ޖަސްޓިން ބަލްޑޯނީ "އިޓް އެންޑްސް ވިތް އަސް" ފިލްމުގެ އެކްޓަރު ބްލޭކް ލައިވްލީ އާއި އޭނާގެ ފިރިމީހާ ރަޔަން ރެޔްނޯލްޑްސްގެ މައްޗަށް 400 މިލިއަން ޑޮލަރުގެ އަބުރުގެ ދައުވާއެއް އުފުލައިފިއެވެ.

މި ދައުވާ ހުށަހަޅާފައިވަނީ އިއްޔެ ނިއުޔޯކްގެ ސަދަން ޑިސްޓްރިކްޓްގައި ބަލްޑޯނީ، ޕްރޮޑިއުސަރު ޖޭމީ ހީތް، ޕަބްލިސިސްޓް ޖެނިފަރ އޭބަލް، އަދި ކްރައިސިސް ޕަބްލިސިސްޓް މެލިސާ ނޭތަންގެ ފަރާތުންނެވެ.

ދައުވާގައި ހިމެނޭ ބައެއް ކަންތައްތަކުގެ ތެރޭގައި، ބިރުދެއްކުން، އަބުރު ގެއްލުވައިލުން، އަމިއްލަވަންތަކަމަށް ނުފޫޒު ފޯރުވުން، އިންސާފުވެރި މުއާމަލާތްކުރުމުގެ އެއްބަސްވުން ނުހިފެހެއްޓުން، އަދި ކޮންޓްރެކްޓާ ގުޅޭ ގުޅުންތަކަށް ގަސްދުގައި ހުރަސްއެޅުން ފަދަ ކަންތައްތައް ހިމެނެއެވެ.

"ފައިވް ފީޓް އެޕާޓް" ފިލްމުގެ ޑައިރެކްޓަރުގެ ވަކީލު ބްރަޔަން ފްރީޑްމަން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި ދައުވާއަކީ ބްލޭކް އާއި އޭނާގެ ޓީމުގެ މައްޗަށް ގިނަ އަދަދެއްގެ ބަދަލު ނުކުރެވޭ ހެކިތަކަކުން ސާބިތުކުރެވޭނެ ގާނޫނީ ފިޔަވަޅެއް ކަމަށެވެ. ބްރަޔަން ބުނެފައިވަނީ ބްލޭކް، ޖަސްޓިންގެ މައްޗަށް އުފުލި ދައުވާގައިވާ ކަންތައްތައް ސާބިތުކުރުމަށް "ބޮޑަށް އެޑިޓްކޮށްފައިވާ" އަދި އޮޅުވާލާފައިވާ މައުލޫމާތު ބޭނުންކޮށްފައިވާ ކަމަށެވެ.

ބްރަޔަން ބުނެފައިވަނީ އޭނާގެ ޓީމުން މި އެކްޓްރެސްގެ މައްޗަށް ހެކީގެ ގޮތުގައި ފުރިހަމަ ލިޔެކިޔުންތަކާއި އީމެއިލްތަކުގެ އިތުރުން ވީޑިއޯ ފުޓޭޖްތަކާއި ޑޮކިއުމެންޓަރީ ހުށަހެޅުމަށް ތައްޔާރަށް ތިބިކަމަށެވެ.

"މިއީ އޭނާއަށް ކާމިޔާބު ނުވާނެ އަދި ހަމަގައިމުވެސް އޭނާ ދެރަވާނެ ހަނގުރާމައެކެވެ،" ބަޔާނުގައި ބުނެފައިވެއެވެ. "ބްލޭކް ލައިވްލީއަށް އޭނާގެ ޓީމުން ވަރަށް ބޮޑަށް އޮޅުވާލާފައިވަނީ ނުވަތަ ގަސްދުގައި އަދި އެނގިހުރެ ހަގީގަތް އޮޅުވާލާފައިވަނީ،" ބަޔާނުގައި އިތުރަށް ބުނެފައިވެއެވެ.

ބަޔާނުގައި ބުނެފައިވަނީ ލައިވްލީ އާއި އޭނާގެ ޓީމުން އަމިއްލަ ބޭނުންތައް ފުއްދުމަށްޓަކައި މީހުންގެ އަބުރާއި ދިރިއުޅުމަށް ގެއްލުން ދިނުމަށް މަސައްކަތްކޮށްފައިވާ ކަމަށާއި އަދި އަމިއްލަ ފަރާތްތައް ރަނގަޅު ކަމަށް ސާބިތުކުރުމަށްޓަކައި މީޑިއާއަށް އޮޅުވާލައިފައިވާ ކަމަށެވެ.

މި ޚަބަރު އައިސްފައިވަނީ ޖަސްޓިން ބްލޭކްގެ މައްޗަށް އޭނާގެ އަބުރަށް ގެއްލުން ދިނުމުގެ ދައުވާ އުފުލާނެ ކަމަށް ވަކީލު ބުނިތާ ގާތްގަނޑަކަށް 10 ދުވަސް ފަހުންނެވެ.

މި އެކްޓްރެސް އޭނާގެ ފިލްމުގެ އެކްޓަރު އަދި ޑައިރެކްޓަރުގެ މައްޗަށް ދައުވާ އުފުލައިފައިވަނީ ޖިންސީ ފުރައްސާރަކުރުމާއި އޭނާ އަދި އެހެން ކްރޫ މެންބަރުން ރޭވިގެން ހިންގި އަބުރު ގެއްލުވައިލުމުގެ ކެމްޕޭނެއްގެ ތުހުމަތުގައެވެ. އޭނާ ޖަސްޓިންގެ މައްޗަށް ތުހުމަތުކޮށްފައިވަނީ އެ ފިލްމުގެ ސެޓްގައި އޭނާ ނުރަނގަޅު ގޮތަކަށް އުޅުނު ކަމަށެވެ.