އެމެރިކާގެ ރައީސްކަމަށް އިންތިޚާބު ކުރެވިފައިވާ ޑޮނަލްޑް ޓްރަމްޕުގެ ގާނޫނީ އަދި ޝަރުއީ މައްސަލަތައް މިދިޔަ ހުކުރުދުވަހު ވަނީ ނިމުމަކަށް އައިސްފައެވެ. އެމެރިކާގެ ނިއުޔޯކްގެ ކޯޓަކުން ވަނީ ޓްރަމްޕުގެ މައްޗަށް ހުކުމެއް އިއްވައިފައެވެ. ކުށުން ބަރީއަކުރުމާއި މައުސޫމްކަމަށް ނިންމުމުގެ ހުކުމެއް ނޫނެވެ. ކުށްވެރިވާ ކަމުގެ ހުކުމެކެވެ. އެކަމަކު ޓްރަމްޕުގެ ހައިސިއްޔަތާއި އޭނާ މިހާރު އިންތިޚާބު ކުރެވިފައިވާ މަގާމުގެ ހައިސިއްޔަތަށް ބަލައިގެން ހުރިހާ އަދަބުތަކުން ސަލާމަތް ކުރެވުނު ހުކުމެކެވެ. ކުށްވެރިއެކެވެ. އެކަމަކު އެއްވެސް އަދަބެއް ނެތެވެ. ދައްކަން ޖެހޭ ޖުރިމާނާއެއްވެސް ނެތެވެ. ޖަލަށްލުމެއްވެސް ނެތެވެ. މިއީ މީގެކުރިން ދުވަހަކުވެސް އެމެރިކާ ކީއްކުރަން ދުނިޔޭގެ އެހެން ތަނެއްގައިވެސް ތަޖުރިބާކުރަން ޖެހުނު ކަހަލަ ކަމެއް ނޫނެވެ. އެންމެންވެސް ކިޔަނީ އެއްވެސް މީހަކީ ގާނޫނަށްވުރެ މަތީގައި ހުރެވޭނެ މީހެއް ނޫންކަމުގައެވެ. އެކަމަކު މި މައްސަލަ ނިމިގެންދިޔައީ ވަކި މީހަކާ ޖެހުނީމާ ގާނޫނުވެސް ބަޅުވެ، ހުކުމްވެސް ބަޅުވެ، އަދަބުވެސް މައާފުކުރެވިދާނެކަން އަންގައިދެމުންނެވެ.

ހުކުމަކާ ހަމައަށް ދިޔައީ ޓްރަމްޕުގެ މައްޗަށް ހިންގުނު ތަފާތު މައްސަލަތަކާ ގުޅޭ ސަރިޔަތްތަކުގެ ތެރެއިން އެންމެ ސަރިޔަތެކެވެ. އެމައްސަލަ ފެށިފައި އޮތީ ޓްރަމްޕުގެ ރިޔާސަތުގެ ފުރަތަމަ ދައުރުވެސް ފެށުމުގެ ކުރިންނެވެ. އެމެރިކާގެ ބަރަހަނާ ފިލްމުކުޅޭ އަންހެނެއް ކަމަށްވާ ސްޓޯރމީ ޑެނިއަލްސްއާއެކު ޓްރަމްޕު ބޭއްވެވި ޖިންސީ ގުޅުމެއްގެ މައުލޫމާތު ސިއްރުކުރުމަށް ޝަރުތުކޮށް އެ އަންހެންމީހާއަށް 2016 ވަނަ އަހަރު ޓްރަމްޕުގެ އޭރުގެ ގާނޫނީ ވަކީލު މައިކަލް ކޯހެން ވަނީ އެއްލައްކަ ތިރީސްހާސް ޑޮލަރު ދީފައެވެ. ރިޔާސަތަށް އިންތިޚާބުވުމަށްފަހު މިފައިސާ ކޯހެންއަށް ޓްރަމްޕު އަދާކުރައްވާފައިވަނީ އެކިފަހަރުމަތިންނެވެ. ކޮންމެފަހަރަކުވެސް ފައިސާ ދެއްވާފައިވަނީ ގާނޫނީ ލަފައިގެ ބަދަލުގައި ދެއްވާ އުޖޫރައެއްގެ ގޮތުގައެވެ. މިއީ ކޮންކަމަކަށް ކީއްވެގެން ޚަރަދުކުރި ފައިސާއެއްކަން ފޮރުވުމަށް މުޅި މުއާމަލާތު ރިކޯޑުކުރެވިފައިވަނީ މިގޮތަށެވެ. އޮޅުވައިލުމުގެ ގޮތުންނެވެ.

ޓްރަމްޕުގެ ރިޔާސަތުގެ ފުރަތަމަ ދައުރު ނިމި ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި ތަފާތު އެހެނިހެން އެތަކެއް ދައުވާތައް އޭނާގެ މައްޗަށް އުފުލުނެވެ. އެމެރިކާގައި 2020 ވަނަ އަހަރު ބޭއްވުނު ރިޔާސީ އިންތިޚާބުގެ ނަތީޖާ ގަބޫލު ނުކުރައްވައި އެ ނަތީޖާ އަނބުރައިލަން ގާނޫނާ ޚިލާފު އަމަލުތަކެއް ހިންގެވުމުގެ މައްސަލަވެސް އޭގެތެެރޭގައި ހިމެނިގެންވެއެވެ. މީގެތެރެއިން ގިނަ ދައުވާތަކަކީ އެމެރިކާގެ މަރުކަޒީ ސަރުކާރުގެ ފަރާތުން ނުވަތަ ދައުލަތުގެ ފަރާތުން ކުރިއަށް ގެންދިޔަ ދައުވާތަކެވެ. މިއެންމެހައި ދައުވާތައް ވަނީ މިހާރު އަނބުރައި ގެންގޮސްފައެވެ. ހުސްވި އަހަރުގެ ނޮވެމްބަރު މަހު ބޭއްވުނު ރިޔާސީ އިންތިޚާބުގައި ކަމަލާ ހެރިސްގެ މައްޗަށް ޓްރަމްޕު ކުރި ހޯއްދެވުމުންނެވެ. އެ މައްސަލަތައް ކުރިއަށް ގެންދެވޭނެ މަގުވެސް އިންތިޚާބަށްފަހު ބަންދުވުމުންނެވެ. ކޮންމެއަކަސް މިހުރިހާ މައްސަލަތަކުގެ ތެރެއިން ހުކުމަކާ ހަމައަށް ނުވަތަ ފުރިހަމަވުމާ ހަމައިގައި އޮތީ ރިޝްވަތުގެ ފައިސާ ހުދުކުރުމަށް ހިންގުނު އޮޅުވައިލުންތަކުގެ މައްސަލައެވެ.

މި މައްސަލައިގެ ހުކުމް ކުރުމަށް ހާޒިރުނުވާންވެސް ޓްރަމްޕު މަސައްކަތް ކުރެއްވިއެވެ. އެންމެ މަތީ ކޯޓުތަކުގައި އިސްތިއުނާފު ކުރައްވައިގެންނެވެ. އެކަމަކު އެހެނެއް ނުވިއެވެ. ޓްރަމްޕަށް އޮތީ ދެގޮތެކެވެ. އެއްގޮތަކީ ކޯޓަށް ސީދާ ހާޒިރުވުމެވެ. އަނެއްގޮތަކީ އޮންލައިނުކޮށް ހާޒިރުވުމެވެ. ޓްރަމްޕު އިޚުތިޔާރު ކުރެއްވީ ފަހުން މިދެންނެވި ގޮތެވެ. އޭނާ ސަރިޔަތުގެ މިސެޝަނުގައި ބައިވެރިވެވަޑައިގަތީ ގާނޫނީ ވަކީލުންނާއެކު އޮންލައިންކޮށެވެ. ވީޑިއޯ ލިންކެއް މެދުވެރި ކުރައްވައިގެންނެވެ. މިކަން މިމަގުން ނުކުރައްވައި މުޅި މައްސަލަ ހިންދައިލެވޭތޯ ސްޕްރީމް ކޯޓަށް މައްސަލަ ވެއްދީ އެމެރިކާގެ ރައްޔިތުން ވެރިކަމަށް އިންތިޚާބުކޮށްފައިވާ ބޭފުޅަކު މުޖުރިމެއްގެ ބީދައިން ކޯޓަށް ހާޒިރު ނުކުރެވޭނެކަމަށް ބުނެފައެވެ. ޓްރަމްޕުގެ ވަކީލުންނެވެ. އެކަމަކު މި ހުށައެޅުން ސްޕްރީމް ކޯޓުން ބަލައެއްނުގަތެވެ. އެހެންވީމާ ނިއުޔޯކުގެ ސަރިޔަތުގެ މި މަޖިލީހުގައި އޮންލައިންކޮށްވެސް ޓްރަމްޕު ބައިވެރިވެވަޑައިގެންނެވީ މަޖްބޫރު ވެގެންނެވެ.

