ހުޅުމާލެ ދެވަނަ ފިޔަވަހީގައި ސްޓެލްކޯއިން ގާއިމުކުރި ސަބްސްޓޭޝަންގެ މަސައްކަތް ކާމިޔާބުކަމާއެކު ނިންމާލައިފި އެވެ.

ސްޓެލްކޯގެ އެކްސް ޕޯސްޓުގައި ބުނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ގާއިމުކޮށްފައިވާ 132 ކޭވީގެ ހައިވޯލްޓޭޖް ސަބްސްޓޭޝަން ގްރޭޓާމާލެ އިންޓަކަނެކްޝަން ގްރިޑާ ގުޅައިލުމަށް ކުރި މަސައްކަތް ކާމިޔާބުކަމާއެކު ނިންމާލައިފިކަމަށެވެ.

އެ މަސައްކަތް ކުރިއަށްގެންދިއުމަށް ޓަކައި މާލޭގެ 10 ސަރަހައްދަކުން ކަރަންޓުގެ ހިދުމަތް މެދުކަނޑާލަން ޖެހޭނެ ކަމަށް ކުރިން އަންދާޒާކޮށް ސްޓެލްކޯއިން މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހު ބުނީ މާލެ އަދި ހުޅުމާލެ ހިމެނޭހެން ހުކުރު ދުވަހުގެ ހެނދުނު 06:00 އާއި 08:00 އާ ދެމެދު އެއްގަޑިއިރުގެ ވަގުތަކަށް މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑިދާނެ ކަމަށެވެ.

"ނަމަވެސް، މޫސުން ތަންދިނުމާއެކު މާލޭގެ 2 ސަރަހައްދަކުން އެއްގަޑިއިރަށްވުރެވެސް މަދު ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތް މެދުކަނޑާލައިގެން މި މަސައްކަތް ވަނީ ނިންމާލެވިފައި. މިކުންފުނީގެ ހިދުމަތް އިތުރަށް ފުޅާކޮށް، ފުރިހަމަ ކުރުމަށްޓަކައި ކުރެވޭ މިފަދަ މަސައްކަތްތަކުގައި ކަސްޓަމަރުންގެ ފަރާތުން އަބަދުވެސް ލިބެމުން އަންނަ އެއްބާރުލުމަށް ޝުކުރު ދަންނަވަން." ސްޓެލްކޯއިން ބުންޏެވެ.

ސްޓެލްކޯގެ ޓްރާންސްމިޝަން އެންޑް ޑިސްޓްރިބިއުޝަންގެ ޖެނެރަލް މެނޭޖަރު އިބްރާހިމް ނާޝިދު ވިދާޅުވީ އެ ސްޓޭޝަނުގެ ސަބްސްޓޭޝަން ޓެސްޓުކޮށް އެ ސްޓޭޝަނުގެ މަސައްކަތް 6:00 ގައި ފަށައި އެ މަސައްކަތް ނިންމާލީ 7:30 ގައި ކަމަށެވެ.