ހުޅުމާލޭގައި ހުންނަ ޓްރާންސްފޯމަރަކަށް ގެއްލުން ދީ ވައްކަން ކުރަން އުޅުނު ބަޔަކު ހުއްޓުވަން އެންމެ އިސްކޮށް ހަރަކާތްތެރިވި ސްޓެލްކޯގެ މުވައްޒަފަށް ސްޓެލްކޯގެ 'މެޑަލް އޮފް ބްރޭވަރީ' ދީފިއެވެ.
ހުޅުމާލެ ފޭސް 2، ރީތިގަސްމަގު ބްރިޖު ކައިރީގައި ހުންނަ ސްޓެލްކޯގެ ޓްރާންސްފޯމަރަށް ރޭ ގެއްލުންދީ ވައްކަން ކުރަން އުޅުނު ދެ މީހަކު ހުއްޓުވައި އެ މީހުން ފުލުހުންނާ ހަވާލުކުރީ ސްޓެލްކޯ މުވައްޒަފުންނެވެ. ވަގުން ހުއްޓުވުމުގެ ތެރެއިން ސްޓެލްކޯގެ މުވައްޒަފު އަހުމަދު ވިޝާނަށް ރެންޗަކުން ހަމަލާދީ މާރާމާރީވެސް ހިންގިއެވެ.
ސްޓެލްކޯގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ވިޝާންއަށް ވަނީ ސްޓެލްކޯގެ މެޑަލް އޮފް ބްރޭވަރީ އާއި އަގުވަޒަންކުރުމުގެ ހަނދާނީ ލިޔުމެއް ދީފައެވެ. އަދި އޭނާ އާއެކު ހާދިސާ ހިނގި ސަރަޙައްދުގައި ހަރަކާތްތެރިވި ސްޓެލްކޯގެ މުވައްޒަފެއް ކަމަށްވާ ސަރުވާން މުހައްމަދަށްވެސް ކުންފުނީގެ ފަރާތުން ވަނީ އަގުވަޒަންކުރުމުގެ ހަނދާނީ ލިޔުމެއް ދީފައެވެ.
އެ ދެ މުވައްޒަފުންނަށްވެސް ލިޔުން ހަވާލުކޮށްދެއްވީ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީއެވެ.
ސްޓެލްކޯ އިން ބުނީ، އެ މުވައްޒަފުންގެ އަގުވަޒަންކުރީ ހިރާހާއި ނުރައްކަލުގެ ވަގުތުގައި ދައްކުވައިދިން ހިތްވަރާއި ކެރުންތެރިކަން ފާހަގަކުރުމުގެ ގޮތުން ކަމަށެވެ. އަދި މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ސްޓެލްކޯ އިން އަބަދުވެސް މަސައްކަތް ކުރާނެ ކަމަށާއި އެފަދަ ހާދިސާތަކަށް ހާއްސަ ސަމާލުކަމެއް ދީގެން ވަރަށް ހައްސާސް މައްސަލަތަކެއްގެ ގޮތުގައި ބަލައި، ފިޔަވަޅު އަޅަމުންދާނެ ކަމަށްވެސް ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު