ލޮސް އެންޖެލްސްގައި ރޯވަމުންދާ އަލިފާނުގެ ހާދިސާތަކުގެ ތެރޭގައި، ކިމް ކާޑަޝިއަން އޭނާގެ އަންނައުނު ބްރޭންޑް ސްކިމްސްގެ ފިނިމޫސުމުގެ ވިއްކުން ޕްރޮމޯޓްކުރުމާ ގުޅިގެން ވަނީ ފާޑުކިޔުންތަކަކާ ކުރިމަތިލާންޖެހިފައެވެ.

ނަމަވެސް އެކަމާ މާބޮޑު ސަމާލުކަމެއް ނުދީ މި ރިއަލިޓީ ޓީވީ ތަރި ވަނީ އެންމެ ބޮޑު މަސައްކަތެއް ކުރަމުން އަންނަ، އަލިފާން ނިއްވުމުގެ މަސައްކަތްކުރާ މީހުންނަށް ލިބޭ ކުޑަ މުސާރައާ ބެހޭގޮތުން ހޭލުންތެރިކަން އިތުރުކުރުމަށް ވަރަށް ބޮޑަށް މަސައްކަތްކުރަން ފަށައިފައެވެ.

އިއްޔެ، ކިމް އޭނާގެ އިންސްޓަގްރާމް ސްޓޯރީގައި ދިގު ނޯޓެއް ލިޔުނެވެ: އެ ނޯޓުގައި ބުނެފައިވަނީ މިދިޔަ ހަފުތާގައި ބަލަމުން މިދިޔައީ އަމިއްލަ އަވަށް އަނދަމުންދާ މަންޒަރުތައް ކަމަށެވެ. މުޖުތަމައު ސަލާމަތްކުރުމަށް ރެޔާއި ދުވާލު މަސައްކަތްކުރަމުން އަންނަ އަލިފާން ނިއްވާ މީހުންނާ ވާހަކަދެއްކި ކަމަށާއި ލޮސް އެންޖަލެސްގެ 5 އަލިފާނުގެ ހާދިސާގެ ތެރެއިން، އެންމެންގެ ފުރާނަ ސަލާމަތްކުރުމަށް އެމީހުންގެ ފުރާނަ ނުރައްކަލަށް ހުށަހަޅައިގެން އެތައް ސަތޭކަ މީހުން އެބަ ތިބި ކަމަށް އޭނާގެ ޕޯޓުގައި ބުންޏެވެ. އެމީހުން ގެންދަނީ ޕެލިސޭޑްސް ފަޔަރ އަދި ޕަސަޑީނާގެ އީޓަން ފަޔަރގެ ތެރޭގައި 24 ގަޑިއިރުގެ ޝިފްޓްތަކުގައި މަސައްކަތްކުރަމުން ކަމަށްވެސް އޭނާ ބުންޏެވެ.

ކިމް އިތުރަށް ބުނީ އެމީހުންނަށް ލިބޭ އާމްދަނީ އަކީ އެއްވެސް އެއްޗެއް ނޫންކަމަށެވެ. އެމީހުން ކުރަނީ ފުރާނަ ނުރައްކަލަށް ހުށަހަޅައިގެން ކުރާ މަސައްކަތެއް ކަމަށާއި އޭގެ ތެރެއިން ބައެއް މީހުން ވަނީ މަސައްކަތުގެ ތެރޭގައި މަރުވެސް ވެފައި ކަމަށް އޭނާ ބުންޏެވެ.

އެމީހުންނާ މެދު ދެކެނީ ބަތަލުންގެ ގޮތުގައި ކަމަށާއި ފުރާނަ ނުރައްކަލަށް ހުށަހެޅުމުގެ އަގެއްގެ ގޮތުގައި އެމީހުނަށް ލިބެނީ ގަޑިއިރަކަށް އެންމެ 1 ޑޮލަރުކަމަށް ކިމް ބުންޏެވެ. އަދި މި މުސާރައަށް 1984 އިން ފެށިގެން އެއްވެސް ބަދަލެއް ގެނެސްފައި ނުވާ ކަމަށްވެސް ބުންޏެވެ.

އަގުތައް މައްޗަށް ދާ ވަރަށް، އެ މުސާރަ މައްޗަށް ނުދާ ކަމަށާއި އަލިފާނުގެ ހާދިސާތައް ގިނަވެ، ގިނަ ބަޔަކު މަރުވިޔަސް އެ މުސާރަ މައްޗަކަށް ނުދާކަން ކިމް ފާހަގަކުރިއެވެ. މި އަހަރު އަލިފާން ނިއްވާ މީހުންގެ މުސާރަ ގަޑިއިރަކު 5 ޑޮލަރަށް ބޮޑުކުރުމަށް އެއްބަސްވި ނަމަވެސް، އެންމެ ފަހު ވަގުތު އެކަން ވެސް ކޮށްފައި ނުވާ ކަމަށް ކިމް ބުނެފައިވެއެވެ.

ކެލިފޯނިއާގެ ގަވަރުނަރު ގެވިން ނިއުސަމް ޓެގްކޮށް، އަލިފާން ނިއްވާ މީހުންގެ މަސައްކަތަށް "ގަދަރުކުރާ" އަގަކަށް މުސާރަ މުރާޖައާކޮށްދިނުމަށް ކިމް އެދިފައިވެއެވެ. އޭނާގެ ބްރޭންޑް އެސްކޭކޭއެންގެ އިންސްޓަގްރާމް ސްޓޯރީއެއް ރީޕޯސްޓްކުށް އޭގައި ލޮސް އެންޖެލެސްގެ އަލިފާނުގެ ހާދިސާތަކުގެ ސަބަބުން ލިބޭ ގެއްލުންތަކާ ކުރިމަތިލަމުންދާއިރު، މިކަމުގެ އަސަރުކުރި އެންމެންނާއެކު ހުރިކަމަށް ބުނެފައިވެއެވެ. އަދި މި އުނދަގޫ ދަނޑިވަޅުގައި އެހީތެރިވުމަށް އަޒުމު ކަނޑައަޅާފައިވާކަމަށްވެސް ބުނެފައިވެއެވެ.