ލޮސް އެންޖެލެސްއަށް ކުރިމަތިވެފައިވާ އަލިފާނުގެ ހާދިސާތަކާ ގުޅިގެން، އެ ސަރަހައްދުގައި ޚިދުމަތް ފޯރުކޮށްދޭ ޖަމިއްޔާތަކަށް އެހީތެރިވެދޭނެ ކަމަށް ވޯލްޑް ޑިސްނީ ކުންފުނިން ބުނެފިއެވެ. ހޮލީވުޑް ރިޕޯޓުތަކުގައި ބުނެފައިވާ ގޮތުން، "ފުރަތަމަ އަދި ވަގުތުން އަޅަން ޖެހޭ ފިޔަވަޅުތަކަށާއި އަލުން ބިނާކުރުމުގެ މަސައްކަތްތަކަށް" ޑިޒްނީން 15 މިލިއަން ޑޮލަރު ހަދިޔާކުރުމަށް ނިންމާފައިވާނެ އެވެ.

އެ ފައިސާ ހާއްސަކުރެވޭނީ އެމެރިކަން ރެޑް ކްރޮސްއަށާއި، ލޮސް އެންޖެލެސް ފަޔަރ ޑިޕާޓްމަންޓް ފައުންޑޭޝަނަށާއި، ލޮސް އެންޖެލެސް ރީޖަނަލް ފުޑް ބޭންކަށާއި އެހެނިހެން ޖަމިއްޔާތަކަށެވެ.

ޑިސްނީގެ ސީއީއޯ ބޮބް އައިގަރ ވިދާޅުވީ ލޮސް އެންޖެލްސްއަށް ދިމާވެގެން އުޅޭ ހިތާމަވެރި ހާދިސާ ދެމިގެންދާއިރު، މުޖުތަމައަށާއި މުވައްޒަފުންނަށް އެހީތެރިވުމަށް އެ ކުންފުނިން ވަނީ އަޒުމު ކަނޑައަޅާފައި ކަމަށެވެ. މި ގެއްލުމުން އަރައިގަތުމަށާއި އަލުން ބިނާކުރުމަށް އެންމެން އެކުގައި މަސައްކަތްކުރާނެކަމުގެ ޔަގީންކަންވެސް އޭނާ ދެއްވާފައިވެއެވެ.

ޕެރަމައުންޓް ގްލޯބަލް ހިންގުމުގެ ވެރިން ކަމުގައިވާ ބްރަޔަން ރޮބިންސް، ކްރިސް މެކާތީ އަދި ޖޯޖް ޗީކްސް ވެސް މުވައްޒަފުންނަށް މެމޯއެއް ފޮނުއްވައި، އެ ކުންފުނިން ލޮސް އެންޖެލެސް ފަޔަރ ޑިޕާޓްމަންޓް ފައުންޑޭޝަނަށާއި، ކެލިފޯނިއާ ފަޔަރ ފައުންޑޭޝަނަށާއި، ރެޑް ކްރޮސްއަށާއި، ޑައިރެކްޓް ރިލީފަށާއި، ވޯލްޑް ސެންޓްރަލް ކިޗަނަށާއި، ބެސްޓް ފްރެންޑްސް އެނިމަލް ސޮސައިޓީއަށް 1 މިލިއަން ޑޮލަރު ހަދިޔާކުރާނެކަމަށް ބުނެފައިވެއެވެ.