ރައީސް ޑރ. މުހައްމަދު މުއިއްޒު، އެސްޓޯނިއާއަށް ކުރެއްވި ދަތުރުފުޅު ނިންމަވައިލައްވައިފިއެވެ.

އެކްސްގައި ރައީސް މިރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެސްޓޯނިއާއާ ގުޅިގެން ހޯދުނު ކުރިއެރުންތަކުން ހިތްވަރު ލިބިފައިވާ ކަމަށާއި އެ ގައުމުގެ ރައީސް ޑރ. އަލާރް ކަރިސް ދެއްވި މެހެމާންދާރީއަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.

އެ ދަތުރުފުޅުގައި ކުރެވުނު މަޝްވަރާތަކުގައި އެސްޓޯނިއާއާ ގުޅިގެން މަސައްކަތްކުރުމުގެ އާ ބާބެއް ފެށިފައިވާ ކަމަށާއި ޑިޖިޓަލައިޒޭޝަނާއި ތިމާވެށި އަދި ޕޮލިޓިކަލް ކޮންސަލްޓޭޝަން ފަދަ އެއްބަސްވުންތަކެއްގައި ސޮއިކުރެވިފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެސްޓޯނިއާގެ އީޖާދީ ޑިޖިޓަލް ބަދަލަކީ ވަރުގަދަ އަދި ހާމަކަން ބޮޑު ވެރިކަމެއް ކުރުމަށް ބައިނައަލްގުވާމީ ރަނގަޅު ބެންޗްމާކެއް ކަމަށާއި އެކަންކަން ދަސްކުރުމުގެ ފުރުސަތު ރާއްޖެއަށް ލިބުމުން އުފާކުރައްވާ ކަމަށެވެ. އަދި ދަތުރުފުޅުގައި އެންމެ އިސްކަމެއް ދެއްވާފައިވާނީ ޑިޖިޓަލް ގަވަނަންސް ފުޅާކުރުން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

އެސްޓޯނިއާއަށް ރައީސް ކުރެއްވި ދަތުރުފުޅުގެ ތެރެއިން، ސަރުކާރުން ވަނީ އެސްޓޯނިއާއާއެކު މުހިންމު ތިން އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އެއީ މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައިގެ އިލްމާއި އެއްބާރުލުން އަދި އެހީތެރިކަން ހޯދުމަށް ވެވުނު އެއްބަސްވުމަކާއި، ޕޮލިޓިކަލް ކޮންސަލްޓަންސީ ހޯދުމަށް ވެވުނު އެއްބަސްވުމެއްގެ އިތުރުން އިންފޮމޭޝަން ޓެކްނޮލޮޖީ އާއި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އަދި ސައިބާ ސެކިއުރިޓީން އެއްބާރުލުން ހޯދުމުގެ އެއްބަސްވުމެކެވެ.

އެ ދަތުރުފުޅުގެ ތެރެއިން ރައީސް ވަނީ އެސްޓޯނިއާގެ ރައީސް ޑރ. އަލާރް ކަރިސް އާއި އެ ގައުމުގެ އެކި ވަޒީރުންނާ ބައްދަލުކުރައްވައިފައެވެ. އަދި އެސްޓޯނިއާގެ ދެވަނައަށް އެންމެ ބޮޑު ސިޓީ، ޓާރްޓޫއަށްވެސް އެ މަނިކުފާނު ޒިޔާރަތްކުރެއްވިއެވެ.

އެ ދަތުރުފުޅުގައި، ރައީސްގެ އަރިހުގައި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ވަނީ ބައިވެރިވަޑައިގެންފައެވެ. އަދި ރާއްޖޭގެ ފަންނިއްޔާތުގެ ދާއިރާގެ މާހިރުންގެ މައްޗަށް އެކުލެވިގެންވާ ވަފުދެއްވެސް އެ ދަތުރުފުޅުގައި ބައިވެރިވެވަޑައިގެންނެވިއެވެ.