އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓްރީކުރުމުގެ ގަވާއިދަށް ޓްރާންސްޕޯޓް މިނިސްޓްރީން ގެނައި ބަދަލާ ހެދި ކުންފުނިތަކުން އިންސްޓޯލްމަންޓަށް ސައިކަލު ދޫކުރުން ވަގުތީ ގޮތުން ހުއްޓާލައިފިއެވެ.

އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓްރީ ކުރުުމުގެ ގަވައިދަށް ޓްރާާންސްޕޯޓު މިނިސްޓްރީ މިދިޔަ ނޮވެމްބަރު މަހު ގެނައި ބަދަލުގައި ބުނާ ގޮތުން އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުތަކުގެ ތެރެއިން ކުންފުނީގެ ނަމުގައި ރަޖިސްޓްރީ ކޮށްދެވޭނީ އެ ކުންފުނީގެ އަމިއްލަ ބޭނުމަށްޓަކައި ބޭނުންކުރާ އުޅަނދުތަކަށް އެކަންޏެވެ.

ކުންފުނިން ވިޔަފާރި އުސޫލުން ގެންނަ އުޅަނދުތަކެއް އޭގެ ތެރޭގައި ނުހިމެނޭނެއެވެ. އެ ބަދަލާ ގުޅިގެން "ސީ" ބޯޑުގައި ސައިކަލެއް ދުލެއް ނުކުރެވޭނެއެވެ. ސައިކަލު ދެން ދޫކުރެވޭނީ "ޕީ" ބޯޑުގައި އެކަންޏެވެ.

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ސައިކަލު ވިއްކާ ކުންފުނި، ޝީޝާގެ އިސް އޮފިޝަލަކު 'ވަން' އަށް މިއަދު ވިދާޅުވީ، ކުންފުނިތަކާ އެއްވެސް މަޝްވަރާއެއް ކުރުމެއް ނެތި ކުއްލި ގޮތަކަށް ގަވާއިދު ބަދަލުކުރުމުން އެ ކުންފުނީގެ ޕޮލިސީއަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށްޓަކައި އިންސްޓޯލްމަންޓަށް ސައިކަލު ދޫކުރުން މިވަގުތަށް ހުއްޓާލާފައިވާ ކަމަށެވެ.

ނަމަވެސް ޕޮލިސީއަށް ބަދަލުތައް ގެނެސް އަދި ގާނޫނީ ގޮތުން ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަ ކުރުމަށްފަހު އިންސްޓޯލްމަންޓަށް ސައިކަލު ދޫކުރަން އަލުން ފެށޭނެ ދުވަހެއް ދަންނަވަން ދަތި ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

އޮފިޝަލް ވިދާޅުވީ، އިންސްޓޯލްމަންޓް އުސޫލުން ސައިކަލު ދޫކުރުން ހުއްޓާލަން ޖެހުމުން އެ ކުންފުންޏަށް ލިބެމުންދިޔަ އާމްދަނީ 50 ޕަސެންޓް މަދުވެފައިވާ ކަމަށެވެ. އަދި ގަވާއިދާ ގުޅިގެން ކުންފުނީގެ ލީގަލް ޓީމުން ޓްރާންސްޕޯޓް މިނިސްޓްރީ އާއެކު މަޝްވަރާ ކުރަމުންގެންދާ ކަމަށްވެސް ވިދާޅުވިއެވެ.

"ވަން"އަށް އެނގިފައިވާ ގޮތުގައި އެ ގަވާއިދާ ގުޅިގެން ބައެއް އެހެން ކުންފުނިތަކުން ވެސް ވަނީ އިންސްޓޯލްމަންޓަށް ސައިކަލު ދޫކުރުން ހުއްޓާލައިފައެވެ.

ޝީޝާ އާއި ބައެއް އެހެން ކުންފުނިތަކުން އިންސްޓޯލްމަންޓަށް ސައިކަލު ދޫކުރަން ހުއްޓާލި ނަމަވެސް ރާއްޖޭގައި ސައިކަލު ވިއްކާ ލިޓަސް އިން ބުނީ، އެ ކުންފުނީގެ އެއްވެސް އޮޕަރޭޝަނެއް ހުއްޓާލަން ނިންމާފައި ނުވާ ކަމަށެވެ. ނަމަވެސް ގަވާއިދަށް ގެނައި ބަދަލާއެކު ޕޮލިސީތަކަށް ބައެއް ބަދަލުތައް ގެންނަން ނިންމާފައިވާ ކަމަށް ބުންޏެވެ.