ފުލުހުންނަށް މަގާމުގެ ކުރިއެރުން ދިނުމާއި މަގާމު ދަށް ކުރުމާއި އަދި ޝަރަފުގެ ނިޝާން ދިނުމާ ގުޅޭ ގަވައިދު އިސްލާހުކޮށްފިއެވެ.

ހޯމްލޭންޑް މިނިސްޓްރީން މިއަދު ވަނީ "ރޭންކުގެ ކުރިއެރުމާއ،ި ރޭންކު ދަށްކުރުމާއި، ޝަރަފުގެ ނިޝާން ދިނުމާ ގުޅޭ ގަވައިދު" އިސްލާހުކޮށް ގެޒެޓުކޮށްފައެވެ.

ގަވާއިދުގައިވާ ގޮތުން ރެކްރޫޓް ފުލުހަކު، ކޮންސްޓަބަލްއަކަށް ޕްރޮމޯޓް ކުރެވޭނީ އޭނާގެ ކިބައިގައި ފުރިހަމަ ވާންޖެހޭ ރެކްރޫޓުކުރުމުގެ އާންމު ޝަރުތުތަކާއި ރެކްރޫޓުކުރުމުގެ އިތުރު ޝަރުތުތަކަށް ބެލުމަށްފަހު "ފުލުހުންގެ ވަޒީފާގެ ގަވައިދު" ބަޔާންކޮށްފައިވާ ޝަރުތުތައް ފުރިހަމަވާ ނަމައެވެ.

އެ ގަވައިދުގައި ވަނީ ޗީފް އިންސްޕެކްޓާ އޮފް ޕޮލިސްގެ މަގާމަށް ޕްރޮމޯޓު ކުރެވޭނެ ތިން ހާލަތެއް ބަޔާންކޮށްފައެވެ. އެއީ ސިޓީއެއްގައި ގާއިމުކޮށްފައިވާ ޕޮލިސް ސްޓޭޝަނެއްގެ ހެޑް އޮފް ސިޓީ ޕޮލިސް ސްޓޭޝަންގެ މަގާމުގައި ނުވަތަ އަތޮޅުތެރޭގެ ރީޖަނެއްގައި ގާއިމުކޮށްފައިވާ ކްރައިމް ސެލްއެއްގެ ހެޑްގެ މަގާމުގައި ދެ އަހަރު ދުވަހު މަސައްކަތް ކޮށްފައިވުމެވެ. ނޫނީ ހެޑް އޮފް އަތޮޅު ޕޮލިސް ސްޓޭޝަންގެ މަގާމުގައި ދެ އަހަރުދުވަސް، ނުވަތަ ރަށު ޕޮލިސް ސްޓޭޝަންގެ ގޮތުގައި ދަރަޖަކޮށްފައިވާ، އަތޮޅުތެރޭގެ ޕޮލިސް ސްޓޭޝަނެއްގައި ތިން އަހަރު ދުވަހު މަސައްކަތް ކުރުމުންނެވެ. ނުވަތަ މާލެ ފިޔަވައ،ި އެހެން ރީޖަނެއްގައި ގާއިމުކޮށްފައިވާ ތަމްރީނުގެ މަރުކަޒެއްގައި ހެޑް އޮފް ޑިޕާޓްމަންޓް ނުވަތަ އެ ދަރަޖައިގައި ގިންތިކުރެވޭ މަގާމެއްގެ ގޮތުގައި ހިމެނޭ ކޮމިޝަނާ އޮފް ޕޮލިސް އައްޔަނުކުރާ މަގާމެއްގައި ހުރެ އެ މަރުކަޒުގައި އަމަލީގޮތުން މަސައްކަތްކޮށް ތިން އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުމެވެ.

އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމަށް ޕްރޮމޯޓް ކުރެވޭނީ ފުލުހުންގެ ހިދުމަތުގައި، މާލެ ފިޔަވައި ހިދުމަތް ދިނުމުގައި ކަނޑައެޅިފައިވާ ރީޖަންތަކުގެ ތެރެއިން ރީޖަނެއްގެ ރީޖަން ކޮމާންޑަރުކަން ނުވަތަ އެގްޒެކެޓިވް ގިންތީގެ އޮފިސަރަކު އައްޔަނުކުރެވޭނެ ކަމަށް ފުލުހުންގެ ހިދުމަތުން ކަނޑައަޅައިފައިވާ މަގާމެއްގައި، އަތޮޅުތެރޭގައި ދެ އަހަރުދުވަހުގެ ޑިއުޓީ ޓާމެއް ފުރިހަމަކޮށްފައިވާނަމަ ކަމަށް ގަވާއިދުގައި ވަނީ ބަޔާންކޮށްފައެވެ. އެ މަގާމަށް ޕްރޮމޯޓް ކުރެވޭނެ އަނެއް ޝަރުތަކީ ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ރޭންކުގައި ހޭދަވީ މުއްދަތުގައި، އަތޮޅުތެރޭގެ ރީޖަނެއް ފިޔަވައި އޮޕަރޭޝަނަލް ޕޮލިސިންގެ ދާއިރާގެ މަގާމެއްގައި ހުރެ މަދުވެގެން ތިން އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވާނަމަ ކަމަށް ގަވާއިދުގައި ވަނީ ބަޔާންކޮށްފައެވެ.

އެ ގަވާއިދުގައިވާ ގޮތުން ރޭންކުގެ ކުރިއެރުން ދިނުމަށް ހުޅުވާލާއިރު ކޮންމެ ރޭންކަކަށް ރޭންކުގެ ކުރިއެރުން ދިނުމަށް ކަނޑައަޅައިފައިވާ އަދަދު އަދި ރޭންކުގެ ކުރިއެރުން ދިނުމަށް ހަމަޖެހިފައިވާ މަގާމުތަކާއ،ި އެ މަގާމު އޮތް އިދާރީ ޑިޕާޓްމެންޓުގެ އިތުރުން ރޭންކުގެ ކުރިއެރުން ދިނުމަށް ހަމަޖެހިފައިވާ މަގާމުގައި ވަކި މުއްދަތެއް ހޭދަކުރަން ޖެހޭ ނަމަ، އެ މުއްދަތެއްގެ މައުލޫމާތު ހާމަކުރަންވާނެއެވެ. އަދި ގްރޭޑުގެ ކުރިއެރުން ދިނުމަށް ހުށަހަޅައިފައިވާ ފުލުސް އޮފިސަރު ހުރި ގްރޭޑުގައި ހޭދަވީ މުއްދަތުގައި ވަޒީފާއަށް ހާޒިރުވުމުގައި ފަރުވާތެރިކަން ހުރި މިންވަރަށް ބަލަން ވާނެ ކަމަށް ގަވާއިދުގައި ވަނީ ބަޔާންކޮށްފައެވެ.

މަގާމުގެ ކުރިއެރުން ދިނުމުގައި ޝަރުތު ފުރިހަމަވީ ކަމުގައި ބެލުމަށް ރޭންކުތަކާއި ގްރޭޑުތަކުގައި ހޭދަވީ މުއްދަތު ގުނުމުގައި، ތައުދީބީ ފިޔަވަޅެއްގެ ގޮތުން ޕްރޮމޯޝަން ނުދީ ހިފެހެއްޓުމަށް ނިންމައިފައިވާ މުއްދަތެއް ނުހިމެނޭނެ ކަމަށް ގަވާއިދުގައި ވަނީ ބަޔާންކޮށްފައެވެ. އަދި ޝަރުތު ފުރިހަމަވީކަމުގައި ބެލުމުގައި، ރޭންކުތަކާއި ގްރޭޑުތަކުގައި ހޭދަވީ މުއްދަތު ގުނުމުގައްޔާއި، ހިދުމަތުގައި ހޭދަވީ މުއްދަތު ގުނުމުގައި، މުސާރަ ނުލިބޭ ޗުއްޓީއާއި، ތައުލީމު ހާސިލުކުރުމަށް މުސާރަލިބޭ ގޮތަށް ދޭ ޗުއްޓީގައި ހޭދަވާ މުއްދަތެއް ނުހިމެނޭނެ ކަމަށް ގަވާއިދުގައި ވަނީ ބަޔާންކޮށްފައެވެ.