ އިންޑިއާގެ ތިން ފިރިހެނަކު ހައްޔަރުކޮށްފައެވެ.

އެކަމާ ގުޅިގެން އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން އެކްސްގަައި މިރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މާރާމާރީ ހިންގި ތިން މީހުން ވެސް މިހާރު ތިބީ އިމިގްރޭޝަނުގެ ބެލުމުގެ ދަށުގައި ކަމަށާއި އެ އެންމެން ވެސް ޑީޕޯޓުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި އާންމު މަސްލަހަތަށް ނުރައްކާވާ ގޮތަށް އެފަދަ އަމަލުތައް ހިންގާ ބިދޭސީންނަށް އިތުރު ފުރުސަތެއް ނުދޭނެ ކަމަށް ކޮންޓްރޯލަރު ވިދާޅުވިއެވެ.

ފުލުހުން ބުނި ގޮތުގައި އެ ބިދޭސީން ވަނީ، މާރާމާރީގެ މަންޒަރު ވީޑިއޯ ކުރި ދިވެއްސަކާ މެދު ވެސް މާރާމާރީ ހިންގައިފައެވެ.

އާޓިފިޝަލް ބީޗުގައި މިދިޔަ ޑިސެމްބަރު މަހު ވެސް ބިދޭސީންތަކެއް ވަނީ މާރާމާރީ ހިންގައިފައެވެ.