މެޑިސިން ހިމެނޭހެން އެކި ދާއިރާތަކުން ތައުލީމު ހާސިލުކުރުމަށް ދިވެހި ދަރިވަރުންނަށް ފުރުސަތު ހޯދައިދިނުމަށް ޓާރްޓޫ ޔުނިވާސިޓީއާއެކު މަޝްވަރާކޮށްފިއެވެ.

އެ މަޝްވަރާކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، އެސްޓޯނިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި އެ ގައުމުގެ ޓާރްޓޫ ސިޓީގައި ހުންނަ، ޔުނިވާސިޓީ އޮފް ޓާރްޓޫއަށް ޒިޔާރަތްކުރައްވައި އެ ޔުނިވާސިޓީގެ ރެކްޓާ، ޕްރޮފެސަރު ޓޫމަސް އައްސެރް އާއި އެ ޔުނިވާސިޓީގެ އޮފިޝަލުންނާއެކު މިއަދު ބޭއްވި ބައްދަލުވުމުގައެވެ.

ރައީސް އޮފީހުން މިއަދު ބުނީ ރައީސްގެ އަރިހުގައި ޓާރްޓޫ ސިޓީގެ މޭޔަރު އަރްމަސް ކްލާސް ބައިވެރިވެވަޑައިގެންނެވި އެ ބައްދަލުކުރެއްވުމުގައި، ޔުނިވާސިޓީ އޮފް ޓާރްޓޫގެ އޮފިޝަލުން ވަނީ ސައިންޓިފިކް ރިސާޗްގެ ރޮނގުން މުޅި ވިލާތު ބައްރުގައިވެސް އެންމެ ކުރިއަރާފައިވާ އެއް ޔުނިވާސިޓީގެ ގޮތުގައި އެ ޔުނިވާސިޓީގެ ދަރަޖަ ފާހަގަކުރައްވައި، އެ މުއައްސަސާގެ ވަނަވަރު ތަފުސީލުކޮށް ދެއްވާފައި ކަމަށެވެ. އޭގެ އިތުރުން ތިމާވެއްޓާ ރައްޓެހި ސްމާޓް ސިޓީ ސޮލިއުޝަންތައް ހާސިލުކުރުމުގައި ޓާރްޓޫ ސިޓީން ކުރި ދަތުރުގެ މައުލޫމާތު ހިއްސާކުރައްވައި މަޝްވަރާކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އެ ބައްދަލުކުރެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި، އެ ޔުނިވާސިޓީއަށް ޒިޔާރަތްކުރެއްވުމުގެ ފުރުސަތު ލިބިވަޑައިގަތުމުން ވަރަށް އުފާކުރައްވާ ކަމަށް ވިދާޅުވި ކަމަށާއި ޑިޖިޓަލް އީޖާދުތަކާއެކު ރާއްޖޭގެ ސިޓީތަކަށް އެހީތެރިކަން ފޯރުކޮށްދިނުމާއި ޑިޖިޓަލައިޒޭޝަން އަދި ޕޭޕާލެސް ގަވަނަންސްގެ ރޮނގުން، ޓާރްޓޫގެ ތަޖުރިބާގެ ބޭނުން ހިއްޕެވުމަށް އެސްޓޯނިއާއާ ގުޅިގެން މަސައްކަތްކުރެއްވުމުގެ ޝައުގުވެރިކަން ފާޅުކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރައީސް އޮފީހުން ބުނީ ދިވެހި ދަރިވަރުންނަކީވެސް ޓާރްޓޫގައި ކިޔެވުމުގެ ފުރުސަތު އޮތް ބައެއްކަން ފާހަގަކުރައްވައި، މެޑިސިން، ޑިޖިޓަލް ދާއިރާއާއި މޫސުމަށް އަންނަ ބަދަލުތަކާއި ތިމާވެށީގެ ސައިންސް ފަދަ އެކި ދާއިރާތަކުންވެސް ފަންނުވެރިން ތަމްރީނުކުރަން ޖެހިފައިވާކަން، ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވި ކަމަށެވެ. އަދި އެ ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ދިވެހި ދަރިވަރުންނަށް މަތީ ތައުލީމު ހާސިލުކުރުމަށް ހުރި ސްކޮލާޝިޕް ފުރުސަތުތަކާއި މަގުތައް އޮޅުންފިލުއްވާފައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ޖަވާބުގައި، ޔުނިވާސިޓީގެ މަންދޫބުން ވަނީ އެ ޔުނިވާސިޓީއިން ދިވެހި ދަރިވަރުންނަށް ޖާގަ ދިނުމުގެ ވިސްނުމަށް މަރުހަބާ ދަންނަވައި، ލިބެންހުރި ސްކޮލާޝިޕް ފުރުސަތުތަކާއި ދެ ފަރާތުން ގުޅިގެން ކުރެވިދާނެ ކަންކަމުގެ މައުލޫމާތު ހުށަހަޅުއްވާފައި ކަމަށާއި އަދި އިލްމީ ރޮނގުން ގުޅުން ބަދަހިކުރުމަށް އިތުރަށް މަޝްވަރާކުރުމަށް، ޓާރްޓޫ ޔުނިވާސިޓީ އޮތީ ތައްޔާރަށް ކަމުގައިވެސް މަންދޫބުން ފާހަގަކުރައްވާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރައީސްގެ ވާހަކަފުޅު ނިންމަވައިލައްވަމުން، ޓާރްޓޫ ޔުނިވާސިޓީގެ އޮފިޝަލުން ދެއްވި މެހެމާންދާރީ ފާހަގަކުރައްވައި، ކުރިއަށް އޮތްތާނގައި ގުޅުން ބަދަހިކުރެއްވުމުގެ ޝައުގުވެރިކަން ފާޅުކުރެއްވިއެވެ. އަދި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމުގެ މުހިންމުކަންވެސް ފާހަގަކުރެއްވިއެވެ.

ރައީސްގެ މި ދަތުރުފުޅަކީ އެސްޓޯނިއާގެ ރައީސް ޑރ. އަލާރް ކަރިސްގެ ދައުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި، ރައީސްގެ އަރިހުގައި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ. އަދި ރާއްޖޭގެ ފަންނިއްޔާތުގެ ދާއިރާގެ މާހިރުންގެ މައްޗަށް އެކުލެވިގެންވާ ވަފުދެއްވެސް މި ދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވައެވެ.