ބްރެޑް ޕިޓް ކަމަށް ބުނެ ފަރަންސޭސި އަންހެނަކަށް އޮޅުވާލައިފި އެވެ. މި ސައިބާ ކުށުގެ ތުހުމަތު ކުރެވޭ ފަރާތުން އޭނާއަކީ ބްރެޑް ކަމަށް ދައްކައި، އޭއައި އިން އުފައްދާފައިވާ ހޮސްޕިޓަލެއްގައި ނަގާފައިވާ ފޮޓޯތަކެއް ދައްކައިގެން އަންހެން މީހާ އަތުން އެތައް ހާސް ޑޮލަރެއް ވަނީ ނަގައިފައެވެ.

"އެން" ނަމަކަށް ކިޔާ އެ އަންހެން މީހާ އަތުން 850000 ޑޮލަރު ނަގާފައިވާ ކަމަށް އެމީހާ ވަނީ ބުނެފައެވެ.

53 އަހަރުގެ އިންޓީރިއާ ޑިޒައިނަރެެއް ކަމަށްވާ އެ އެން ބުނިގޮތުގައި މި ދޮގު، ލޯބީގެ ރޭވުން އަހަރަކަށްވުރެ ގިނަ ދުވަހު ކުރިއަށް ގެންދިޔަ އެވެ.

އެން އަށް ވިސްނައިދީފައިވަނީ ބްރެޑް ކިޑްނީ ފަރުވާއަށް ފައިސާ ބޭނުންވާ ކަމަށާއި، އެންޖެލީނާ ޖޮލީ ކައިރިން ވަރިވުމުގެ މައްސަލައިގެ ސަބަބުން އޭނާގެ ބޭންކް އެކައުންޓަށް ނުވަދެވޭ ކަމަށެވެ. މި ވަރީގެ މައްސަލަ ނިމުނީ މިދިޔަ މަހުއެވެ.

އެން ބުނެފައިވާ ގޮތުގައި މިކަން ފެށުނީ ޕިޓްގެ މަންމަ ޖޭން ކަމަށް ބުނެ މީހަކު ގުޅައި، އޭނާގެ ދަރިފުޅުގެ ފުރާނަ ސަލާމަތްކުރުމަށް ފައިސާ ބޭނުންވާ ކަމަށް ބުނުމުންނެވެ. ފުރަތަމަ އެއީ ދޮގެއް ކަމަށް ހީވެސް ކުރެވުނު ކަމަށާއި ނަމަވެސް އެހާ ސޯޝަލް މިޑިއާއާ ރައްޓެހި ނުވުމުން ގިނަ ކަންކަން ނޭނގޭކަމަށް އޭނާ އިއުތިރާފުވިއެވެ.

ދޮގު އެކައުންޓުން ގިނަ މެސެޖުތަކެއް ފޮނުވުމަށް ފަހު، އޭނާއަށް އެކަން ތެދެއް ކަމަށް ގަބޫލުކުރަން ފެށުނު ކަމަށާއި ބްރެޑް އާ ބައްދަލުވުމުގެ އުންމީދުގައި ފިރިމީހާއާ ކައިރިންވެސް ވަރިވި ކަމަށް އެން ބުންޏެވެ. ފަހުން، ބްރެޑް އާއި އިނެސް ޑި ރަމޯން އާ ދެމެދު ގުޅުމެއް އޮތް ކަމުގެ ޚަބަރުތައް ލިބުމުން، މިއީ އޮޅުވާލުމެއް ކަން ވިސްނުނީ ކަމަށްވެސް އޭނާ ބުންޏެވެ.

މި މައްސަލަ މިހާރު ފުލުހުން ތަހުގީގު ކުރަން ފަށާފައިވާއިރު ބްރެޑްގެ ފަރާތުން އެމެރިކާގެ އެންޓަޓެއިންމަންޓް ވީކްލީއަށް ދީފައިވާ އިންޓަވިއުއެއްގައި ބުނެފައިވަނީ މަޝްހޫރު މީހުންނާ މެދު ފޭނުންގެ ހިތުގައި އޮންނަ ގާތް ގުޅުމުގެ ނާޖާއިޒު ފައިދާ ނަގާ މަކަރުވެރިން ތިބުމަކީ ވަރަށް ހިތާމަހުރި ކަމެއް ކަމަށެވެ. އަދި "ޚާއްސަކޮށް ސޯޝަލް މީޑިއާގައި އެއްވެސް ހަރަކާތެއް ނުހިންގާ އެކްޓަރުންގެ" ފަރާތުން ކަމަށް ބުނެ އަމިއްލައަށް ގުޅާ ފަރާތްތަކަށް މީހުން ޖަވާބު ދީގެން ނުވާނެ ކަމަށްވެސް ބުނެފައިވެއެވެ.