އެސްޓޯނިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު މާލެ ވަޑައިގެންފިއެވެ.
އެސްޓޯނިއާގެ ރައީސް އަލާރް ކާރިސްގެ ދައުވަތަކަށް ރައީސް މުއިއްޒު އެ ގައުމަށް ފުރާވަޑައިގެންނެވީ މި މަހުގެ 12 ވަނަ ދުވަހުއެވެ. މިއީ ރާއްޖޭގެ ރައީސަކު އެސްޓޯނިއާ އަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.
ރައީސްއާއި އެ މަނިކުފާނުގެ އަރިހުގައި ވަޑައިގެންނެވި ސަރުކާރުގެ މަތީ ފަންތީގެ ވަފުދު އެސްޓޯނިއާއަން ވަޑައިގަތުމުން މަރުހަބާ ދެންނެވީ އެ ގައުމުގެ ރައީސްއެވެ. ރައީސްގެ މި ދަތުރުފުޅުގައި އެސްޓޯނިއާގެ ރައީސް އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް. ވަޒީރުންނާއި ޓާރްޓޫގެ މޭޔަރާއި ތައުލީމީ ދާއިރާގެ މަންދޫބުންނާއި ފާހަގަކޮށްލެވޭ އެހެނިހެން މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި މަޝްވަރާ ކުރައްވާފައިވެއެވެ.
މި ދަތުރުގެ ތެރެއިން ސަރުކާރުން ވަނީ އެސްޓޯނިއާގެ އެހީތެރިކަން ހޯދުމަށް މުހިންމު ތިން އެއްބަސްވުމެއްގައިވެސް ސޮއިކޮށްފައެވެ.
އެއީ މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައިގެ އިލްމާއި އެއްބާރުލުން އަދި އެހީތެރިކަން ހޯދުމަށް ސޮއިކުރި އެއްބަސްވުމަކާއި އެސްޓޯނިއާ އިން ޕޮލިޓިކަލް ކޮންސަލްޓަންސީ ހޯދުމަށް ސޮއިކުރި އެއްބަސްވުމެއްގެ އިތުރުން އިންފޮމޭޝަން ޓެކްނޮލޮޖީއާއި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އަދި ސައިބާ ސެކިއުރިޓީން އެއްބާރުލުން ހޯދުމުގެ އެއްބަސްވުމެކެވެ.
ރާއްޖެ ޑިޖިޓަލައިޒް ކުރެއްވުމަށް ރައީސް ގެންގުޅުއްވާ ތަސައްވުރު ހަގީގަތަކަށް ހެއްދެވުމަށް ޓަކައި މި ދަތުރުފުޅުން ވަނީ ބޮޑު އެހީތެރިކަމެއް ލިބިފައެވެ. މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައިގެ އިލްމާއި އެއްބާރުލުން އަދި އެހީތެރިކަން ހޯދުމަށް އެހީތެރިކަން ވަނީ ލިބިފައެވެ. މީގެއިތުރުން ރައީސްގެ މިދަތުރުފުޅުގައި މަލްޓިލޭޓަރަލް ޕްލެޓްފޯމްތަކުގައި ދެ ގައުމުގެ މެދުގައި ފައިދާހުރި ދާއިރާތަކުން އެއްބާރުލުން ދިނުމުގެ އަޒުމް އިތުރަށް ހަރުދަނާވެގެންދިޔައެވެ.
އެސްޓޯނިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރާއްޖެ ވަޑައިގަތުމުގެ ކުރިން ޕީއެސްއެމަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ވަނީ، ޑިޖިޓަލް ރާއްޖެއެއް ބިނާކުރުމަށް އެ މަނިކުފާނު ވެވަޑައިގެންފައިވާ ވައުދުފުޅާ އެއްގޮތަށް ކުރެވޭ މަސައްކަތުގައި އެ ދަތުރުފުޅުން ކަންކަން ދަސްކުރައްވައި، އެހީތެރިކަން ހޯދޭނެ ގޮތްތަކާއި އެކަމުގައި ކުރިއަށް ދެވޭނެ ގޮތްތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވި ކަމަށް ވިދާޅުވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު