ދަ ޑިމޮކްރެޓްސްގެ ވަގުތީ ރައީސަކަށް މަޑަވެލި ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު ހުސައިން ފިރުޝާން އިންތިހާބުކޮށްފިއެވެ.

ޑިމޮކްރެޓްސްގެ ރައީސަކަށް ހުންނެވި ހަސަން ލަތީފު، އެމްޑީޕީއާ ގުޅިވަޑައިގެންނެވުމަށް މަގާމުން އިސްތިއުފާދެއްވުމާ ގުޅިގެން ޑިމޮކްރެޓްސްގެ ވަގުތީ ރައީސް އިންތިހާބުކުރުމަށް މިރޭ ވަނީ އެ ޕާޓީގެ ނެޝަނަލް އެސެމްބްލީއެއް ބާއްވައިފައެވެ.

ޑިމޮކްރެޓްސްގެ ރައީސްކަމުގެ މަގާމު ހުސްވެއްޖެ ނަމަ، އެ މަގާމަށް ކުރިމަތިލެވެނީ ނައިބު ރައީސުންގެ ތެރެއިން ބޭފުޅަކަށް ކަމަށްވުމުން، އެ މަގާމަށް ކުރިމަތިލެއްވީ ނައިބު ރައީސުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ފިރުޝާނާއި އައިޝަތު އަލައިކާ އަދުނާނެވެ.

ޑިމޮކްރެޓްސްގެ ނައިބު ރައީސަކަށް ހުންނެވި މުހައްމަދު ޝިފާޒު ވެސް އެމްޑީޕީއާ ގުޅިވަޑައިގެންނެވުމަށް އިސްތިއުފާދެއްވުމުން، މިހާރު ޑިމޮކްރެޓްސްގެ ނައިބު ރައީސުންގެ ގޮތުގައި ތިއްބަވަނީ ވެސް ހަމައެކަނި ފިރުޝާނާއި އަލައިކާއެވެ.

ޑިމޮކްރެޓްސް އިން މިރޭ ބޭއްވި ނެޝަނަލް އެސެމްބްލީގައި 44 މެންބަރަކު ވޯޓު ދިން އިރު، އަލައިކާގެ މައްޗަށް ފިރުޝާން ކުރި ހޯއްދެވީ 15 ވޯޓުގެ ތަފާތަކުންނެވެ.

ޑިމޮކްރެޓްސް ދޫކޮށް، އެމްޑީޕީއާ ގުޅިވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި ހަސަން ލަތީފާއި ޝިފާޒްގެ އިތުރުން އެމްޑީޕީގެ ކުރީގެ ޕީޖީ ލީޑަރު އަލީ އާޒިމް އަދި އެސްޓީއޯގެ ކުރީގެ އެމްޑީ ހުސައިން އަމްރު ވެސް ހިމެނެއެވެ.