މަޝްހޫރު ލަވަކިޔުންތެރިޔާ ނޭހާ ކައްކަރް ހައްޔަރުކޮށްފައިވާ ކަމަށް ދޭހަވާ ފަދަ ފޮޓޯތަކެއް އިންޓަނެޓުގައި ވަނީ ވައިރަލްވެފައެވެ. މި ލަވަކިޔުންތެރިޔާ ހައްޔަރުކޮށްފައިވަނީ ވިޔަފާރީގެ މަކަރުތަކަކާ ގުޅުންހުރި މައްސަލައެއްގައި ކަމަށް ވެސް ވާހަކަ ފެތުރިފައިވެއެވެ.

މި ފޮޓޯތައް ވައިރަލްވެފައިވަނީ ލިންކަކާ އެކުގައެވެ. އެ ލިންކުން ދަނީ ނުރައްކާތެރި ވެބްސައިޓަކަށެވެ. މި ވެބްސައިޓުގައި ހުންނަނީ ނޭހާގެ ނަމުގައި ހަދާފައިވާ ދޮގު އިންޓަވިއުއެކެވެ. މި އިންޓަވިއުގައި 'އެމަރްލާޑޯ' ކިޔާ ޓްރޭޑިން ޕްލެޓްފޯމެއް ޕްރޮމޯޓްކޮށްފައިވެއެވެ.

އެހެންނަމަވެސް، ނޭހާގެ މި ފޮޓޯތައް ހަދާފައިވަނީ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން ކަމަށް ރިޕޯޓުތައް ބުނެއެވެ. ނޭހާ މި މިކަމުގައި އެއްވެސް ވަރަކަށް ބައިވެރިވެފައި ނުވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ވައިރަލްވި ފޮޓޯތަކުގައި ފެންނަނީ ނޭހާ ރޯން ހުންނައިރު، ފުލުހުންގެ މުވައްޒަފަކު އޭނާ ހައްޔަރުކުރާ މަންޒަރެވެ. ފޮޓޯތައް ވައިރަލްކޮށްލައިފައިވަނީ 'ނޭހާ ކައްކަރުގެ ކެރިއަރުގެ ހިތާމަވެރި ނިމުމެއް! މިއަދު ހެނދުނުގެ މި ހަބަރަކީ އިންޑިއާގެ ހުރިހާ ރައްޔިތުންނަށް ލިބުނު ޝޮކެއް!' މި ސުރުހީއާ އެކުގައެވެ.

ރިޕޯޓުތައް ބުނާގޮތުގައި މި ފޮޓޯތަކުގައި ހުރީ އެހެން އަންހެނެކެވެ. އޭނާގެ މޫނު އެޑިޓްކޮށް އެއަށް ނޭހާގެ މޫނުވަނީ ލައިފައެވެ.

މިއީ އޭއައި ބޭނުންކޮށްގެން މަޝްހޫރު މީހުންނަށް ގެއްލުން ދިން ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރިން، އަމިތާބް ބަޗަން އަދި ރަންވީރް ސިންގް ފަދަ މަޝްހޫރު މީހުންގެ ނަންތައްވެސް މިކަންކަމުގައި ބޭނުންކޮށްފައިވެއެވެ.