ނުކުޅެދުންތެރިކަން ހުންނަ ކުއްޖަކަށް ޓީޗަރަކު އަނިޔާ ކުރި މައްސަލައެެއްގައި އެ ޓީޗަރު ސަސްޕެންޑުކޮށް، މައްސަލަ ފުލުހުންނަށް ހުށަހަޅައިފިއެވެ.

މާލޭގެ ސްކޫލެއްގެ ޕްރައިމަރީ ގްރޭޑެއްގައި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދޭ އަންހެން ޓީޗަރަކު އެ ދަރިވަރަށް އަނިޔާކުރި މައްސަލަ ފެންމަތިވީ މިއަދުއެވެ. އެ މައްސަލަ ސްކޫލުގެ ފަރާތުން އެޑިއުކޭޝަން މިނިސްޓްރީގެ ސަމާލުކަމަށް ގެނައުމުން އެކަން ފުލުހަށް ހުށަހެޅީ މިނިސްޓްރީގެ ފަރާތުންނެވެ.

އެ މައްސަލައިގައި ކަންބޮޑުވުން ފާޅުކުރައްވައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވީ ދަރިވަރުންނަށް އަނިޔާ ކުރުމަކީ ބަލައިގަންނާނެ ކަމެއް ނޫން ކަމަށެވެ. އެފަދަ މައްސަލަތައް މިނިސްޓްރީގެ ފަރާތުން ޒިންމާދާރު ކަމާއެކު ކަމާބެހޭ ފަރާތްތަކަށް ހުށަހަޅައި ތަކުރާރު ނުވާނޭހެން ފިޔަވަޅު އަޅަމުންގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.

މިނިސްޓަރު ވަނީ ޒިންމާދާރު ކަމާއެކު ދަރިވަރުންގެ ހައްގުތައް ހިމާޔަތްކޮށް އުފާވެރި އަމާން މާހައުލެއްގައި ދަރިވަރުން ތައުލީމު ހާސިލުކުރުމަށް ޓީޗަރުން ހާއްސަ ސަމާލުކަމެއް ދިނުމަށްވެސް އެދިވަޑައިގެންފައެވެ.