މިއަދުން ފެށިގެން ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ލަފާކޮށްފައިވާތީ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ރޭ އިލްތިމާސްކޮށްފިއެވެ.
އެންޑީއެމްއޭއިން ރޭ ނެރުނު ބަޔާނެއްގައި ބުނީ ރާއްޖޭގެ އިރުން ހުޅަނގުދެކުނު ބޭއޮފް ބަންގާލުގައި އުފެދިފައިވާ ކޮޅިގަނޑު ހުޅަނގަށް ޖެހި ރާއްޖޭގެ ސަރަހައްދުގައި ބޯ ވިއްސާރަ ވިލާ އުފެދި އިއްޔެ އިން ފެށިގެން އަންނަ ބުރާސްފަތު ދުވަހާ ހަމަޔަށް ރާއްޖޭގެ ބޮޑު ބަޔަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހި، ވަޔާ ކަނޑުގަދަވެ އަދި ބައެއް އަތޮޅުތަކަށް އުދައެރުމުގެ ފުރުސަތު އޮތް ކަމަށް މޫސުމާ ބެހޭ އިދާރާއިން މެޓް އޮފިހުން ލަފާކުރާ ކަމަށެވެ.
މޫސުން ގޯސްވުމުގެ ސަބަބުން ގޯތިގެދޮރާއި މުދަލަށް ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށް ގެތަކާއި ފިހާރަ، ގުދަން ފަދަ ތަންތަނުގެ ބޭރުގައި ފެން ނުވަންނަ ގޮތަށް ވެލިބަސްތާ ޖަހައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެމްޑީއެންއޭއިން ވަނީ އިލްތިމާސް ކޮށްފައެވެ.
- ގެއަށް ފެން ނުވަންނާނެހެން ގޭގެ ދޮރުމަތީ ވެލިބަސްތާ ފަދަ ތަކެތި ޖެއްސުން
- ފެންބޮޑުވާ ސަހަރައްދުތަކުގައި ސައިކަލުފަދަ ތަކެތި ޕާކު ނުކުރުން
- ފިހާރަ، ދުގަން، ރެސްޓޯރަންޓު އަދިވެސް އަގުބޮޑު މުދާ ރައްކާކޮށްފައިވާ ތަންތަނާއި މުދަލަށް ލިބިދާނެ ގެއްލުން ކުޑަކުރުމަށް ދުރާލާ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުން
- ފެންބޮޑުވެ ގެއްލުން ލިބިދާނެ ހިސާބުގައި ހުންނަ ކަށުގެ ބާވަތްތަކާއި ހިފާގެންގުޅޭ (ދޮންނަމެޝިން، އައިސްއަލަމާރި ފަދަ ތަކެތި) ފެންނުޖެހޭ ފަދަ އުސްތަނަކަށް ނުވަތަ ފެނުގެ އަސަރު ނުފޯރާނޭފަދަ ތަނަކަށް ބަދަލުކުރުން
- ވައިދަގަވާނެ ކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުން. ހާއްސަކޮށް ގަދަވައިގެ ސަބަބުން އެއްލާލާފަނެ ފަދަ ތަކެތި ރައްކާތެރި ކުރުން
- ބޭނުންނުކުރާ ނަމަ، ކަރަންޓު ސްވިޗުތައް ނިއްވާލާފައި ބެހެއްޓުން
- ކަނދުދަތުރުކުރާ ފަރާތްތަކުން ދަތުރު ފެށުމުގެ ކުރިން މެޓް އޮފީހުގެ އެންމެ ފަހުގެ މައުލޫމާތު ކަމާބެހޭ އިދާތާތަކުން ހޯދުން
- ދަތުރު ފެށުމުގެ ކުރިން މުވާސަލާތީ ހވަސީލަތްތަކާއި ސަލާމަތީ އާލާތްތައް ހުރިކަން ކަށަވަރު ކުރުން
- ހާއްސަކޮށް މާލޭގައި ފެންބޮޑުވެފައިވާ ހާލަތެއްގައި ބަރު އުޅަނދު ނުދުއްވުން
މެޓް އޮފީހުން ވަނީ މިއަދުން ފެށިގެން އަންނަ ހޮނިހިރު ދުވަހާ ހަމައަށް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެ ކަމަށް ލަފާކޮށްފައެވެ. އެގޮތުން ބައެއް ރަށްރަށަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
މެޓުން ވަނީ އުތުރާއި މެދު ރާއްޖެތެރޭގެ ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރުމުގެ ފުރުސަތު އޮތް ކަމަށް ވެސް ލަފާކޮށްފައެވެ. އަދި 15 މޭލާއި 25 މޭލުގު ބާރު މިނެއްގައި ވައިޖެހި، ވިލާގަނޑުގައި 45 މޭލަށް ވައިޖެހޭނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު