އެމެރިކާ އާއި އިނގިރޭސިން ގުޅިގެން ހިންގާ ވަރަށް ބޮޑު އަސްކަރީ މަރުކަޒެއް ފޯޅަވަހީގައި އޮވެއެވެ. ފޯޅަވަހީގެ ރަށްތަކުގެ ތެރެއިން އެންމެ ބޮޑު ރަށްކަމުގައިވާ ޑިއޭގޯ ގާރސިޔާގައެވެ. ފޯޅަވައްސަކީ އިނގިރޭސިވިލާތުގެ ވެރިކަމުގެ ދަށުގައިވާ ސަރަހައްދަކަށްވާއިރު މި ސަރަހައްދުގެ މިލްކުވެރިކަން މޮރިޝަސްއަށް ދޫކޮށްލުމަށް އިނގިރޭސި ބޮޑުވަޒީރު ކިއަރ ސްޓާމަރގެ ލޭބަރ ސަރުކާރުން ވަނީ ނިންމައިފައެވެ. މިކަމަކީ އެމެރިކާގައި ދައުރު ނިމުމަކަށް އައިސްފައިވާ ޖޯ ބައިޑެންގެ ސަރުކާރުން ރުހިގެންއޮތް ކަމެކެވެ. އެކަމަކު އަންނާންއޮތް ސަރުކާރުން ނުރުހޭ ކަމެކެވެ. ޑޮނަލްޑް ޓްރަމްޕާއި އޭނާގެ ޚާރިޖީވަޒީރު މާކޯ ރޫބިއޯ ދެކޮޅު ހައްދަވާ ކަމެކެވެ. ދެންވާނީ ކިހިނެއްބާވައެވެ. އަންނަ ހޯމަދުވަހަކީ ޑޮނަލްޑް ޓްރަމްޕު ވެރިކަމުގެ ހުވައި ކުރައްވާ ދުވަހެވެ. މައްސަލަޔަކީ އިނގިރޭސިވިލާތާއި މޮރިޝަސްއާ ދޭތެރޭގައި ހިނގާ މުއާމަލާތަކަށްވިޔަސް ޑިއޭގޯ ގާރސިޔާގައި ހިންގާ އަސްކަރީ މަރުކަޒުގެ ހަވާލުދާރަކީ އެމެރިކާއެވެ.
އެއީ އެމެރިކާއަށް ނުހަނު ބޭނުންތެރި މަރުކަޒެކެވެ. ދުނިޔޭގެ ސުޕަރ ޕަވަރެއްގެ ދަރަޖައަށް ޗައިނާ އައުމާ ގުޅިގެން މި މަރުކަޒުގައި ދެމިތިބުމުގެ މުހިންމުކަން ކުރިއަށްވުރެވެސް އެމެރިކާއަށް ވަނީ މުހިއްމު ވެފައެވެ. މޮރިޝަސްއާއި އިނގިރޭސިވިލާތާ ދެމެދު ފަރުމާކުރެވިފައިވާ އެއްބަސްވުން ބަޔާންކުރާ ގޮތުން ޑިއޭގޯ ގާރސިޔާވެސް ހިމެނޭހެން މުޅި ފޯޅަވަހީގެ މިލްކުވެރިކަން މޮރިޝަސްއަށް ލިބޭނެއެވެ. އެކަމަކު ކުރިއަށްއޮތް 99 އަހަރު ޑިއޭގޯ ގާރސިޔާގައި އެމެރިކާއާއި އިނގިރޭސި ސިފައިންނަށް ދެމިތިބެވޭނެއެވެ. މޮރިޝަސްއަށް ކުލިދައްކައިގެންނެވެ. މިދެންނެވި އެއްބަސްވުން ފައިނަލްކުރެވުނީ ރައީސް ބައިޑެންގެ ދެނެގަތުމާއެކުގައެވެ. އެކަމަކު ނޮވެމްބަރު މަހު ބޭއްވުނު އިންތިޚާބުގައި ޓްރަމްޕު ހޯއްދެވި ކާމިޔާބީއާއެކު ޓްރަމްޕު އެންމެ ފުރަތަމަވެސް ވިދާޅުވި އެއްވާހަކަފުޅަކީ މޮރިޝަސްއަށް ފޯޅަވަހި ދޫކޮށްލުމަކީ އޭނާ ރުހިވަޑައިގަންނަވާ ކަމެއް ނޫންކަމުގެ ވާހަކައެވެ.
