ރައީސް ޑރ. މުހައްމަދު މުއިއްޒު، އެސްޓޯނިއާއަށް ރަސްމީ ދަތުރުފުޅެއްގައި ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.
ރައީސްގެ މި ދަތުރުފުޅަކީ އެސްޓޯނިއާގެ ރައީސް އަލާރް ކާރިސްގެ ދައުވަތަކަށް މި މަހުގެ 13 އިން 16 އަށް ކުރައްވާ ދަތުރުފުޅެކެވެ. މިއީ ރާއްޖޭގެ ރައީސަކު އެސްޓޯނިއާއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.
ރައީސް އޮފީހުން ބުނީ، ރައީސްގެ މި ދަތުރުފުޅުގައި އެއް ގައުމުން އަނެއް ގައުމަށް އިތުރަށް އެއްބާރުލުން ދިނުމާއި ޑިޖިޓަލް، ސައިބާ އަދި އީ-ގަވަނަންސް، މޫސުމީ ބަދަލު، ތިމާވެށީގެ މައްސަލަތައް އަދި ސައިންސާއި ތައުލީމީ ދާއިރާގައި އެކުގައި ކުރެވިދާނެ މަސައްކަތްތަކުގެ މައްޗަށް ސަމާލުކަން ދެއްވާނެ ކަމަށެވެ.
މި ދަތުރުފުޅުގައި ރައީސް ޑރ. މުއިއްޒު އެސްޓޯނިއާގެ ރައީސް ޑރ. އަލާރް ކަރިސް އާއި އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް ލޯރީ ހުއްސާރް އާއި އެ ގައުމުގެ އެކި ވަޒީރުންނާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ.
އެގޮތުން ރައީސް ބައްދަލުކުރައްވަން ހަމަޖެހިފައިވާ މިނިސްޓަރުންނަކީ މިނިސްޓާ އޮފް އެޑިއުކޭޝަން އެންޑް ރީސާޗް ކްރިސްޓީނާ ކެލަސް، މިނިސްޓާ އޮފް ކްލައިމެޓް ޔޯކޯ އަލެންޑާ، މިނިސްޓާ އޮފް ހެލްތު ރީނާ ސިކުޓް، މިނިސްޓާ އޮފް ޖަސްޓިސް އެންޑް ޑިޖިޓަލް އެފެއާޒް ލީސާ-ލީ ޕަކޮސްޓާ އަދި ސެކްރެޓަރީ ޖެނެރަލް އޮފް ފޮރިން އެފެއާޒް ޖޮނަތަން ސެވިއޮވްއެވެ.
ރައީސް އޮފީހުން ބުނީ ރައީސްގެ މި ދަތުރުފުޅުގައި އެސްޓޯނިއާގެ އެސްޓޯނިއާގެ ދެވަނައަށް އެންމެ ބޮޑު ސިޓީ، ޓާރްޓޫއަށްވެސް ޒިޔާރަތް ކުރައްވާނެ ކަމަށެވެ. އެ ޒިޔާރަތުގައި ކްލިނިކަލް މެޑިސިންގެ ދާއިރާގައި މުޅި ދުނިޔޭގައިވެސް ހަވާލާދެވޭ ޔުނިވާސިޓީތަކާއި ސައިންޓިފިކް މުވައްސަސާތަކުގެ ތެރެއިން އެންމެ މަތީ ގިންތީގައި ހިމެނޭ ޔުނިވާސިޓީ އޮފް ޓާރްޓޫއަށް ޒިޔާރަތް ކުރައްވައި އެ ޔުނިވާސިޓީގެ ދިރާސާތައް ބައްލަވާލައްވައި، އެސްޓޯނިއަން ޖީނޯމް ސެންޓަރާއި ގްރީނާޖީ ޑޭޓާ ސެންޓަރަށް ޒިޔާރަތް ކުރައްވާނެ ކަމަށް ބުންޏެވެ.
ރައީސް އޮފީހުން އިތުރަށް ބުނީ ރައީސްގެ މި ދަތުރުފުޅުގައި އީޖާދީ އުފެއްދުންތެރިކަމާއި އަދި ފަންނިއްޔާތުގެ ދާއިރާގައި އެސްޓޯނިއާ އިން ހޯދާފައިވާ ކުރިއެރުންތަކުގެ މައްޗަށް މަޝްވަރާ ކުރައްވާނެ ކަމަށެވެ. އަދި އެސްޓޯނިއާގެ ރައީސަށް ލަފާއަރުވާ ޑިޖިޓަލް އެޑްވައިޒަރީ ކައުންސިލުން އިންތިޒާމުކުރާ ރައުންޑް ޓޭބަލް ބައްދަލުވުމެއްގައިވެސް ރައީސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު