އަމާޒަކީ އެންމެ ފުރަތަމަ އިހުތިޔާރަކަށް ޑިޖިޓަލް ޓެކްނޮލޮޖީ ހިޔާރުކުރާ ސަރުކާރެއް ބިނާކުރެއްވުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެސްޓޯނިއާއަށް ރައީސް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން އެ މަނިކުފާނު މިއަދު ވަނީ އެސްޓޯނިއާގެ ރައީސަށް ލަފާ އަރުވާ އެ ގައުމުގެ ޑިޖިޓަލް އެޑްވައިޒަރީ ކައުންސިލާއެކު ރައުންޑްޓޭބަލް މަޝްވަރާތަކުގައި ބައިވެރިވެވަޑައިގެންފައެވެ.

ރައީސް އޮފީހުން މިއަދު ބުނީ އެ މަޝްވަރާތަކުގެ ތެރެއިން، ރައީސްގެ އަރިހުގައި ބައިވެރިވެވަޑައިގަންނަވާ ދިވެހި ވަފުދުގެ މެންބަރުންނާއި، ޓެކްނޮލޮޖީގެ ދާއިރާގެ މަންދޫބުން ވަނީ ޑިޖިޓަލް ވެށްޓަކަށް އެސްޓޯނިއާއިން ކުރި ފާހަގަކޮށްލެވޭ ދަތުރާ ބެހޭ މައުލޫމާތު ހޯއްދަވައި، އެ މަސައްކަތްތައް ބައްލަވައިލައްވާފައި ކަމަށެވެ.

ރައުންޑްޓޭބަލް މަޝްވަރާތަކުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި، ޑިޖިޓަލް ރާއްޖެއަކަށް ދިވެހިރާއްޖެ ހެއްދެވުމަށް އެ މަނިކުފާނުގެ ސަރުކާރުން ގެންގުޅުއްވާ ތަސައްވުރު ހިއްސާކުރެއްވިއެވެ. ޑިޖިޓަލް ރާއްޖޭގެ ތަސައްވުރަކީ، އެންމެންނަށްވެސް ބޭނުންހިފެނިވި، ދެމެހެއްޓެނިވި އަދި ވިލުންވެރި ތަސައްވުރެއްކަން ރައީސް ފާހަގަކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރައީސް ވިދާޅުވީ އަމާޒަކީ އެންމެ ފުރަތަމަ އިހުތިޔާރަކަށް ޑިޖިޓަލް ޓެކްނޮލޮޖީ ހިޔާރުކުރާ ސަރުކާރެއް ބިނާކުރެއްވުން ކަމަށާއި އެފަދައިން ކަން ކުރައްވަމުން ގެންދަވަނީ ރައްޔިތުންނަށް ސަމާލުކަންދެނިވި މޭރުމަކުން ކަމަށެވެ. އެއާއެކު ކޮންމެ ދިވެއްސަކީ، އެ މީހަކު އެ އިރެއްގައި ހުރި ތަނެއް އިސްތިސްނާވުމެއް ނެތި، ޓެކްނޮލޮޖީގެ ތެރެއިން ބާރުވެރިކުރެވިފައިވާ ރައްޔިތަކަށް ހެދުން ކަމުގައި ރައީސް ވިދާޅުވިއެވެ.

ރައީސް އޮފީހުން ބުނީ އެ ބައްދަލުކުރެއްވުމުގައި އެސްޓޮނިއާގެ ރައީސް، ޑރ. އަލާރް ކަރިސް ދެއްކެވި ވާހަކަފުޅުގައި، ޑިޖިޓަލް ކުރިއެރުންތައް ހޯދުމުގައި އެސްޓޯނިއާއިން ހޯދާފައިވާ ކާމިޔާބީގެ މައްޗަށް އަލިއަޅުއްވާލައްވައި، އީޖާދުތަކަށް މަގުފަހިކުރުމުގެ މޭރުމުން ރާއްޖެއާއި އެސްޓޯނިއާގެ ގުޅުން ބަދަހިކުރުމަށް ހިތްވަރުދެއްވި ކަމަށެވެ. އޭގެ އިތުރުން މިހާރަށްވުރެ ކުރިއަރާފައިވާ އަދި ދެމެހެއްޓެނިވި މުސްތަގުބަލެއް ބިނާކުރުމަށް އެންމެން ގުޅިގެން އީޖާދީ ހައްލުތަކެއް ހޯދުމަށް މަސައްކަތްކުރުމުގެ މުހިންމުކަމުގެ މައްޗަށްވެސް އެސްޓޯނިއާގެ ރައީސްގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އެސްޓޯނިއާގެ ޑިޖިޓަލް އެޑްވައިޒަރީ ކައުންސިލުގެ މެންބަރުން ވަނީ އުމްރާނީ ވަސީލަތްތައް ބިނާކުރުމަށާއި ޑިޖިޓަލް ތަރައްގީގެ މުހިންމު ދާއިރާތައް ކުރިއެރުވުމުގައި ޕްރައިވެޓް ސެކްޓާގެ ބައިވެރިވުމާއެކު އަދާކުރެވިދާނެ މުހިންމު ދައުރު ފާހަގަކުރައްވައިފައެވެ. އަދި އީޖާދުތަކަށް މަގުފަހިކުރުމަށް ސްޓެމް އެޑިއުކޭޝަނާއި ލޮޖިކަލް ވިސްނުމަކީ ޅަ އުމުރުން ފެށިގެންވެސް އުނގަންނައިދިނުން މުހިންމު ކަންތައްތަކެއްކަން ވެސް އެ ބޭފުޅުން ފާހަގަކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އޭގެ އިތުރުން ރާއްޖޭގެ ޑިޖިޓަލް ޓްރާންސްފޯމޭޝަން ދަތުރަށް އެއްބާރުލުން ދިނުމުގެ ގޮތުން އެ ފަރާތްތަކުގެ ތަޖުރިބާ ހިއްސާކޮށްދެއްވައި، ހިދުމަތްތައް އަލުން ފަރުމާކުރުމާއެކު އިރުޝާދާއި އެހީތެރިކަން ފޯރުކޮށްދެއްވުމުގެ ޝައުގުވެރިކަން، ކައުންސިލުގެ މެންބަރުން ފާޅުކުރެއްވި ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

ރައީސް އޮފީހުން އިތުރަށް ބުނީ އެސްޓޯނިއާގެ ޑިޖިޓަލް އެޑްވައިޒަރީ ކައުންސިލާއެކު މިއަދު ކުރިއަށްގެންދިޔަ މަޝްވަރާތައް އަމާޒުކުރީ ރާއްޖޭގެ އަދުގެ ހާލަތު ދެނެގަތުމާއެކު، ޑިޖިޓަލް ތަރައްގީގެ ރޮނގުން ރާއްޖެއަށް އެންމެ ބޭނުންތެރި ދާއިރާތަކާއި އިސްތިރާޖުތައް ދެނެގަތުމުގެ މައްޗަށް ކަމަށެވެ.

އެސްޓޯނިއާގެ ރައީސަށް ލަފާ އަރުވާ އެ ގައުމުގެ ޑިޖިޓަލް އެޑްވައިޒަރީ ކައުންސިލާާއެކު ރައުންޑްޓޭބަލް މަޝްވަރާތައް ކުރިއަށްގެންދިޔައީ އެސްޓޯނިއާގެ ޕޯކޯ ޕޮޕް އެންޑު ކޮންޓެމްޕޮރަރީ އާޓް މިއުޒިއަމްގައެވެ.

އެ ބައްދަލުކުރެއްވުމަށްފަހު، ރައީސް ވަނީ ޕޯކޯ ޕޮޕް އެންޑު ކޮންޓެމްޕޮރަރީ އާޓް މިއުޒިއަމް ބައްލަވައިލައްވައިފައެވެ. ޕޯކޯ ޕޮޕް އެންޑު ކޮންޓެމްޕޮރަރީ އާޓް މިއުޒިއަމްގެ ކަލެކްޝަނާއި ފަންނުވެރި މަސައްކަތްތަކާ ބެހޭގޮތުން މައުލޫމާތު ދެއްވީ އެސްޓޯނިއާގެ އައިޓީ ވިޝަންރީ ލިއްނާރް ވީކްއެވެ.