ފިނި މޫސުމުގެ ބްރޭކަށްފަހު ޖަރުމަނު ލީގު އަލުން ފެށި މެޗުގައި ޑޯޓުމުންޑްގެ މައްޗަށް އެންމެފަހުގެ ޗެމްޕިއަން ބަޔާން ލެވަކޫސަން ކުރި ހޯދައިފިއެވެ.

ރަށުން ބޭރުގައި ރޭ ލެވަކޫސަން މޮޅުވީ 3-2ގެ ނަތީޖާ އަކުންނެވެ. މެޗަށް ނުކުތްއިރު، ޑޯޓްމުންޑް މި ސީޒަނުގެ ހޯމް މެޗެއްގައި ބަލިވެފައި ނުވާއިރު، ރޭގެ ނަތީޖާ އާއެކު ލީގު ރޭހުގައި ލެވަކޫސަންއަށް ވަނީ އުންމީދެއް ލިބިފައެވެ.

މި ވަގުތު ބަޔާން މިއުނިކް އެއްވަނައިގައި 15 މެޗުން 36 ޕޮއިންޓާއެކު އޮތްއިރު، ލެވަކޫސަން ދެވަނައިގައި އޮތީ 16 މެޗުން 35 ޕޮއިންޓާއެކުގައެވެ. ތިންވަނައިގައި އޮތް ފްރެންކްފާޓާއި ލެއިޕްޒިގަށް 15 މެޗުން 27 ޕޮއިންޓް ލިބިފައިވާއިރު، ފަސްވަނައިގައި އޮތް މެއިންޒާއި ހަވަނައިގައި އޮތް ޑޯޓްމުންޑަށް ލިބިފައިވަނީ 25 ޕޮއިންޓެވެ. މެއިންޒް 15 މެޗު ކުޅުނުއިރު، ޑޯޓްމުންޑް ވަނީ 16 މެޗު މިހާތަނަށް ކުޅެފައެވެ.

ރޭގެ މެޗު ފެށިގެން އެންމެ 24 ސިކުންތު ތެރޭގައި ލެވަކޫސަން ވަނީ ލީޑު ނަގައިފައެވެ. އެ ގޯލަކީ ނޭތަން ޓެލާއަށް ލިބުނު ބޯޅައެއްގައި ވައި ތެރޭގައި ބޯޅަ އޮއްވައި އެއްފަހަރުން ފޮނުވާލައިގެން އޭނާ ޖެހި ގޯލެކެވެ.

އޭގެ ހަތް މިނެޓް ފަހުން، ޕިއޭރޯ ހިންކާޕީ ނެގި ހުރަހަކުން ޕެޓްރިކް ޝިކް ޖަހައިދިން ގޯލާއެކު ލެވަކޫސަން އިން ނަތީޖާގެ ފަރަގު ބޮޑުކޮށް، ޑޯޓުމުންޑް ހާސްކޮށްލިއެވެ. އެ ދެ ގޯލާއެކު ލެވަކޫސަން ހަމަޖެހިލި ނަމަވެސް، 12 ވަނަ މިނެޓުގައި ޖޭމީ ގިޓެންސް ވަނީ ޑޯޓްމުންޑަށް ގޯލު ޖަހައި، ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ.

ހާފު ނިމުމުގެ ކުރިން ޝިކްގެ އިތުރު ގޯލަކާއެކު ލެވަކޫސަން އަނެއްކާވެސް ދެ ގޯލުގެ ލީޑެއް ނެގި އިރު، ޑޯޓްމުންޑަށް ދެވަނަ ހާފުގައި ގޯލު ޖަހައި ދިނީ ސެރްހޫ ގުއިރާސީއެވެ. އެއީ ޕެނަލްޓީއަކުންނެވެ.