ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، މިއަދު އީ-އެސްޓޯނިއާ ބްރީފިން ސެންޓަރަށް ޒިޔާރަތްކުރައްވައިފިއެވެ.

ރައީސް އޮފީހުން މިއަދު ބުނީ އެސްޓޯނިއާގެ ވެރިރަށް ޓަލިންގައި ހުންނަ އީ-އެސްޓޯނިއާ ބްރީފިން ސެންޓަރުން ރައީސަށް މަރުހަބާ ދެންނެވީ އީ-އެސްޓޯނިއާ ބްރީފިން ސެންޓަރުގެ ހެޑް، ޓްރިން ޔޯސާރެއާއި އިންޓަނޭޝަނަލް ސާވިސަސް ޑިވިޝަންގެ އެކްޓިން ހެޑް އަދި އެސްޓޯނިއަން އިންވެސްޓްމަންޓް އޭޖެންސީ، އެންޓަޕްރައިޒް އެސްޓޯނިއާގެ ޑިރެކްޓަރު ޔޯނަސް ވަންޓޯ ކަމަށެވެ.

އެ ޒިޔާރަތުގައި، ރައީސަށާއި ދިވެހި ވަފުދަށް އެސްޓޯނިއާގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން ދަތުރާ ގުޅޭގޮތުން ޕްރެޒެންޓޭޝަނެއް ވަނީ ހުށަހަޅައިފައެވެ. މީގެ އިތުރުން، އެސްޓޯނިއާގެ ޑިޖިޓަލް މުޖުތަމައު އަދި އީ-ގަވަނަންސްގެ އާ އީޖާދުތަކާއި، އީ-ރެސިޑެންސީ، ޑިޖިޓަލް އައިޑީ، އީ-ޓެކްސޭޝަން، އަދި އެކްސް-ރޯޑް ސިސްޓަމްތަކުގެ ތެރެއިން ރައްކާތެރި ޑޭޓާ ބަދަލުކުރުން ފަދަ ޑިޖިޓަލް ނިޒާމުތައް އެއްކޮށްލުމުގައި އެސްޓޯނިއާއިން ހޯދާފައިވާ ކާމިޔާބީއާ ބެހޭ ޕްރެޒެންޓޭޝަނެއްވެސް ހުށަހަޅާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރައީސްގެ މި ދަތުރުފުޅަކީ އެސްޓޯނިއާގެ ރައީސް ޑރ. އަލާރް ކަރިސްގެ ދައުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި، ރައީސްގެ އަރިހުގައި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ. އަދި ރާއްޖޭގެ ފަންނިއްޔާތުގެ ދާއިރާގެ މާހިރުންގެ މައްޗަށް އެކުލެވިގެންވާ ވަފުދެއްވެސް މި ދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވައެވެ.

ރައީސްގެ މި ދަތުރުފުޅުގެ ތެރެއިން އެސްޓޯނިއާއާއެކު ގުޅިގެން މަސައްކަތްކުރުމަށް އެއްބަސްވުންތަކެއްގައި ސޮއިކޮށް، އެގައުމުގެ ގިނަ ވުޒާރާތަކުގެ ވެރިންނާ ވަނީ ބައްދަލުކުރައްވައިފައެވެ.