ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ހާނާއި އޭނާގެ އަނބިކަނބަލުން ބުޝްރާ ބީބީއަށް މިއަދު ޖަލު ހުކުމެއް އިއްވައިފިއެވެ.

އިމްރާން ހާންގެ ދެކަނބަލުން ޖަލަށް ހުކުމް ކޮށްފައިވަނީ އިމްރާން، ބޮޑުވަޒީރުގެ މަގާމުގައި ހުންނެވި މުއްދަތުގައި އޭނާގެ އަލް-ގާދިރު ޓްރަސްޓުން ޔުނިވާސިޓީއެއް ހެދުމަށްޓަކައި ޕާކިސްތާނުގެ ރިއަލް އެސްޓޭޓް ޑިވެލޮޕަރެއްގެ އަތުން ބިމެއް ހޯދުމުގައި މަގާމުގެ ނުފޫޒު ނާޖައިޒު ގޮތުގައި ބޭނުން ކުރުމާއި ކޮރަޕްޝަން ހިންގި ކަމަށް ބުނެ ކުރި ދައުވާ ސާބިތުވުމުންނެވެ.

އެ ދައުވާ ސާބިތުވުމުން އިމްރާން 14 އަހަރުގެ ޖަލު ލުމާއެކު އެއް މިލިއަން ޕާކިސްތާނީ ރުޕީސް އިން ވަނީ ޖޫރިމަނާކޮށްފައެވެ. އަނބިކަނބަލުން ބުޝްރާ ބީބީއަށް އިއްވީ ހަތް އަހަރުގެ ޖަލު ހުކުމަކާއެކު ބައި މިލިއަން ޕާކިސްތާނީ ރުޕީސްގެ ޖޫރިމަނާ ކުރުމަށެވެ.

މީގެ އިތުރުން ދައުލަތަށް ލިބުނު ހަދިޔާތަކެއް އިމްރާންއާއި ބުޝްރާ ބީބީ ވިއްކި ކަމަށް ބުނާ މައްސަލައެއްގައި މިދިޔަ އަހަރު އެ ދެބޭކަނބަލުންގެ މައްޗަށް 14 އަހަރުގެ ޖަލު ހުކުމެއް އިއްވި އިރު، ދައުލަތުގެ ސިއްރުތަކެއް ލީކު ކުރިކަން ސާބިތުވި ކަމަށް ކަނޑައަޅައި އިމްރާންގެ މައްޗަށް 10 އަހަރުގެ ޖަލު ހުކުމެއްވެސް މިދިޔަ އަހަރު އިއްވިއެވެ.