ކޮންމެއަކަސް ނިއުޔޯކްގައި ހުކުރުދުވަހު ނިމުނު ސަރިޔަތުގައި ފަނޑިޔާރުގެ މުގުރުގެ އަޑާއެކު ނިމިގެން އެދިޔައީ އެމެރިކާގެ ތާރީޚުގައި ވަރަށް އާދަޔާޚިލާފު ބާބެކެވެ. މިވަގުތަކަށް ނިމިގެން އެދިޔައީ އެމެރިކާގެ ފަނޑިޔާރުގެޔާއި ޓްރަމްޕުގެ ކުރިމަތިލުންތަކުގެ ބާބެވެ. ނިމިގެން އެދިޔައީ ގާނޫނުގެ ދިގުއަތުގައި ނުޖެހުމަށް ޓްރަމްޕު ކުރެއްވި މަސައްކަތްތަކުގެ ބާބެވެ. މި ބާބު ނިމުމާއެކު މިމަހު ވިހިވަނަ ދުވަހު ދެންއޮތީ ރައީސްކަމުގެ ހުވާކުރައްވައި ވެރިކަމާ ހަވާލުވެވަޑައިގަތުމެވެ. ޖުރިމަނާކުރުމެއް، ޖަލުގެ ހުކުމެއް އިއްވުމަކާ ނުލައި މިކަން ނިމުނަސް އެ ނިމުމެއް ނިމިފައިވަނީ ޓްރަމްޕު ކުށެއް ނުކުރައްވާ ކަމަށް ނުވަތަ މުޅިން މައުސޫމްކަމަށް ނިމިގެނެއް ނޫނެވެ. ހާލަތުގެ ގޮތުން އަދަބެއް ނައީއެވެ. އެހެންވިޔަސް ކުށްވެރިވާކަމަށް ނިމިގެންނެވެ. އެހެންވީމާ ޓްރަމްޕު ހިމެނޭނީ ކުށްވެރިއެއް ކަމަށް ސަރިޔަތުން ސާބިތުވެފައިވާ ފުރަތަމަ ރައީސްކަމުގައެވެ. ސަރިޔަތުން ހުކުމެއް އިއްވި އަގުވެއްޓިފައިވާ ފުރަތަމަ ރައީސްކަމުގައެވެ.

މައްސަލަ ނިންމައިލައްވަމުން ފަނޑިޔާރު ވިދާޅުވިއެވެ. ކުރިއަށް އޮތްތަނުގައި ޓްރަމްޕަށް ފާގަތި ދުވަސްތަކަކަށް އެދެމެވެ. އެމެރިކާގެ މުޅި ތާރީޚުގައިވެސް ކުށްވެރިއެއްގެ މައްޗަށް ކުށްވެރިވާކަމުގެ ހުކުމްއިއްވުމަށްފަހު ކަލެއަށް ބާއްޖަވެރި ދުވަސްތަކަކަށް އެދެމޭ ފަނޑިޔާރަކު ވިދާޅުވި މިއީ ފުރަތަމަ ފަހަރެވެ. އެހެން ވިދާޅުވާންވެސް ޖެހުނީއެވެ. ޓްރަމްޕަކީ އަދި ހަފުތާއެއް ފަހުން ރައީސްކަމާ ހަވާލުވާންހުރި މީހާއެވެ. އެހެންވީމާ އެވަރުގެ މީހަކާ ޖެހިގަންނަން ކެރޭނެ ފަނޑިޔާރަކުވެސް ނުހުންނާނެތާއެވެ. ފަނޑިޔާރު އަދިވެސް ވިދާޅުވިއެވެ. މިއީ އަދި ދުވަހަކުވެސް އެމެރިކާގައި ތަޖުރިބާކުރަން ނުޖެހޭ ކަހަލަ މައްސަލައެކެވެ. މީގެކުރިން ދުވަހަކުވެސް ރިއާޔަތް ކުރަންނުޖެހޭ އެތައް ކަމަކަށް ރިއާޔަތް ކުރަންޖެހުނު މައްސަލައެކެވެ. އެމެރިކާގެ އަބުރާއި އިއްޒަތާއި ކަރާމާތަށްޓަކައި ގިނަގުނަ ވިސްނުންތަކެއް ވިސްނާން ޖެހުނު މައްސަލައެކެވެ. އެހެންވީމާ ހުކުމް ބައްޓަންވެގެންއައީ މިހުރިހާ ކަމަކަށް ރިއާޔަތް ކުރެވިގެންނެވެ.