އިޒްރޭލާއި ހަމާސްއިން ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް އެއްބަސްވެއްޖެއެވެ.
އިޒްރޭލާއި ހަމާސް އިން ކުރަމުން އަންނަ ހަނގުރާމަ ހުއްޓާލުމަށް ގަތަރުގައި ކުރިއަށްދިޔަ މަޝްވަރާތަކަށްފަހު އެއްބަސްވެފައިވާ އިރު، އެ އެއްބަސްވުމުގެ ދަށުން ވަނީ ހަމާސް އިން ހައްޔަރުކޮށްފައިވާ ރަހީނުން އަނބުރާ ހަވާލުކުރުމުގެ އިތުރުން އިޒްރޭލުން ހައްޔަރުކޮށްފައިވާ ފަލަސްތީނުގެ ގައިދީން ދޫކޮށްލުމަށް އެއްބަސްވެފައެވެ.
ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް އެއްބަސްވި ނަމަވެސް، ހަމާސް އިން ވަނީ ގާޒާގެ އާންމުން އެއްވެސް ތަނަކަށް ނުދިއުމަށް އަންގައިފައެވެ. ހަމާސް އިން ވަނީ އެއްބަސްވުން ޔަގީން ނުވަނީސް އެއްވެސް ބަޔަކު އެއްވެސް ތަނަކަށް ނުދިއުމަށް އަންގައިފައެވެ.
ހަމާސް އިން ހައްޔަރުކޮށްފައިވާ 33 މީހުންނާއި އިޒްރޭލުގެ ޖަލުތަކުގައި ތިބި ފަލަސްތީނުގެ 2000 ގައިދީން ދޫކޮށްލަން އެއްބަސްވެފައިވާ ކަމަށް އޮފިޝަލުން ބުނެއެވެ.
މި އެއްބަސްވުމަކީ މިފަހުން ފެށި ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވި ދެވަނަ އެއްބަސްވުމެވެ. މީގެ ކުރިންވެސް ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް އެއްބަސްވި ނަމަވެސް، ދެ ފަރާތުން ވަނީ އެކަމާ ހިލާފުވެފައެވެ.
ރިޕޯޓުތައް ބުނާގޮތުގައި އެއްބަސްވުމުގެ ސަބަބުން ގާޒާގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ފަސޭހަވެ، އެ ސިޓީ އަލުން އާރާސްތުކުރުމަށް ދަނީ ތައްޔާރުވަމުންނެވެ.
ހަމާސް ނައްތާލުމަށް ކަމަށްބުނެ، 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން އިޒްރޭލުން ފަލަސްތީނުގައި ހިންގަމުންގެންދާ ހަނގުރާމައިގައި ގާޒާގެ އެތައް ހާސް އާންމުން ޝަހީދުކޮށްލާފައިވާ އިރު، ހަމާސް އިން ވަނީ އެ ދުވަހު ހިންގި އޮޕަރޭޝަނެއްގައި އިޒްރޭލުގެ އާންމުންގެ ބަޔަކު ރަހީނުންގެ ގޮތުގައި ހައްޔަރުކޮށްފައެވެ.
އިޒްރޭލުން ގާޒާގައި ހިންގަމުންދިޔަ ނަސްލެއް ނައްތާލުމުގެ ޖަރީމާގައި ގާޒާގެ 47،000 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލައި، މުޅި ގާޒާ ވަނީ ސުންނާފަތިކޮށްލައިފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