ޓްރަމްޕުގެ އައު ސަރުކާރުގެ ޚާރިޖީވަޒީރުކަމަށް ވަޑައިގަންނަވާނެ މާކޯ ރޫބިއޯގެ ބަސްމަގުވެސް ހުރީ މިފަދައިންނެވެ. އެހެންކަމުން މޮރިޝަސްއާއި އިނގިރޭސިވިލާތުން ދެން އުޅުނީ ޓްރަމްޕު ވެރިކަމުގެ ހުވައި ކުރެއްވުމުގެ ކުރިން މި އެއްބަސްވުމުގައި ރަސްމީކޮށް ސޮއިކޮށް ދެން އަލުން ބަދަލު ނުކުރެވޭނެ ހާލަތަކަށް ގެންދިއުމަށެވެ. އެގޮތުން ނިމިގެންދިޔަ ހަފުތާގެ ބުދަދުވަހު މޮރިޝަސްގެ ކެބިނެޓުން މި އެއްބަސްވުމަށް އާނބަސް ވަނީ ދީފައެވެ. އެކަމަކު ވީގޮތެއް ނޭގުނެވެ. ހަމަކުއްލިއަކަށް އިނގިރޭސިވިލާތުގެ ބަސްމަގަށް ބަދަލު އަތުވެއްޖެއެވެ. ބޮޑުވަޒީރު ކިއަރ ސްޓާމަރގެ ސަރުކާރުން ބުދަދުވަހު ބުންޏެވެ. ދެން މިއެއްބަސްވުމާއިގެން ކުރިއަށްދާނީ ރައީސް ޓްރަމްޕު ވެރިކަމާ ހަވާލުވެވަޑައިގަތީމާ އޭނާގެ ރައުޔުވެސް ހޯދުމަށްފަހުގައެވެ. އަޖައިބެކެވެ. ޓްރަމްޕުގެ ރައުޔު ކުރީގައިވެސް އޮތީ އެނގިފައެވެ. އޭނާ ނުރުހެއެވެ. އެހެންވީމާ މިދައްކަނީ ކޮން ރައުޔެއްގެ ވާހަކަ ބާވައެވެ.
އެބުނަނީ މިހެންނެވެ. މައާފުކުރާށެވެ. ޓްރަމްޕުގެ ފިކުރާ ދެކޮޅަށް މިކަން ކުރާކަށް އަހަރެމެން ދެން ގަސްތެއް ނުކުރަމެވެ. ދެން މިވަގުތަކަށް ކުރެވޭނޭ އިތުރު ކަމެއް ނެތެވެ. އަސްލު މާނަޔަކީ އެއީއެވެ. މޮރިޝަސްގެ ކެބިނެޓުން މި އެއްބަސްވުމަށް ރުހުމުގެ ސިގްނަލް ދިނީ ހަގީގަތުގައިވެސް ހޯމަދުވަހުގެ ކުރިން އެއްބަސްވުމުގައި ސޮއިކުރާން މަގުފަހިކުރުމުގެ ގޮތުންނެވެ. އިނގިރޭސިންވެސް ބުދަދުވަހާ ހަމަޔަށް ތިބީ ހަމަ އެވިސްނުމުގައެވެ. ދެން ކުއްލިއަކަށްވީ ގޮތެއް ނޭނގުނެވެ. ކޮންތާކުން ކޮންގޮތަކަށް އައި ޕްރެޝަރެއް ކަމެއްވެސް ނޭނގުނެވެ. އިނގިރޭސި ސަރުކާރުގެ ސްޓޭންޑަށް އައީ ކުއްލި ބަދަލެކެވެ. މިދިޔަ އޮކްޓޫބަރު މަހު މޮރިޝަސް އާއި އިނގިރޭސިވިލާތާ ދެމެދު ވެވުނު އެއްބަސްވުމުގައި ސޮއިނުކުރެވި މިހާތަނަށް އޮތީ ބައެއްކަހަލަ އިޖުރާއަތްތައް ފުރިހަމަ ނުކުރެވިގެންނެވެ. އޭގެތެރޭގައި އިނގިރޭސި ޕާލަމަންޓުގެ ރުހުން ހޯދުންވެސް ހިމެނެއެވެ. ކޮންމެއަކަސް މިހާރު އިނގިރޭސިންގެ ސްޓޭންޑް ބަދަލުކޮށްފައި ތިމަންނާމެންނަށް ޓްރަމްޕުގެ ވިސްނުމާ ދެކޮޅަށް ދެން ކުރިއަށްދާން ނުކެރޭނެޔެކޭ އެ އިބާރާތުން ނުބުނާނެތާއެވެ.
އިނގިރޭސިވިލާތް ވިއްޔާއެވެ. އެމީހުން ބުނާނީ އެއަށްވުރެ ރީތި ޑިޕްލޮމެޓިކް އިބާރާތަކުންނެވެ. ބުދަދުވަހު އިނގިރޭސި ސަރުކާރުގެ ތަރުޖަމާނު ވިދާޅުވީ މިހެންނެވެ. މި އެއްބަސްވުމުގައިވާ ތަފްސީލުތައް ބައްލަވައި މުތާލިއާ ކުރައްވައި މިއާމެދު އެއްޗެކޭ ވިދާޅުވުމުގެ ފުރުސަތާއި ވަގުތު ޓްރަމްޕަށް ދޭންވާނެއެވެ. އެއީ އެކަން ކުރާން ޖެހޭ ގޮތްކަމަށް އަހަރެމެން ގަބޫލު ކުރަމެވެ. ކޮންމެއަކަސް މިއީ އިނގިރޭސި ސަރުކާރަށް ކުރިމަތިވި ވަރަށް ބޮޑު ވެއްޓުމެކެވެ. ލަދެކެވެ. ކިއަރ ސްޓާމަރއަކީ ބާރެއްނެތް ބޮޑުވަޒީރެއްކަން ހާމަވުމެކެވެ. އިނގިރޭސި އެންމެބޮޑު އިދިކޮޅު ޕާޓީކަމަށްވާ ކޮންޒަރވެޓިވް ޕާޓީގެ ޚާރިޖީކަންތައްތަކާބެހޭ ބައިގެ ވެރިޔާ ޕްރިތީ ޕަޓެލްވެސް މިކަން ސިފަކުރެއްވީ ހަމައެހެންނެވެ. އޭނާ ވިދާޅުވިއެވެ. ކިއަރ ސްޓާމަރގެ ލޭބަރ ސަރުކާރު އޮތީ މޮރިޝަސްއަށް ޗާގޯސް ދޫކޮށްލައި އަތްފޮޅައިލަން ކެތްމަދުވެފައެވެ. އަވަސްއަރުވާލައިގެން އުޅުނީ މިކަން ކުރެވޭތޯއެވެ. އެކަން ނުކުރެވި ހަގީގަތާ ކުރިމަތިލާންޖެހުމަކީ ކިއަރ ސްޓާމަރގެ ވަރަށް ބޮޑު ވެއްޓުމެކެވެ. ލަދުން މޫނުފޮރުވާން ޖެހޭ ވަރުގެ ކަމެކެވެ.
އިނގިރޭސިންގެ ސްޓޭންޑަށް އައި ބަދަލަކީ އެއްވެސް ޝައްކެއްނެތި ޓްރަމްޕުގެ ޓީމުން ކުރިމަތިކުރި ވަރުގަދަ ޕްރެޝަރާއި ދިން އިންޒާރުތަކުގެ ނަތީޖާއެވެ. އެހެންނޫންނަމަ މިހާ ހިތިބޭހެއް ބޮއިގެން މިހާބޮޑު ނިކަމެތިކަމެއް އިޚުތިޔާރެއް ނުކުރާނެއެވެ. މިހާލަތުގައި ބޮޑުވަޒީރު ކިއާރ ސްޓާމަރ ވިދާޅުވީ ކީކޭކަން އެނގޭހެއްޔެވެ. އޭނާ ނަކަލު ކުރެއްވީ ދިވެހީންވެސް ބުނާޒާތުގެ ވާހަކައެކެވެ. ވިދާޅުވިއެވެ. ޗާގޯސް ދޫކޮށްލުމުގެ މަޝްވަރާޔަކީ އޭނާގެ ސަރުކާރާއި ލޭބަރ ޕާޓީން ފެށި އެއްޗެއް ނޫނެވެ. އެކަން ފެށީ ކުރީގެ ސަރުކާރުންނެވެ. ކޮންޒަރވެޓިވް ޕާޓީންނެވެ. އެހެން ވިދާޅުވެފައި މިކަމުން ރެކިވަޑައިގެންފިއެވެ. ކޮންމެއަކަސް އިނގިރޭސިންގެ ސްޓޭންޑް އެންމެފަހު ވަގުތު ބަދަލުކުރީމާ އެއްބަސްވުމުގައި ސޮއިކުރާން މޮރިޝަސްގެ ބޮޑުވަޒީރު ނަވީން ރާމަގޫލަމް ހުކުރުދުވަހު ލަންޑަނަށް ކުރައްވަން ނިންމެވި ދަތުރުފުޅުވެސް ވަނީ ކެންސަލް ކުރައްވައިފައެވެ. އަލުން މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ދެން ލަންޑަނަށް ވަޑައިގެންނެވީ މޮރިޝަސްގެ ބަންޑާރަނާއިބެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