ރާއްޖޭގެ ޑިޖިޓަލް ޓްރާންސްފޯމޭޝަނަށް އެސްޓޯނިއާގެ ފުރިހަމަ އެހީތެރިކަން ލިބޭނެ ކަމަށް އުންމީދުކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުއިއްޒު މިހާރު އެސްޓޯނިއާއަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން އެ ގައުމުގެ ރައީސް އަލާ ކަރިސް އާއި އެ ގައުމުގެ ޑިޖިޓަލް ކައުންސިލާ އެކު އިއްޔެ ބޭއްވި ބައްދަލުކުރެއްވުމަށް ފަހު، އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެސްޓޯނިއާގެ ޑިޖިޓަލް އިނޮވޭޝަންއާއި ސްޓާޓަޕް އިކޯސިސްޓަމަކީ ރާއްޖެއަށް ނަމޫނާއެއް ކަމަށާއި ރާއްޖޭގެ ޑިޖިޓަލް ޓްރާންސްފޯމޭޝަނަށް އެ ގައުމުގެ އެހީ ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

"އަޅުގަނޑު އުންމީދު ކުރަނީ ޕަބްލިކް ސެކްޓާ އާއި ޕްރައިވެޓް ސެކްޓާ އިނޮވޭޝަން ކުރިއެރުވުމުގައި (ދެ ގައުމުގެ ދެމެދުގައި) ގާތް ގުޅުމެއް އުފައްދަން." ރައީސް ވިދާޅުވިއެވެ.

ރައީސް މުއިއްޒާއި ސަރުކާރުގެ ވަފުދެއް އެސްޓޯނިއާއަށް ވަޑައިގެންނެވީ އެ ގައުމުގެ ރައީސް ޑރ. އަލާރް ކާރިސްގެ ދައުވަތަކަށެވެ.

ހަތަރު ދުވަހުގެ މި ދަތުރުފުޅުގައި، ރައީސްގެ އަރިހުގައި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ. އަދި ރާއްޖޭގެ ފަންނިއްޔާތުގެ ދާއިރާގެ މާހިރުންގެ މައްޗަށް އެކުލެވިގެންވާ ވަފުދެއް ވެސް މި ދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވައެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި ރައީސްގެ މި ދަތުރުފުޅުގައި އީޖާދީ އުފެއްދުންތެރިކަމާއި އަދި ފަންނިއްޔާތުގެ ދާއިރާގައި އެސްޓޯނިއާ އިން ހޯދާފައިވާ ކުރިއެރުންތަކުގެ މައްޗަށް މަޝްވަރާ ކުރައްވާނެއެވެ.

އެ ދަތުރުފުޅުގެ ތެރެއިން ދިވެހި ސަރުކާރުން ވަނީ ބައެއް ދާއިރާތަކުން އެސްޓޯނިއާގެ އެހީތެރިކަން ހޯދުމަށް މުހިންމު ތިން އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އެގޮތުން މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައިގެ އިލްމުގެ ދާއިރާއިންނާއި އެ ގައުމުން ޕޮލިޓިކަލް ކޮންސަލްޓަންސީ ހޯދުުމުގެ އިތުރުން އިންފޮމޭޝަން ޓެކްނޮލޮޖީ އާއި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އަދި ސައިބާ ސެކިއުރިޓީން އެއްބާރުލުން ހޯދުމުގެ އެއްބަސްވުމެއްގައި ރާއްޖެއިން ވަނީ ސޮއިކޮށްފައެވެ.