ޖެޖޫ އެއާ ފްލައިޓުގެ ފަހު ހަތަރު މިނެޓުގެ ރެކޯޑިން ކަޅު ފޮށީގައި ނެތް ކަމަށް ދެކުނު ކޮރެއާއިން ބުނެފިއެވެ.

ދެކުނު ކޮރެއާގެ ޓްރާންސްޕޯޓު މިނިސްޓްރީން އާންމު ކޮށްފައިވާ މައުލޫމާތުގައި ވަނީ ޖެޖޫ އެއާގެ ފްލައިޓު ގޮވުމުގެ ހާދިސާގެ ތަހުގީގަށް އެ ފްލައިޓުގެ ކަޅު ފޮށި ތަހުލީލު ކޮށްފައިވާ ކަމަށާއި އޭގައި ހާދިސާ ހިނގި ވަގުތުގެ އެއްވެސް މައުލޫމާތެއް ނެތް ކަމަށެވެ.

ތަހުގީގުކުރާ ޓީމުން ވަނީ ކަޅުފޮށި ފެނިފައިވުމާއެކު އެއިން ލިބޭ މައުލޫމާތުތަކަށް ރިއާޔަތްކޮށް ތަހުގީގަށް މުހިންމު މައުލޫމާތު ލިބޭނެ ކަމަށް އުއްމީދުކޮށްފައެވެ.

އެ ފްލައިޓުގެ ކަޅުފޮށި ފެނުނުއިރުވެސް އެއަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާކަމަށް އޮފިޝަލުން ބުނެއެވެ. ނަމަވެސް އިތުރަށް ތަހުލީލު ކުރުމަށް އެ ކަޅުފޮށި ވަނީ އެމެރިކާއަށް ފޮނުވައި އެ ގައުމުގެ އެކްސްޕާޓުންގެ ޓީމެއް މެދުވެރިކޮށް އިތުރަށް ތަހުލީލުކޮށްފައެވެ.

މިދިޔަ ޑިސެމްބަރުގެ 29 ވަނަ ދުވަހު 181 މީހުންނާއެކު ބެންކޮކުން ކޮރެއާގެ މުއާން އަށް ދަތުރުކުރި އެ ފްލައިޓު ރަންވޭގައި ޖެއްސި ނަމަވެސް ރަންވޭގެ ނިމޭ ކޮޅުގައި ހުރި ފާރެއްގައި ޖެހި ވަނީ ގޮވައިފައެވެ. އެ ހާދިސާގައި ސަލާމަތް ވެފައިވަނީ ފްލައިޓުވެ އެންމެ ފަހަތުގައި ތިބި ދެ ކުރޫއިން ކަމަށް އޮފިޝަލުން ބުނެއެވެ.